ކީރިތި ގުރުއާން

ހަތިމު ކުރުމާއެކު ރިފްގާއަށް ދެ އީދު!

އަބަދު ވެސް ކޮންމެވެސް ކަމެއް ހޫނު ކޮށްލާފައި އޮންނަ ޓުވިޓާގައި ކޯޅުމަކާއި ހަމައަށް ގޮސް ހުޅުފަޅައިގެން ދާހިސާބުގައި އޮތީ ކޮން ޒުވާބެއްތޯ ބަލައިލަން އާދައިގެ މަތީން ރޯދަމަހުގެ ފުރަތަމަ ދުވަހު ވަރަށް ހެނދުނާ ޓްވިޓާ ސްކްރޯލް ކުރަން ފަށައިފީމެވެ. ލޮލުގައި ތަފާތެއް އަޅައިގެންފިހެން ހީވެގެން ބަލައިލި އިރު އެއީ ޒުވާން އަންހެން ކުއްޖަކު ކޮށްފައި އޮތް ޓުވީޓެކެވެ. އޭރުވެސް އޭނާގެ ޓުވީޓަށް އެތައް ބަޔަކު ރައްދު ދީފައި ވެއެވެ. ނުދަންނަ މީހެއްގެ ޓްވީޓަކަށް ވިޔަސް ހިތްވަރު ގެ ބަހެއް އެ ދިމާއަށް އެއްލައި ނުލައި އަހަންނަކަށް ވެސް ނީނދެވުނެވެ.

ރޯދަމަހު ފުރަތަމަ ދުވަހު އޭނާ ކުރި އެ ޓުވީޓަށް ފަހު އިތުރަށް އެކަމާ ގުޅޭ ވާހަކައެއް އޭނާ ނުދައްކަ އެވެ. އެކަމަކު ރޯދަމަސް ތެރޭ ގުރުއާން ކިޔަވަން އިންނައިރު އޭނާގެ މަތިން ވަރަށް ހަނދާން ވެއެވެ. އެނާގެ ކަނޑައެޅި އަަޒުމުގައި ކިހާ ހިސާބަކަށް ދެވިދާނެބާއޭ ވެސް ހިތަށްއަރަ އެވެ. ޓުވިޓާ ގައި އަހަރެން ފޮލޯ ނުކުރާތީ އޭނާ ކުރެން އެ ވާހަކަ އަހާލަން ޑީއެމް ކޮށެއް ނުލެވެއެވެ. އެއްމެނަށް ފެންނަ ގޮތަށް އަހަލާކަށް ނުކެރުނެވެ.

ޓުއަރިޒަމް އެންޑް ހޮސްޕިޓަލިޓީ ދާއިރާއިގެ ލެކްޗަރާއެއްގެ ގޮތު މަސައްކަތް ކުރާ އަދި ކުރިން ވަރަށް ރީތި މަދަހަތައް ވެސް ކިޔަމުން އައި އުމުރުން 27 އަހަރުގެ މަރިޔަމް ރިފްގާ ކޮށްލީ ޓުވީޓަކުން އެންމެންގެ ކުރިމައްޗަށް ނެރުނީ އޭނާގެ ވަރަށް ބޮޑު ސިއްރެކެވެ. އެއީ އުމުރުގެ މިހާ ހިސާބަށް އާދެވުނު އިރު މިހާތަނަށް އަދި އެއް ފަހަރުވެސް ގުރުއާން ހަތިމެއް ނުކުރި އޮތް ވާހަކައެކެވެ. އޭނާ އެތައް ފަހަރު އުޅެގެން ވެސް އެކަން ނުވެފައި އޮތް ވާހަކަ އެވެ. މި ރޯދަ މަހު އޭނާގެ އަޒުމަކީ ފުރަތަމަ ހަތިމް ކުރުން ކަމުގައި ބުނި އިރު އޭނާއަށް ހިއްވަރު ދިނުމަށް ވެސް އެދުނެވެ.

ރިފްގާ އުމުރުގައި ހަތިމެއް ނުވާކަމަށް ބުނެ ކުރި ޓްވީޓް

އެއްވެސް ކަމެއްގައި އެއްގަލަކަށް ނޭރޭ ޓުވިޓަރު ދުނިޔެއަށް ރިފްގާ ދޫކޮށްލި އެ ޓްވީޓާއެކު "ޓްވިޓާ ދޫނި" ތަފާތު ގޮތަކަށް ކޮށައިގެންފި އެވެ. ހަތިމް ކުރަންވީ ގޮތާއި ގެންގުޅެންވީ އުކުޅުތަކާއެކު ރިފްގާއަށް ހިއްވަރާއި ސަޕޯޓް ބަސްތައް ޖަހާ އޮއްސާލައިފި އެވެ.

ހަތިމެއް ކުރަން ފޮތްބައި ވަކި ހަތިމެއް، އަޑު ދަށުން ކިޔެވުމާއި، ކޮންމެ ނަމާދަކަށް ފަހު ވަކި ވަރެއް ކިޔެވުމާއި ބޮޑެތިކޮށް އަކުރު ހުންނަ ޗާޕެއް ހޯދުމުން ފަސޭހަ ވާނެ ވާހަކަ އެވެ. ހިތްވަރުގެ މެސެޖު ވެސް، ސަތޭކަ އެތައް ބަޔަކު ރިފްގާއަށް ފޮނުވާލި އެވެ. ހަހަކާއި ގާތްކުރާ އަދަދެއްގެ މީހުން ލައިކް ވެސް ދިނެވެ.

އޭގެ ފަހުން ރޯދަމަހުގެ 27 ވިލޭ ރޭ މާތްﷲ ވާގިފުޅާއި މިންވަރުފުޅުން ފުރަތަމަ ހަތިމް ކުރެވުނު ވާހަކަ ރިފްގާ ޓުވިޓާއަށް ދޫކޮށްލި އެވެ. ހާސިލު ކުރެވުނު އެ ބޮޑު ކާމިޔާބީޔާއެކު އޭނާއަށް ހިތްވަރު ދިން އެއްމެންނަަށް ޝުކުރު އަދާ ކުރުމުން އުފަލުން ފޮޅިފައި އިނދެގެނެވެ.

އެ ޓްވީޓް ފެނުމުން ހިތަށް ފިނިކަން ލިބި ވަރަށް އުފާވި އެވެ. އޭގެ ފަހުން އުފެދުނު ގުޅުމެއްގެ ތެރޭގައި ހަތިމް ކުރަން ރިގްފާ ކިޔެވި، ދުވަސްތަކާއި ރޭތަކުގެ ވާހަކަ އަހަންނާ ހިއްސާ ކުރި އެެވެ.

ރިފްގާ ވެސް ގުރުއާން ކްލާހަށް ދިޔަ

ރިފްގާ ބުނި ގޮތުގައި އެހެން ކުދިން ފަދައިން އޭނާ ވެސް ކުޑައިރު ގުރުއާން ކްލާސްތަކަށް ދިޔައެވެ. އެކަމަކު ކުރިއަރައިގެނެއް ނުދެވުނެވެ. ހަމަ ހުއްޓެނީ އެވެ.

"ކުޑައިރު ދިޔަ ކްލާހާކީ ބޮޑަށް ތަޖުވީދު ކިޔަވައިދޭ ކްލާހެއް. އެ ކްލާހުން ހަތިމެއް ނުކޮށްދޭ... މަންމަ އާއި ބައްޕައަކީ ދީންވެރި ބައެއް. އަހަރެން ގުރުއާން ކިޔަވަން މަންމަ އާއި ބައްޕަ އަބަދު ވެސް ބާރު އަޅާ، އެކަމް މަޖުބޫރެއް ވެސް ނުކުރޭ... ޕްރައިމަރީ އަދި ސެކަންޑްރީގައި ވެސް ހަތިމް ކުރަން އަހަރެން ވަރަށް މަސައްކަތް ކުރިން. އެކަމަކު އެކަން ކުރިއަކަށް ނުދޭ، ވަކި ހިސާބަކުން ހުއްޓެނީ،

"މި ފަހުން ރޯދަ މަސްތަކުގައި ވެސް ހަތިމު ކުރަން ގުރުއާން ކިޔަވަން ފަށަން. އެކަމަކު ކޮންމެވެސް ކަމެއް ދިމާވެގެން ހުއްޓާ ލެވެނީ... ކިޔެވުން ކޮށިވުމަކީ އުޒުރަކަށް ހަދައިގެން އަހަންނަށް އުޅެވުނީ... ބިޒީވެގެން، ފަރުވާ ކުޑަކޮށްލައިގެން ދީނީ ކަންކަމަށް ދޭންވާ ސަމާލުކަން ނުދެވި... މަންމަމެން އަހަންނަށް ހިތްވަރު ދިން ގުރުއާނުގެ ތަރުޖަމާ ކިޔަން. އެކަމު މާ ގިނަ ވަގުތު ނަގާތީ އެކަން ވެސް ނުވެފައި އޮތީ،"

ރިފްގާގެ އެންމެ ބޮޑު ސިއްރު!

މި ނިމުނު ރޯދަ މަހާ ހަމައަށް ރިފްގާގެ އެންމެ ބޮޑު ސިއްރެއްގެ ގޮތުގައި އޮތީ އެނާއަށް އަދި ހަތިމު ނުކުރެވި އޮތް އޮތުމެވެ. "އަނގަ ބޮޑު" ޓުވިޓާގައި އެ ވާހަކަ ރިފްގާ ހާމަކުރުމާއި ހަމައަށް ވެސް އެކަން އޮތީ އޭނާގެ ސިއްރު ގޮތުގަ އެވެ.

ރިފްގާ ބުނި ގޮތުގައި އޭނާއަށް ހީ ކުރެވިފައި އޮތީ ގުރުއާން ހަތިމް ކުރުމަކީ ކޮންމެ މީހަކު ވެސް ކުޑައިރު ކުރާންޖެހޭ ކަމެއްގެ ގޮތުގަ އެވެ.

"އަހަރެން ދަންނަ މީހުންގެ ތެރެއިން އެއްމެން ވެސް އެއް ހަތިމު ނަމަވެސް ކޮށްފަ އޮންނަނީ. އަދި އުމުރުން 20 އަހަރުހާ ހިސާބަށް ދާއިރު ހަތިމެއް ނުވާނަމަ އެއްވެސް މީހަކު އެވާހަކައެއް ދެން ނުދައްކާ. އަހަންނަށް ހަތިމް ކުރެވިފައި ނުވުމަކީ އަހަރެން ވަރަށް ލަދުގަންނަ ކަމަަކަށް ވި. ވަރަށް ގާތް މަދު މީހެއްގެ ގާތުގައި ހަތިމު ނުކުރެވި އޮތް ވާހަކަ ބުނާއިރަށް ޝޮކެއް ޖެހެނީ... އެހެންވެ އަހަރެން ވެސް އެ ވާހަކައެއް ނުދައްކަން.... މިހާ ހިސާބަށް ވެސް އެއީ އަހަރެންގެ އެންމެ ބޮޑު ސިއްރު!"

އަހަންނަށް ހަތިމް ކުރެވިފައި ނުވުމަކީ އަހަރެން ވަރަށް ލަދުގަންނަ ކަމަަކަށް ވި. ވަރަށް ގާތް މަދު މީހެއްގެ ގާތުގައި ހަތިމު ނުކުރެވި އޮތް ވާހަކަ ބުނާއިރަށް ޝޮކެއް ޖެހެނީ... އެހެންވެ އަހަރެން ވެސް އެ ވާހަކައެއް ނުދައްކަން.... މިހާ ހިސާބަށް ވެސް އެއީ އަހަރެންގެ އެންމެ ބޮޑު ސިއްރު!
ރިފްގާ | ޒުވާން ލެކްޗަރާއެއް

ލޮކްޑައުންގައި ހަތިމް ކުރުން އެންމެ ބޮޑު އަމާޒު

ކޮވިޑް ބައްޔާ ހެދި މި އަހަރުގެ ރޯދަމަސް އައީ ވަރަށް ތަފާތު ގޮތަކަށެވެ. ދުނިޔޭގެ ދިރިއުޅުން އޮތީ ހީވެސް ނުކުރާހާ ގޮތަކަށް ބަދަލުވެފަ އެވެ. އެންމެނަށް ވެސް ދައްޗާއި ތުރާލާއި އުނދަގޫތައް ދިމާވެފައި ވެއެވެ. ގޭގައި އެންމެން ވެސް ތިބީ ފިކުރުގަ އެވެ.

ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ރިފްގާއަށް މި ލޮކްޑައުނުން ތަޖުރިބާތަކެއް ކުރެވި ފިލާވަޅުތަކެއް ވެސް ދަސްވި އެވެ.

"ލޮކްޑައުނަކީ ވަރަށް ގިނަ ކަންކަމާމެދު ވިސްނަން އަހަންނަށް ލިބުނު ފުރުސަތެއް... އުމުރުން 30، އަހަރުވާން ކައިރިވެފައިވާ އިރު، ކުރަން ހިތުލައި ބައިވަރު ކަންކަން ކަނޑައަޅާފައި އެބަހުރި... މި ލޮކްޑައުންގައި ލިބުނު ހުސްވަގުތު ވެގެން ދިޔައީ އޭގެ ބައެއް ކަންކަން ހާސިލް ކުރަން ވެސް ލިބުނު ފުރުސަތަކަށް. ރޯދަ މަސް ކައިރި ވެފައިވާތީ އަހަރެންގެ ގޯލްތައް ކަނޑައެޅިއިރު މި ފަހަރު ގުރުއާން ކިޔަވާ ހަތިމް ކުރުން ވެގެން ދިޔައީ އެންމެ ބޮޑު ޓާގެޓަށް... އަދި އަހަރެން ބޭނުމެއް ނުވި ދެން މިކަން އިތުރަށް ލަސް ކުރާކަށް"

ރޯދަ މަސް ކައިރި ވެފައިވާތީ އަހަރެންގެ ގޯލްތައް ކަނޑައެޅިއިރު މި ފަހަރު ގުރުއާން ކިޔަވާ ހަތިމް ކުރުން ވެގެން ދިޔައީ އެންމެ ބޮޑު ޓާގެޓަށް... އަދި އަހަރެން ބޭނުމެއް ނުވި ދެން މިކަން އިތުރަށް ލަސް ކުރާކަށް،
ރިފްގާ

ކިޔަމުން ކިޔަމުން ގޮސް ފަރިތަވި

ރޯދަ މަސް ތެރޭ ގުރުއާން ހަތިމް ކުރަން ރިފްގާ ހެދި ޕްލޭނަކީ ކޮންމެ ނަމާދަކަށް ފަހު ހަތަރު ސަފުހާ ކިޔަވައިގެން ގުރުއާން ހަތިމްކޮށް ނިންމާލުމުގެ ޕްލޭނެކެވެ.

"ޕްލޭން ހެދީ ކޮންމެ ނަމާދަކަށް ފަހު ހަތަރު ސަފުހާ ކިޔަވަން... އެކަމަކު ބައެއް ދުވަސް ދުވަހު އެގޮތަކަށް ނުކިޔެވޭ. އަދި ބައެއް ފަހަރު ނަމާދަށް ފަހު އަށް ސަފުހާ ކިޔެވޭ... ފަށައިގަތް އިރު ކޮށި ކަމުން ދުވާލެއްގެ މައްޗަށް 20 ސަފުހާ ކިޔެވުން އެއީ ވަރަށް ބޮޑު މަސައްކަތެއްހެން ހީވި... ނަމަވެސް ކިޔަވަމުން ދިޔަ ވަރަކަށް ފަރިތަވަމުން ކޮށިކަން ކެނޑެމުން ދިޔަ އަދި އެއްފަހަރާ 20 ސަފުހާ ކިޔަވާލުން އެއީ އުނދަގޫ ކަމަކަށް ވެސް ނުވި. އަދި ކިޔަވަމުން ދިޔަ ވަރަކަށް އިތުރަށް ކިޔަވަން ވެސް ހިތް ޖެހުނު،" ރިފްގާ ބުންޏެވެ.

ޓުވިޓާގައި ރިފްގާ އަށް ހިއްވަރު ދިން އެކަކު ބުނެފައިވާ ގޮތުގައި ބަގަރާ ސޫރަތް ނިންމާލެވޭ ހިސާބުން އެ ދެން ފަސޭހަވީ އެވެ. އެކަން ރިފްގާއަށް ވެސް ތަޖުރިބާ ކުރެވުނެވެ. ކިޔަވާ ވަރަކަށް ދޫ ފަރިތަވި އެވެ.

އަދި އެހެން މީހަކު ރިފްގާއަށް ހިތްވަރު ދޭން ވެގެން ބުނެދީފައިވާ ގޮތުގައި "ކޮށިކޮށް ހާލުގައި ކިޔަވައިފި ނަމަވެސް ﷲ އެމީހަކަށް ދަރުމަ އިތުރު ކޮށް ދެއްވާ" ކަމަށް މާތް ރަސޫލާގެ ހަދީސްފުޅެއްގައި އޮންނަ ރިފަރެންސެއް އޮވެއެވެ.

"ޓްވިޓާ ކުދީން" އެ ވާހަކަތަކުން ރިފްގާއަށް ކަލިމައަކަށް ފަހު ކަލިމައެއް އާޔަތަކަށް ފަހު އާޔަތެއް އަދި ސޫރަތަކަށް ފަހު ސޫރަތެއް ކިޔެވުމުގައި ފަސޭހަވެ ކުރި ހޯދެމުން ދިޔައެވެ.

"ހަތިމްކުރުން މިއީ މިހާ ފަސޭހަ ކަމެއްކަން ކުރިން ނޭގުނުތީ ވެސް އަދި ނުވިސްނުނީތީ އަހަރެން ދެރަވި... މިއޮށް ހުރިހާ ދުވަހު މިކަން ނުކުރެވި އޮތުމުން ވަރަށް ދެރަވި... އުދަނގޫހެން ހީވާ ކަންކަމާ ކެރިގެން ކުރިމަތި ނުލައި އަހަންނަށް މާ އަވަހަށް ދޫކޮށްލެވެނީ. ފުރަތަމަ ފަހަރަށް މާﷲ ގެ ކަލާމްފުޅު، ކީރިތި ގުރުއާން ހަތިމް ކުރެވުމާއެކު އަހަރެންގެ ހިތަށް ފިނިކަން ލިބިއްޖެ، ގުރުއާން ހަތިމް ކުރެވުމުން އަަހަރެންގެ ދިރިއުޅުމުގެ އެހެން ކަންކަމަށް ވެސް ރަނގަޅު އަސަރުކޮށްފި، ކަންކަމުގެ ޑިސިޕްލިން އަހަންނަށް ދަސްވެއްޖެ، ކަންކަމާއި ކުރިމަތިލާން ވެސް ދަސްވެއްޖެ."

ފުރަތަމަ ފަހަރަށް މާﷲ ގެ ކާމްފުޅު، ކީރިތި ގުރުއާން ހަތިމް ކުރެވުމާއެކު އަހަރެންގެ ހިތަށް ފިނިކަން ލިބިއްޖެ، ގުރުއާން ހަތިމް ކުރެވުމުން އަަހަރެންގެ ދިރިއުޅުމުގެ އެހެން ކަންކަމަށް ވެސް ރަނގަޅު އަސަރުކޮށްފި، ކަންކަމުގެ ޑިސިޕްލިން އަހަންނަށް ދަސްވެއްޖެ، ކަންކަމާއި ކުރިމަތިލާން ވެސް ދަސްވެއްޖެ،
ރިފްގާ | ލެކްޗަރާއެއް

އެމްވީ ޓުވިޓާގެ ހިއްވަރު

ހަޔާތުގައި އަދި ހަތިމް ނުކުރެވި އޮތް ވާހަކަ ޓުވިޓާގައި ހިއްސާކުރި ފަހުން އެކަމާއި ގުޅޭ އިތުރު ޓުވީޓެއް ނުކޮށް ރިފްގާ މަޑުކޮށްލައިގެން ހުރީ އޭނާގެ ގޯލް ހާސިލް ނުވެދާނެތީ ބިރުންނެވެ. ބުންޏެވެ:

"އަނެއްކާވެސް މިކަން ނުވެދާނެތީ ބިރުގަތް. އެކަމަކު ގޭގައި އިނދެ އަހަރެން ކިޔެވީ. ވަރަށް ގިނަ ރައްޓެހިންނާއި ނުދަންނަ މީހުން ވެސް އަހަރެންގެ ކިޔެވުން ގޮސްފައިވާ ހިސާބަކީ ކޮބާތޯ ބަލަން މެސެޖުކޮށް ހެދި. އަށެއްކަ ދުވަސް ވަންދެން އެއްވެސް ވަރަކަށް ނުކިޔެވި ދިޔަ. އެދުވަސްތަކުގައި ވަރަށް ދެރަވެ އަނެއްކާ ވެސް މިކަން ނުވީޔޭ ހިތަށް އެރި... އެ ދުވަސްތަކުގައި ވެސް އެކި މީހުންގެ މެސްޖުކުރި... ނުކިޔެވޭ ވާހަކަ ބުނުމުން އަލުން ފަށަން އިތުރަށް ބާރު އެޅި... އަދި އަހަންނަށް އެކަން ވާނެއޭ ބުނަމުން ދިޔަ... މަންމަ އާއި ބައްޕަގެ ހިތްވަރުން އަނެއްކާ ކިޔަވަން ފަށައިގަތީ،"

ރިފްގާގެ ޓުވިޓާ އެކު އޭނައާ އެއް ފުރައިގެ މީހުނާއި އެއަށްވުރެ ދޮށީމީހުން، އެމީހުންނަށް ވެސް ހަތިމް ނުވެގެން އުޅޭ ވާހަކަތައް ހިއްސާކޮށްފައި ވެއެވެ. ގުރުއާން ކިޔެވިއަސް އަދި ފުރިހަމަ ހަތިމެއް ނުކުރެވި އެތައް ބަޔަކު ތިބި އެވެ. އަދި ރިފްގާގެ ފަރާތުން އިންސްޕަޔާވެގެން ފަސް ޖެހުމެއް ނެތި އެ އެއްމެން ހަތިމު ނަގައިފި އެވެ. އޭގެ ތެރެއިން ބައެއް މީހުން މި ރޯދަމަހު ރިފްގާ ފަދައިން ހަތިމްކޮށްފި އެވެ. އެކަކު ހަތް ދުވަހުން ނިންމި އިރު ގުރުއާން ޓީޗަރެއްގެ އެހީގައި ހަތިމް ކުރި މީހުން އެމީހުންގެ ވާހަކަ ވެސް ބުނެލި އެވެ. އަދި އެހެން މީހަކު 10 އަހަރު ފަހުން އަލުން ހަތިމް ކުރި އެވެ. އޭނާއަށް ވީ ގޮތަކީ ރިފްގާ ޓްވީޓާއެކު މާ ބޮޑަށް އިންސްޕަޔާވީ އެވެ. އެ އެއްމެންނަށް ވެސް އަދިވެސް ހަތިމް ކުރަން ލަސް ނުވާކަން އެނގުނެވެ.

ފަހުފޮތް ކިޔަވީ ހޭލާ އިނދެ މަންމައާ ބައްޕައާއެކު

ރިފްގާ ގުރުއާން ހަތިމް ކުރީ ރޯދަމަހުގެ 27 ވިލޭރޭގެ މެންދަމު އެވެ. އެރޭ ދަމު ނަމާދަށް ފަހު ހޭލާ އިނދެ އެވެ. ގުރުއާން ހަތިމްގެ ފަހު ފޮތް ރިފްގާ ކިޔަވާ އަޑު އަހާލަން ރިފްގާގެ ލޯބިވާ މަންމަ އަދި އަބަދުވެސް އެކަމަށް ހިއްވަރު ދެމުން އައި ބައްޕަ އެރޭ ހޭލާ އޭނާގެ ގާތުގައި އިށީނދެލައިގެން ތިއްބެވެ.

ރިފްގާ ބުނި ގޮތުގައި ގުރުއާން ހަތިމުކޮށް ނިމުމާއެކު ވަރަށް ބޮޑު ލުއެއް ލިބިގެން ދިޔަކަމުގެ އާދަޔާހިލާފު އިހްސާސެއް އޭނާއަށް ކުރެވުނެވެ. އަދި ފަހު އާޔަތްތައް ކިޔަވަމުން ދިޔައިރު އޭނާއަށް ހިތަށް ހަމަޖެހުމާއި ބުނެދޭން ނޭނގޭ އުފާ ލިބެމުން ދިޔައެވެ. ވަރަށް ބޮޑު ކަމެއް ހާސިލްވެއް ކަމުގެ އުފާވެރި އިހްސާސްތައް ހިތުގެ އެންމެ ފުނުން ފެށިގެން މުޅި ހަށިގަނޑުގައި އުފެދުނެވެ. މެންދަމުގެ އުފާވެރި އެ ވަގުތުކޮޅު ކަނޑައަޅާ ވަރުގަދަ އަޒުމަކަށް ހެދީ މިއީ އޭނާގެ ފަހު ހަތިމް ކުރުމަށް ވިޔަ ނުދޭށެވެ.

ރިފްގާ ބުނި ގޮތުގައި ހަތިމް ކުރާން އޭނާ ކިޔަވަމުން ދިޔައިރު ކޮންމެ އާޔަތެއްގެ މާނަ ނުބެލި ނަމަވެސް ވަރަށް ގިނަ އާޔަތްތަކު މާނަ ބަލައި ކިޔައި ވިސްނައި ހެދި އެވެ. އޭގެ ސަބަބުބް އެ އާޔަތްތަކުގެ ފުރިހަމަ ކަމާމެދު ބަސް ހުއްޓި އަޖައިބުވެފައި އިންނާ ޖެހުމާއެކު ލޯ ތެމޭ ގޮތްވި އެވެ.

"މަންމައާ ބައްޕަ ވަރަށް އުފާވި އަހަންނަށް ހަތިމް ކުރެވުމުން... އަހަރެންގެ ރައްޓެހިންނާއި ޓުވިޓާ އިން ވަރަށް ގިނަ މީހުން އަހަންނަށް ތަހުނިޔާގެ މެސެޖު ފޮނުވި... އޭގެ ތެރޭގައި އަހަރެންގެ ދަރިވަރުން ވެސް ހިމެނޭ އެ ކުދިން މިސް ކޮބާ ބޮނޑިބަތް ހޭ ވެސް އަހާ ހެދި! އެއް ރަހުމަތްތެރިޔަކު އަހަރެންގެ ނަމުގައި ސަދަގާތެއްވެސް ކުރި. އަހަންނަށް އިހުސާސްވީ އެއްމެންވެސް އަަހަންނާއެކު މި ކަމުގައި ބައިވެރިވިހެން."

ހަތިމް ކުރެވުމާއެކު ބުނެދޭން ވެސް ނޭނގޭ އުފާވެރިކަމެއްގެ ތެރޭ ފޮޅިފައިވާ ރިފްގާ ބުނި ގޮތުގައި މި ހުރިހާ ކަމެއްގެ ތެރެއިން އޭނާއަށް ފެނުނީ އެއްމެންގެ ރީތި ސިފަތަކެވެ.

"ދީނުގެ ކަންްކަން ކުރުމަށް އެކަކު އަނެކަކަށް ހިތްވަރު ދީ މޯޓިވޭޓް ކުރަންވީ. އެކަކު އަނެކަކަށް ޖަދަލުކޮށް، ލަދުގަނުވާލުމުގެ ބަދަލުގައި ހިއްވަރު ދޭންވީ"

ރިފްގާ ހަތިމް ކުރި މި ވާހަކައަކީ އާދައިގެ ކުޑަކުޑަ ހާދިސާއެކެވެ. އެކަމަކު އެތައް އެތައް ފިލާވަޅެއް ނަގައިދޭ ހާދިސާއެކެވެ. ކީރިތި ގުރުއާނަކީ މާތްﷲ ބަސްފުޅެވެ. އެކަލާންގެ އަހަރުމެންނަށް ލެއްވި ޝިފާއެއް އަދި ޝަފާއަތެކެވެ. ކީރިތި ގުރުއާނުގެ މާތް ކަމާއި މަތިވެރިކަމާއެކު އެފޮތް ފަށައިގެން ނިމެންދެން ކިޔާލުމަކީ އަހަރުމެންނަށް ލިބޭނެ ބޮޑު ނިއުމަތެކެވެ. އެއީ މި ހަޔާތުގައި ލިބޭނެ ބޮޑު އީދެކެވެ. އާހިރަތު ދަރުމަ އާއި ސަވާބު އަދި ކޮބައި ހެއްޔެވެ؟