ރިންގް ރޯޑް

ވެލި ޕާކް ނެގުމުން ގެއްލުންދެވެނީ ރައްޔިތުންނަށް: މުއިއްޒު

Aug 22, 2020

މާލޭގެ ރަސްފަންނުގައި އޮތް ވެލިޕާކް ނަގައި އެ ސަރަހައްދު، ރިންގު ރޯޑު، ބޮޑުތަކުރުފާނު މަގާ ގުޅުވާލުމުން ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެ އެވެ.

މާލޭގެ ގިނަ ބަޔަކު ބޭނުން ކުރި ވެލި ޕާކް ހިމަނައިގެން ރަސްފަންނު ތަރައްގީ ކުރެއްވި މިނިސްޓަރު މިއަދު ވިދާޅުވީ ވެލި ޕާކް ނަގައި ބޮޑުތަކުރުފާނު މަގަށް ލުމަކީ ތޮއްޖެހިފައިވާ މާލޭގައި އާއިލާތަކާއި ކުޑަކުދިންނާއި އިސް ރަށްވެހިންނާއި ރަހުމަތްތެރިން ރައްކާތެރި ކަމާއި ހިތްހަމަޖެހުމާއެކު ނުކުމެލާއި ހިތްފަސޭ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ހެދިފައި ހުރި އެންމެހާ ތަންތަން ވީރާނާކޮށް ނެތި ކޮށްލުން ކަމަށެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ އޭރަށް އެ ގެއްލުން އެދެވެނީ ރައްޔިތުންނަށް ކަމަށެވެ.

ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓް

މާފަންނު ރަސްފަންނުގެ ބައެއްގެ ގޮތުގައި ހިމަނައި ބޮޑު ތަކުރުފާނު މަގުން ވެލި އަޅައި ހުސްފައިގައި އުޅޭ ގޮތަށް ބަންދު ކޮށްފައި އޮތް ވެލި ޕާކް އަލުން ރިންގު ރޯޑް ތެރެއަށް ވައްދައި އާންމު އެއްގަމު ދަތުރުތަކަށް ބޭނުން ކުރެވޭނެ ގޮތަށް ދޫކޮށްލައީ މިދިއަ އަންގާރަ ދުވަހުން ފެށިގެނެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ރަސްފަންނު ތަރައްގީ ކުރިއިރު ބޮޑު ތަކުރުފާނު މަގުން ބައެއް ރަސްފަންނުގައި ހިމެނި އެވެ. އަދި އެތާނގެ ބަޔަކަށް ވެލި އަޅާ ބަންދުކޮށް އާންމުންނާއި ކުޑަކުދިން ކުޅޭނެ ސަރަހައްދެއް ގާއިމްކޮށްފައި އޮތެވެ، ނަމަވެސް ކުރީގެ ރައިވެރިޔާ ރެސްޓޯރެންޓާ ހަމައިން ކުރީގެ ވެސްޓް ޕާކާއި ހަމަޔަށް ބަންދު ކޮށްފައިވާ އެބައި އަލުން ރިންގު ރޯޑް / ބޮޑުތަކުރުފާނު މަގުގެ ތެރެއަށް މިހާރު ވަނީ ވައްދާފަ އެވެ.

އެބައި މައި މަގާ ގުޅުވާ ހުޅުވާލީ މާލޭގެ މަގުތައް ތަރައްގީ ކުރަން އާރްޑީސީ އާއި ހަވާލުކޮށްފައިވާ ޕްރޮޖެކްޓްގެ މަސައްކަތް ފަށަން ކަނބާ އައިސާރަނި ހިނގުން ބަންދު ކުރަން ނިންމާފައިވާތީ ކަމަށް މީގެ ކުރިން މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. އެ މަގު ބަަންދު ކުރުމުން ޓްރެފިކް މައްސަލަ އިތުރުވާނެ ނަމަވެސް ބޮޑުތަކުރުފާނު މަގުން ރަސްފަންނަށް ވައްދާފައިވާ އެ ބައި ހުޅުވުމުން ޓްރެފިކް ފްލޯއަށް ލުއެއް ލިބިގެންދާނެ ކަމަށް ވެސް ކައުންސިލުން ބުނެފައި ވެއެވެ.

ވެލިޕާކް ހުޅުވާފައިވާއިރު އެތާނގައި ބަހައްޓާފައިވާ ޖޯލިތަކާއި ހައްދާފައިވާ ބޮޑެތި ގަސްތައް ވަނީ އެތަނުން ނަގައި ގެންގޮސްފަ އެވެ.