ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތުގައި ހިމެނޭ ބައެއް މަސައްކަތްތައް ފެށުމަށްޓަކައި ރަސްފަންނަށް މާދަމާ އިން ފެށިގެން މޫދަށް އެރުން މަނާކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ 500 އަކަމީޓަރުގެ ބޮޑުމިނުގެ ސަރަޙައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
އެހެންވެ އެ ސަރަހައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް މާދަމާ ހެނދުނު 9:00 ގައި ފަށާނެ ކަމަށް ކައުންސިލުން ބުންޏެވެ.
"ވީމާ މި މަސައްކަތް ފެށި ކުރިއަށްދާ މުއްދަތުގައި މަސައްކަތް ނިމެންދެން ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބަންދުކުރެވިފައި ހުންނާނެ ވާހަކަ ދަންނަވަމެވެ،" އިއުލާންގައިވެ އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ރަސްފަންނު މަރާމާތު ކުރުމަށްފަހު ދެން އެ ތަން ވީރަނަވާން ދޫކޮށް ނުލައްވާނެ ކަމަށާއި ދެން ރަސްފަންނު ބަލަހައްޓަމުން ދާނީ ސީދާ މާލެ ސިޓީ ކައުންސިލުން ކަމަށެވެ.
މޭޔަރު ވިދާޅުވީ ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް ފަށާތާ ދެ ތިން މަސް ދުވހުގެ ތެރޭގައި މަސައްކަތް ނިންމާލާނެ ކަމަށެވެ. އަދި މަސައްކަތް ނިމޭއިރު ރަނގަޅު ފެންވަރެއްގައި ތަން ހެދި ބީޗާއި ހަޓުތައް ވެސް ރީތި ވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
"އެކަމުގެ އުފާވެރި ހަބަރު ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ދެން. މާލެ ސިޓީގެ ރައްޔިތުން ބޭނުންވާ ކަންކަން ކުރިއާލާ ދެނެގަނެ، އެ ކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން" މޭޔަރު ވިދާޅުވި އެވެ.
ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް މާދަމާ ފެށުމަށް ނިންމާފައި މިވަނީ މިދިޔަ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްފަންނަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.