ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.
ސަލްޓަން ޕާކު މަރާމާތު ކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފައި މިވަނީ ސަލްޓަން ޕާކާއި ރަސްފަންނުގެ ހާލަތު ބައްލަވާލެއްވުމަށްފަހު އެ ތަންތަނުގެ ހާލަތު ހުރި ގޮތް ފެނިފައި ހިތާމަކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އެކްސްގައި ވިދާޅުވެފައި ވަނިކޮށެވެ.
ރަސްފަންނާއި ސަލްޓަން ޕާކަކީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނެވެ.
ރައީސް މުއިއްޒު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓަށްފަހު މާލެ ސިޓީ ކައުންސިލުން ކުރި އިއުލާންގައި ވަނީ ސަލްޓަލް ޕާކު މަރާމާތުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފަ އެވެ.
ބީލަން ހުށަހަޅަން ޖެހެނީ މި މަހު 24 ވަނަ ދުވަހު އެވެ. ބީލަމުގައި ބައިވެރިވެވެނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް އެކަންޏެވެ.
ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ހަގު ދަރިކަލުން އިއްޔެ ރަސްފަންނާއި ސަލްޓަން ޕާކަށް ޒިޔާރަތް ކުރެއްވުމަށްފަހު އެ ތަންތަން އަލުން ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެ އެވެ.
"މި ދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ، ކުރިއަށްވުރެ ވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރާނެ،" ރައީސް ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސަލްޓަން ޕާކާއި ރަސްފަންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭރުގެ ހައުސިން މިނިސްޓަރުގެ ގޮތުގައި ރައީސް ޑރ. މުއިއްޒު ހުންނަވައިގެން ތަރައްގީކޮށްފައިވާ ތަންތަނެވެ.
މި ދެ ތަނަކީ މާލޭގެ ތޮއްޖެހިފައިވާ މާހައުލުގައި ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދިނުމަށް ހާއްސަކޮށް ތަރައްގީ ކުރެވުނު ދެ ތަނެވެ.
ރަސްފަންނާއި ސަލްޓަން ޕާކް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓެމުން ނުދާކަމުގެ ޝަކުވާ މާލޭގައި ދިރިއުޅޭ ވަރަށް ގިނަ ރައްޔިތުން ކުރެ އެވެ.