ރާއްޖޭގެ އިތުރުން މުޅި އިސްލާމީ ދުނިޔޭގައި ވެސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ވަރަށް މަޝްހޫރު އެހާ ނުފޫޒު ގަދަ ބޭފުޅެކެވެ. ވަރަށް ބޮޑު އިލްމުވެރިއެކެވެ. އިސްލާމީ ގައުމުތަކުގެ އެންމެ ނުފޫޒުގަދަ 500 ބޭފުޅުންގެ ތެރޭގައި ވެސް ޝަހީމް ހިމެނިވަޑައިގަންނަވަ އެވެ. ރާއްޖެއަށް ވަރަށް ހިދުމަތްތެރި ބޭފުޅެކެވެ. ދައުލަތުގެ ވަރަށް ގިނަ މަގާމުތައް އޭނާ ފުރުއްވާފައިވެ އެވެ. ދިވެހި ސިޔާސީ ދަނޑުގައި ވެސް އެއީ ހިނގާ ލީޑަރެކެވެ.
ވަޒީރު ކަމުގެ އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމު ވެސް ފުރުވެއްވި ޝަހީމް އެއީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރެވެ. އަދި އެއީ އެ ޖަމިއްޔާގެ ފިކުރީ ގޮފީގެ ވެރިޔާއަށް ވުމުން އޭނާ ވެފައި ވަނީ މުސްލިމް ގައުމުތަކުގެ ވަރަށް ބޮޑު ފަހުރަކަށެވެ.
ޝަހީމަކީ މަޝްހޫރު އަރަބިއްޔާ ސުކޫލުން ފާސް ނުވެގެން ކަނޑާލި ދަރިވަރެކެވެ. އެހެންވެ ކުރިޔަށް ވަޑައިގަތުމުގެ ހަރުފަތުގައި މިހާރު އެ ހުންނެވި ހިސާބަށް ޝަހީމަށް ވަޑައިގެންނެވީ ވަރަށް ހިތްވަރު ކުރައްވައި ވަރަށް އުނދަގޫ ހުރަސްތައް ގިރާ ކުރައްވައިގެނެވެ. އެތައް ބޮނޑި ބޮއި އެތައް ހިތި ތަޖުރިބާއަށް ފަހު އެވެ.
ޝަހީމް ވިދާޅުވާ ގޮތުގައި 1992 ވަނަ އަހަރު އަރަބިއްޔާއިން އޭނާ ވަކިކުރުމުން އެކަމާ އޭނާގެ ބައްޕަ ވަރަށް ހިތާމަ ކުރެއްވި އެވެ. އަދި އެ މަންޒަރު ފެނިވަޑައިގަތުމުން ކިޔަވަން އާ އަޒުމެއް ކަނޑައެޅުއްވި އެވެ. އެހެން ނަމަވެސް އެފަދަ ތަނަވަސްކަން ނެތުމުން އެ އުންމީދުގައި ކުލަ ޖެއްސޭ ގޮތެއް ނުވެ ދެން ވަޑައިގަންނަވާން ޖެހި ވަޑައިގަތީ މަޖީދީމަގުގައި ކުރިން ހުންނަ މަޝްހޫރު ފޮތި ފިހާރަ، "ހޯލި"ގެ މަސައްކަތު މީހަކަށެވެ. މަގެއް ކޮށަން އެގޮތް ވެސް އެވަގުތަށް އޭނާއަށް ކަމުދިޔަ އެވެ.
އެ ފިހާރަ ފޮޮޅާ ސާފުކުރަން އަހަރު ދުވަހު ޝަމީމް އުޅުއްވެވި އެވެ. ދެން ލިބި ވަޑައިގެންނެވި ފުރުސަތެއްގައި މައުހަދުގައި ހިންގަމުންދިޔަ ގުރުއާން ކުލާހެެއްގައި ކިޔަވަން ފެއްޓެވީ އެވެ. އެއީ މިހާރު ވަރަށް ރީތިކޮށް ގުރުއާން ވިދާޅުވާ ޝަހީމްގެ ހިތްޕުޅުގައި ގުރުއާނަށް ހާއްސަ ލޯތްބެއް އުފެދުނު ހިސާބެވެ. އަދި ކިޔެވުމަށް އިތުރު ޝައުގުވެރިކަން އައި ހިސާބަކީވެސް އެއީ އެވެ.
ޖެހިގެން އައި އަަހަރު ޝަހީމްގެ ބޮޑުދައިތައިގެ ބޭފުޅެއްގެ އަތުން ޝަހީމް ލޯނެއްގެ ގޮތު 6000 ރުފިޔާ ހޯއްދެވި އެވެ. އަދި އެ ފައިސާއިން ކިޔަަވާ ވިދާޅުވާން ޕާކިސްތާނަށް ވަޑައިގެންނެވި އެވެ. އެ ގައުމަށް ވަޑައިގެން އަހަރު ދުވަހުގެ ތެރޭގައި ކީރިތި ގުރުއާން ހިތު ދަސް ކުރައްވާ މުރާޖައާ ކުރެއްވި އެވެ.
"ޤުރުއާން ހިތު ދަސްކޮށް ނިންމާލި އިރު ހުރީ ވަރަށް ބޮޑަށް އަރަބި ބަސް ކިޔަވާން ޝައުޤުވެރިވެފައި. އެހެން ނަމަވެސް ކިޔެވޭނެ ގޮތެއް އެއިރު ތަނަވަސް ވެފައެއް ނެތް،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ބޭނުންފުޅުވީ ދައްޗާއި އުނދަގުލުގައި ކުރިޔަށް ވަޑައިގަންނަވާށެވެ. ފުރުސަތަކަށް ބަލަބަލާ ހުންނަވަނިކޮށް ލާހޫރާ ވަރަށް ދުރު ހިސާބެއްގައި، ސައުދީ ޢަރަބިއްޔާގެ ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު، ވަމީ އިން ހިންގާ ޢަރަބި އިސްލާމީ ތަޢުލީމު ދޭ މަޢުހަދެއް ހުންނަ ވާހަކަ ރަޙުމަތްތެރިޔަކު ވިދާޅުވެއްޖެ އެވެ. އެ ހިސާބަށް އެއިރުގައި ދެވެނީ ބާރަ ގަޑި އިރުގެ ބަސް ދަތުރެއް ނަގައިގެނެވެ.
"މާތް ﷲ އަށް ވަކީލުކޮށް ހިފްޒު ކުލާހުން ލިބުނު ޕޮކެޓްމަނީ [ޕާކިސްތާރު ސަތޭކަރުފިޔާ] ބޭނުން ކޮށްގެން ދަތުރެއް ނެގީ. އެކަނި ދަތުރުކޮށްފައި އެހިސާބަށް ދެވުނު، އަދި މައުހަދަށް ގޮސް އެޑްމިޝަން ލިބޭތޯ ދެންނެވިން. ނަމަވެސް އެ ސެމެސްޓާ އަށް ދަރިވަރުން ނަގައި ނިމިފައިވާކަމާއި އިތުރު ޖާގައެއް ނެތްވާހަކަ ވިދާޅުވީ. ދެން އަޅުގަނޑު ވަރަށް ދެރަވި." ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ލިބި ވަޑައިގެންނެވި ހިތާމަ އާއި އަތްޕުޅުގައި އޮތް 100 ރުފިޔާ ވެސް ހުސްވުމުން އެރޭ މަޑު ކުރަންޖެހުނީ ޕާކިސްތާނުން ބައްދަލުވި ދިވެހި ރަޙުމަތްތެރިއެއްގެ، ރަޙުމަތްތެރި އެއްގެ ގޭގަ އެވެ. ދިވެހި މީހާގެ އެ ރަހުމަތްތެރިޔާއަކީ އިރާގުގެ މީހެކެވެ،
"އިރާގުގެ އެ މީހާއަކީ ކޮންމެވެސް ތަނެއްގައި ކިޔަވާ ދެއްވާ އުސްތާޒެއް. [އެރޭ އެގޭގައި މަޑުކޮށްލި އިރު] އަޅުގަނޑުގެ މާޔޫސްކަން ފެނި އަޅުގަނޑަށް ވެގެން އުޅޭ ގޮތެއް އޭނާ އެއްސެވި!"
ޝަހީމް ވިދާޅުވި ގޮތުގައި އިރާގުގެ އެ އުސްތާޒު އޭނާއާ ސުވާލު ކުރެއްވި ނަމަވެސް ޝަހީމަކަށް ބަހެއް ނޭނގެ އެވެ. އަދި އެ އުސްތާޒަކަށް އުރުދޫ ބަހެއް ނޭނގެ އެވެ. ޝަހީމަށް އެނގި ވަޑައިގަންނަވަނީ އުރުދޫ ބަސް އެކަންޏެވެ. އެކަންވީ ފާޑެއްގެ ބަހުރުވައަކަށެވެ.
"ކޮންމެ އަކަސް، އަޅުގަނޑު އެކި ލަފުޒުތައް ބޭނުން ކޮށް އެގޮތަކުން މިގޮތަކުން ކިޔަވަން ބޭނުންވާ ކަމާއި ފުރުސަތު ނުލިބުމުން އެކަމާ ދެރަވެގެން އުޅޭ ކަމާއި އަތުގައި އެއްވެސް ފައިސާއެއް ނެތްކަމާއި އަނބުރާ ލާހޫރަށް ވެސް ދެވޭނެ ގޮތެއް ނެތްކަމާއި އަޅުގަނޑަކީ ގުރުއާން ހިތު ދަސްކުއްޖެއް ކަމުގައި އެ އުސްތާޒަށް ދެންނެވިން،" ޝަހީމް ވިދާޅުވި އެވެ.
މިއީ ޝަހީމްގެ ތަރި އަރަން ފެށި ހިސާބެވެ. އަދި ނަސީބު ޝަހީމްގެ އަތުގައި ހިފި ވަގުތެވެ.
ޝަހީމް ވިދާޅުވީ އުނދަގުލުން ނަމަވެސް އޭނާގެ ވާހަކަ އެނގިވަޑަގަތުމުން އެރޭ އެ އުސްތާޒުގެ ފަރާތުން ލިބިގެން ދިޔައީ ވަރަށް ފުރިހަަމަ މެހެމާންދާރީ އެކެވެ. އަދި ހަމަ އެރޭ ކުޑަ ކަރުދާސްކޮޅެއް ގައި އެއްޗެހިތަކެއް ލިޔުއްވައި އެ ގަނޑުކޮޅެއް ފައްޖައްސަވާލެއްވުމަށްފަހު ދެއްވި އެވެ. އަދި ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 8:00 ޖަހާއިރު މައުހަދަށް ގޮސް އެތަނުގެ މުދީރުގެ އަތްޕުޅަށް އެ ކަރުދާސްކޮޅު އަރުވަން ވިދާޅުވި އެވެ.
"އެއީ އޭނާ [މުދީރު އަންނަ ގަޑި. ކޮންމެ އަކަސް އަޅުގަނޑު އެތަނަށް ދިޔައީ ހެނދުނު ހަ ގަޑި ބައިގައި، އެއީ ފަހަރެއްގައި ކުރިން މުދީރު ވަޑައިގެންފި ނަމަ ވެސް ދިމާ ނުވެދާނެތީ ގަޑިއަށް ވުރެ ކުރިން ދިޔައީ! އަށެއް ޖަހަން އުޅެނިކޮށް މުދީރު އޭނާގެ ކާރުކޮޅުގައި ވަޑައިގެން މައުހަދުގެ ދޮރުން ވަންނަވަނިކޮށް ސަލާމް ގޮވާލާފައި އެމަނިކުފާނުގެ އަތްޕުޅަށް އަޅުގަނޑު އެ ކަރުދާސްކޮޅު އެރުވީ!" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އެއީ އެއީޖޯޑަންގެ އިލްމުވެރި ބޭފުޅެއް ކަމަށްވާ ޑރ. އަބްދުއްސަބޫރެވެ.
"އަޅުގަނޑު އެ ކަރު ދާސްކޮޅު އެރުވުމުން އޭތި ނަންގަވައި އެކަމަކު ހުޅުވައިވެސް ނުލައްވާ ތިރީގައި އިށީންނާށޭ ވިދާޅުވެފައި މައްޗަށް ވަޑައިތީ، އަޅުގަނޑު އިނީ ދުއާކޮށްލަ ކޮށްލަ... އަދި އަޅުގަނޑު ހުރީ ވަރަށް ބޮޑަށް ކިޔަވަން ބޭނުން ވެފައި... ގިނަ އިރު ތަކެއް ނުވެ ބޭފުޅަކު ވަޑައިގެންނެވި،"
މުދީރުގެ އެންގެވުމަށް ވަޑައިގެންނެވި އެ ބޭފުޅަކީ އަލްއުސްތާޒު މުޝްތާގު އަހުމަދު. އެއީ އެ މައުހަދުގެ ސްޕަވައިޒަރެވެ. އޭނާއަކީ މަދީނާގެ އިސްލާމީ ޔުނިވާސިޓީން ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ބޮޑުވެގެންވާ އިލްމުވެރިއެކެވެ.
"އޭނާ ވަޑައިގެން ތިޔައީ ޝަހީމްތޯއޭ އަޅުގަނޑު ކުރެން އެއްސެވި! އަޅުގަނޑު އާނއެކޭ ދެންނެވުމުން މަރުހަބާ ވިދާޅުވި... އެއަށް ފަހު، އަޅުގަނޑަށް އެ މައުހަދުން ޖާގަ ދެއްވަން މުދީރު ނިންމެވި ކަމާއި އެ ދުވަހުން އެދުވަހަށް ޕްލޭސްމަންޓް ޓެސްޓް ހަދައި، ކްލާސް ހަމަޖައްސަވައި ފޮތްތައް ދެއްވައި އަދި ޕޮކެޓްމަނީއެއް ދެއްވައި ހޮސްޓެލްގައި ހުރެވޭ ގޮތައް ރޫމް ހަމަޖައްސަވައި ދެއްވި."
އެދުވަހުން ފެށިގެން ޝަހީމްގެ ކިޔެވުން އެ މައުހަދުގައި ހަމަޖެހިގެން ދިޔައެވެ. އެ މައުހަދުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ވަރަށް ރަނގަޅަށް އަރަބި ބަހުން ލިޔަން ކިޔަން ދަސްކުރެ އެވެ. އަދި ތިން އަހަރު ދުވަހުގެ ތެރޭގައި މައުހަދު ނިންމެވި އިރު ކޮންމެ ސެމިސްޓާއެއްގައި ވެސް ކްލާހުން އެއްވަނަ ހޯއްދެވީ ޝަހީމެވެ. އަދި މައުހަދު ނިންމާލެއްވި އަހަރު މުޅި މައުހަދުން އެއްވަނަ ހޯއްދެވީ ވެސް ޝަހީމެވެ.
"ފަހުން ދިވެހި ވަރަށް ގިނަ އެހެން ދަރިވަރުން ވެސް އެ މައުހަދަށް ދިޔަ. ދިވެހި ސާދަވަރަކަށް ކުދީން އެތަނުގައި ކިޔެވި. ފަހުން އެ ކުދިންގެ ވެރިޔަކަށް ހުރީ ވެސް އަޅުގަނޑު. އަދި ކްލާސްތަކުގެ ޤުރުއާން މާއްދާ ގަޑީގައި އަޅުގަނޑުގެ ކިޔެވުން އަޑު އިވުމުން އެ ކިޔެވުން ރަނގަޅު ވެގެން މައުހަދުގެ މިސްކިތުގެ އިމާމު ކަމަށް ވެސް އަޅުގަނޑު އައްޔަން ކުރި،"
އޭގެ ހަތާވީސް އަހަރުގެ ފަހުން ޝަހީމްގެ މުދައްރިސް އަލްއުސްތާޒު މުޝްތާގު އާއި ބައްދަލްވީ މީގެ ދެތިން ހަތަރު ރެއެއްގެ ކުރިންނެވެ.
"އޭނާ ފެނުމުން އަޅުގަނޑުގެ ލޮލުން ކަރުނަ އޮހޮރިގެން ދިޔަ. އަޅުގަނޑުގެ އެންމެ ކުޑަ އިރު، ނިކަމެތި ދުވަހު އަޅުގަނޑުގެ އަތުގައި ހިފައި ކިޔެވުމުގެ ފުރުޞަތު އަޅުގަނޑަށް ފަހިކޮށްދެއްވައި އެހީތެރިކަން ދެއްވި ވަގުތުކޮޅު ހަނދާންވި. އުމްރާއަކަށް ވަޑައިގެންނެވުމަށްފަހު އެކުވެރިއެއްގެ ފަރާތްޕުޅުން މައުލޫމާތު ހޯއްދަވައިގެން، އަޅުގަނޑާ ހަމައަށް ޖިއްދާއަށް ވަޑައިގެންނެވީ،" ޝަހީމް ވަރަށް އަސަރާއެކު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އެ މައުހަދުން އޭނާއަށް ލިބި ވަޑައިގެންނެވި އެންމެ ބޮޑު ފިލާވަޅަކީ މަގާމަކަށްޓަކައި ނުކިޔެވުމެވެ. އަދި ކިޔަވަންވީ އުންމަތަށް ހިދުމަތް ކުރުމަށެވެ. އެއިރުން އެމީހަކާ ގުޅޭ މަގާމު އެމީހެއްގެ ފަހަތުން އަންނާނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދުވަހަކު ވެސް ވަޒީފާއެއް ހޯއްދަވަން އެއްވެސް ސިޓީއެއް އޭނާ ނުލައްވަ އެވެ. އަދާކުރެއްވި ކޮންމެ ވަޒީފައަކީވެސް މީހުން ހުށައަޅައިގެން ލިބި ވަޑައިގެންނެވި ވަޒީފާތަކެވެ. އެގޮތުން މިއަދު އޯއައިސީގޭ ސެކްރެޓަރީ ޖެނެރަލްގެ އިސް މުޝީރުގެ މަގާމުގައި ހުންނެވުމަކީވެސް އޭގެ ހެއްކެކެވެ.
ކިޔެވޭނެ ގޮތެއް ނެތި ޕާކިސްތާނުގައި އެދުވަހު މަގުމަތިވި ނަމަވެސް ހިތްމަތާއެކު ކުރެއްވި ބުރަ މަސައްކަތުން އަދި ލިބިލެއްވި ތަނަވަސް ފުރުސަތުތަކުން ޝަހީމް ވަނީ ތަފާތު އެތައް ގައުމުތަކަށް ވަޑައިގެން ކިޔަވާ ވިދާޅުވެފަ އެވެ. ޕާކިސްތާނަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވީ 1998 ގައެވެ. ވަޑައިގެން ޓީޗަރެއްގެ ގޮތުގައި ހިދުމަތް ކުރެއްވީ ފާސް ނުވުމުން އޭނާ ކަނޑާލި އަރަބިއްޔާއަށެވެ. އޭގެ ފަހުން 1999 ގައި ކިޔަވާ ވިދާޅުވާން މިސްރަށް ވަޑައިގެންނެވިއެވެ. އަދި މަތީ ތައުލީމަށް 2000 ވަނަ އަހަރު މަދީނާއަށް ވަޑައިގެންނެވި އެވެ. އަދި 200 - 2005 ގައި މަދީނާގައި ކިޔަވާ ވިދާޅުވެ ފަސްޓްޑިގްރީ ހާސިލް ކުރެއްވި އެވެ. އޭގެ ފަހުން 2009 ވަނަ އަހަރު މާސްޓާސް ނިންމަވާ 2010 ގައި ޕީއެޗްޑީއަށް ކިޔަވަން ފައްޓަވާއި 2014 ގައި ޕީއެޗްޑީ ހާސިލް ކުރެއްވި އެވެ. މީހެއްގެ ގައިގައި ނަސީބު ބައްދައި އޮޅުލައިގަންނާނީ މި ނޫން ދެން ކޮން ހެނެއް ހެއްޔެވެ؟