މާލޭގެ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކް ކުރުމަށް ކުއްޔަށް ދޫކުރި ޕާކިން ސްލޮޓްތަކާ މެދު ޝަކުވާ ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޕާކިން ސްލޮޓް ލިބުނު މެސެޖަށްފަހު އިތުރު މުއާމަލާތެއް ނުކުރާ މީހުންނާއި
ޕާކިން ސްލޮޓް ލިބުނުކަން އެންގުމަށްފަހު އެއްބަސްވުން ނަހަދާ މީހުންނާ އަދި ޕާކިން ސްލޮޓްތަކާ ގުޅޭ އިތުރު ޝަކުވާއެއް އޮތް ނަމަވެސް ހުށަހެޅުމަށް އެދޭ ކަމަށެވެ.
ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.
އޮންލަންކޮށް ނަމަ ޝަކުވާ ހުށަހަޅަންޖެހެނީ މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓްގައިވާ ޕޯޓަލް މެދުވެރިކޮށެވެ. ހާޒިރުވެގެން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ މާލެ ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކާ ބެހޭ ބަޔަށް ހާޒިރުވެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.
މާލޭގެ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކް ކުރުމަށް ގިނަ އަދަދެއްގެ ޖާގަތައް ކުއްޔަށް ދޫކުރީ މާލޭގެ މޭޔަރުގެ މަގާމުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު އެވެ. އޭރު އެކަމާ ދެކޮޅަށް އާންމުންގެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށފްައިވެ އެވެ.
ޕާކިން ސްލޮޓްތަކާ މެދު އާންމުންގެ ޝަކުވާއަށް ހުޅުވާލާފައި މިވަނީ ސްލޮޓް ލިބުނު ގަވައިދުން ކުލި ނުދައްކާ މައްސަލަތަކާއި އުސޫލުތަކާ ހިލާފަށް ޕާކިން ސްލޮޓް ބައެއް މީހުންނަށް ދީފައިވާ ކަމަށް ބުނެ މާލޭގެ މިހާރު މޭޔަރު އާދަމް އާޒިމަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އެކަންކަން ބެލުމަށެވެ.