އިންޓަވިއު ނަގަން ދާން މިޖެހެނި މަޝްހޫރު ވިޔަފާރި ކުންފުނި އިނަ މޯލްޑިސްގެ މައި އޮފީހަށެވެ. އެ އޮފީހާ ކައިރިން ގަޑި ބަލައިލި އިރު ވަގުތުކޮޅެއް އޮތެވެ. އޭގެ އިރުކޮޅެއް ފަހުން ހިންގަވާފައި ވަޑައިގަންނަވާތަން ފެންނަނީ އިނަ މޯލްޑިވްސްގެ ވެރިޔާ، މުހައްމަދު ފިރާގެވެ. އޭގެ ފަޅި ސިކުންތެއް ފަހުން އޭނާގެ ފަހަތްޕުޅުން އެ އަންނަނީ ފިރާގުގެ ދަރިފުޅު އަހުމަދު ޝައްފާނެވެ. ކުރިއާ ހިލާފަށް މިއަދު ބައްދަލު ކުރަން ބޭނުންވަނީ ފިރާގަކާ ނޫނެވެ. ފަހަތުން އެއަންނަ އޭނާގެ ދަރިފުޅާ އެވެ. އޭނާއަކީ ރާއްޖޭގައި ފިކުރީ މުދަލާބެހޭ ގޮތުން މިވަގުތު ހާއްސަވެފައިވާ މަދު ލޯޔަރުންގެ ތެރެއިން އެކަކެވެ.
އުމުރުން 23 އަހަރުގެ ޝައްފާންގެ ވާހަކަ ފެށޭނީ ކާމިޔާބީތަކުގެ ލިސްޓެއް ހަދައިގެނެވެ. މަޖީދިއްޔާގައި ޝައްފާނަކީ ވަރަށް މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. އެ ދުވަސްވަރު އިންޓަ ސްކޫލް ވާހަކަ ދެއްކުމުގެ މުބާރާތް ތަކުގައި ރަން ވަނަަތަކުގެ މެޑެލް އެންމެ ގިނައިން ވެއްޓެނީ ޝައްފާނުގެ ކަރަށެވެ. އޭގެ ފަހުން އޯލަވެލްގައި ދުނިޔޭގެ ގަދަ 10 އެއްގެ ތެރޭގައި ހިމެނި ރާއްޖެ ފަހުރުވެރިކޮށްދިން ޝަފަރުވެރި ދަރިވަރުންގެ ތެރޭގައި ވެސް ޝައްފާން ހުއްޓެވެ. އަދި އޭގެ ފަހުން އޭލަވެލްގައި ހޯދި ކާމިޔާބީއާއެކު ރައީސުލް ޖުމްހޫރިއްޔާ، ދެއްވާ ސްކޮލާޝިޕް އޭނާއަށް ތަނަވަސްވި އެވެ. ކިޔެވުމަށް މޮޅު މި ދަރިވަރު ދެން ދިޔައީ މަތީ ތައުލީމް ހާސިލް ކުރަން ރާއްޖެއިން ބޭރަށެވެ. ރައީސްގެ ސްކޮލާޝިޕްގައި ޝައްފާން އިނގިރޭސިވިލާތަށް ކުރި ދަތުރަކީ އޭނާ ހޯދި ކާމިޔާބީގެ ފެށުމެވެ. އިހަށް ނުކުރެވި އޮތް ކަމެއް އެ ގޮތުގައިި އޮތުމަށްވުރެ ކޮށްލުން ރަނގަޅުވާނެތީ މިހާތަނުން ޝައްފާނުގެ ކަމިޔާބީއަށް މަރުހަބާ ކިޔަމެވެ.
ލަންޑަން ކިންގް ކޮލެޖްގައި ވިދުން ގަދަ
ޝައްފާން ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރީ އިނގިރޭސި ވިލާތުގެ ލަންޑަންގެ އެވެ. ކިންގް ކޮލެޖް ލަންޑަން އަށް ޝައްފާން ދާން ފެށި އިރު އޭނާގެ އުމުރަކީ 20 އަހަރެވެ. ކިޔެވިއިރު އެ ކޮލެޖުގައި ވެސް ޝައްފާން ފާހަގަވީ މޮޅު، ވިދުން ގަދަ ދަރިވަރެއްގެ ގޮތުގަ އެވެ. ނަތީޖާއެއްގެ ގޮތުން އެތަނުން ދޭ "ޑިކްސަން ޕޫން ސްކޮލަޝިޕް އެވޯޑް" ޝައްފާނަށް ލިބުނެވެ.
ނިމުނީއެއް ނޫނެވެ. އޭނާ ވަނީ ކޯހުގެ އެކި ބައިތަކާއި މޮޑިއުލް ތަކުން އެއް ވަނަ ހޯދައި ކޯސް ނިންމާލި އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނިފަ އެވެ.
"ބެޗްލާސް އޮފް ލޯގެ އޮޕްޝަން ނެގިއިރު އަޅުގަނޑު ފޯކަސް އަަކަށްވީ އިންޓަލެކްޗްއަލް ޕްރޮޕަޓީސް [ފިކުރީ މުދާ] އާއި ޓްރޭޑްމާކް ޕޭޓަންޓް ދާއިރާ އިން... މީގެ އިތުރުން އެހެން މޮޑިއުލްސް ތަކެއް ވެސް ނެގިން. ވަރަށް އިންޓްރެސްޓިން ކޮޕީ ރައިޓް ދާއިރާ ވެސް،" ޝައްފާން ބުންޏެވެ.
ޝައްފާން ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރި ފިކުރީ މުދަލުގެ ދާއިރާއަކީ ރާއްޖެއަށް ވަރަށް މުހިންމު އަދި އެ އިލްމް ރާއްޖޭގައި އަދި މަދު ދާއިރާ އެކެވެ. އެހެންވެ ޝައްފާން ވެފައިވަނީ ރާއްޖޭގައި މި ދާއިރާ އިން ކިޔަވައިގެން ހުރި މަދު ލޯޔަރުގެ ތެރެ އިން އެކަކެވެ. މި ކާމިޔާބީއާއެކު ޝައްފާންގެ ޑިމާންޑް ރާއްޖޭގައި ވަރަށް ބޮޑެވެ. އަދި އޭނާ ވެފައި ވަނީ ހާއްސަ ޒުވާނަކަށެވެ.
ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތް ކުރަން މާ ގިނަ މަސައްކަތްތަކެއް އަދި ކޮށްފައެއް ނުވެއެވެ. ރާއްޖޭގައި އެ މަސައްކަތް ކުރަން ލިބުމަކީ ޝައްފާނަށް ވެސް ތަފާތު އާ ތަޖުރިބާ އަކަށްވާނެ އެވެ. އަދި މުޅީން އަލަށް ތާރީހުތަކެއް ލިޔެވިގެންދާނެ ކަމަކަށް ވެސް ވާނެ އެވެ.
"އިންޓަލެޗްރަލް ޕްރޮޕަޓީއަކީ ވަރަށް ބްރޯޑް ފީލްޑެއް. [ފުޅާ އާއިރާއެއް] ރާއްޖޭގައި މިއޮތީ ހަމައެކަނި ކޮޕީރައިޓް ގާނޫނެއް. ނަމަވެސް ޑަބްލިއުޓީޯ[ ވޯލްޑް ޓްރޭޑް އޮގައިޒޭޝަން] ގެ އޮބްލިގޭޝަންއެއް އޮވޭ ފިކުރީ މުދަލުގެ ގާނޫނެއް އޮންނަން. މިހާރު ވެސް ލަސްވެއްޖެ ޑަބްލިއުޓީއޯގެ މެންބަރެއްގެ ހައިސިއްޔަތުން. ރާއްޖެ އިން އަބަދު ވެސް ބުނަނީ އެ ވަރަށް ޓެކްނިކަލް އެކްޕަޓީސް ނެތޭ. ރާއްޖޭގައި ކޮޕީ ރައިޓް ގާނޫނެއް އޮވޭ. އެކަމަކު އެނގިގެން އެންމެ މައްސަލައެއް އަދި ހުށަހެޅީ،" ރާއްޖެ އިން މިހާތަނަށް އޭނާއަށް ލިބުނު ތަޖުރިބާ ހިއްސާ ކުރި އެވެ.
އޮކްސްފޯޑުން ލޯ ކިޔަވާ ދެވަނަ ދަރިވަރު
ޝައްފާނަށް އިނގިރޭސި ވިލާތުގެ މަޝްހޫރު އޮކްސްފޯޑް ޔުނިވާސިޓީން ޖާގަ ލިބިފައިވަނީ އެކަމަށް ކުރިމަތިލި 500 އަށް ވުރެ ގިނަ ދަރިވަރުންނާ ވާދަކޮށްގެނެވެ. އޭނާ ވަނީ އެ ކޯހަށް ނެގި 90 ދަރުވަރުންގެ ތެރޭގައި ލައްވާލާފަ އެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު ޝައްފާންގެ އޮކްސްފޯޑް ޔުނިވާސިޓީގައި ސިވިލް ލޯއިން މާސްޓާސް ޑިގްރީ ފުރިހަމަ ކުރަން ފެށުމަކީ އޭނާއަށް ލިބޭ ޝަރަފެކެވެ. ސަބަބަކީ މިއީ ރާއްޖޭން މި ޔުނިވާސިޓީގައި ގާނޫނީ ދާއިރާ އިން ކިޔަވާ ދެވަނަ ދަރިވަރަށް އޭނާ ވާތީ އެވެ. އަދި މިހާރު އޭނާ ވެފައިވަނީ ގާނޫނީ ދާއިރާގައި އޮކްސްފޯޑް ޔުނިވާސިޓީގައި މާސްޓާސް ހަދާ ފުރަތަމަ ދިވެހި ދަރިވަރަށެވެ.
"ޑިގްރީ ނިންމާފައި މާސްޓާސްއަށް ދާން ވެގެން އެޕްލައި ކުރީ އޮކްސްފޯޑް އާއި ކެމްބްރިޖް މި ދެ ޔުނިވާސިޓީއަށް. އިތުރުން ތަނަކަށް އެޕްލައި ކުރަން ވިސްނުމުގެ ކުރިން އޮފާސް އައީ. އެހެންވެ ޗޫޒް ކުރީ އޮކްސްފޯޑް. އިންޓަލެކްޗްއަލް ޕްރޮޕަޓީއަށް ވެސް ރަނގަޅީ ވެސް އޮކްސްފޯޑް އެހެންވެ، އެ ޔުނިވާސިޓީ ހިޔާރު ކުރީ،" އޭނާ ބުންޏެވެ.
"އޮކްސްފޯޑުން އަޅުގަނޑަށް ޖާގައެއް ދިނީ ވަރަށް ގިނަ ކަންކަމަށް ބަލާފަައި އެ ތަނަށް ހާއްސަ ހުށަހެޅުމެއް ހުށަހެޅިން. އެއަށް މާކްސް ދެއްވާފައި ޖާގަ ދިނީ. ޔުނިވާސިޓީ އިން ޖާގަ ލިބުނުއިރު އޮކްސްފޯޑް އިން ސްޕޮލަޝިޕެއް ވެސް ލިބުނު. ހަގީގަތުގައި އެ ޔުނިވާސިޓީއާމެދު އިންޓްރެސްޓް އުފެދުނު ސަބަބެއް މި ސްކޮލަޝިޕް ލިބުން އެއީ"
ޝައްފާންގެ ލިއުން އޮކްސްފޯޑް ޖާނަލްއަށް
ޝައްފާން ވަނީ ކިންގް ކޮލެޖުގެ ޕްރޮފެސާއަކާއެކު ފިކުރީ މުދާ ހިމާޔަތް ކުރުމުގެ ރޮނގުން ހާއްސަ ރިސާޗް ރިޕޯޓެއް ލިޔެފަ އެވެ. އަދި އެ ލިއުން ވަނީ އޮކްސްފޯޑުގެ ޖާނަލްގައި ޝާއިއު ކޮށްފަ އެވެ. މިއީ އޭނާގެ ފާހަގަ ކޮށްލެވޭ އެއް ކާމިޔާބީ އެވެ.
"މިއީ ޝައްފާން އިންޓަލެކްޗްއަލް ޕްރޮޕަޓީއާ ގުޅޭ ޕަބްލިކޭޝަނެއް. މީގެ ރިސާޗް ހެދި އަޅުގަނޑު އެކަނި. ލިއުނީ ޕްރޮފެސަރާ ގުޅިގެން. ޔުނިވާސިޓީގެ ރައްޓެހިން ބުނީ މިއީ ހަމަ ސަޕްރައިޒެކޭ. އެހެން ކުދިން ވެސް ލިޔުނީމޭ. އެކަމަކު ޕަބްލިކޭޝަނަކާ ހަމައަކަށް ނުދެއޭ. މިއީ ވަރަށް ބޮޑު އުފަލެއް،" ޝައްފާން ބުންޏެވެ.
އެންމެ ބޮޑު މިސާލަކީ ބައްޕަ
ޝައްފާން ގަބޫލު ކުރާ ގޮތުގައި ރޯލް މޮޑެލެއްގެ ގޮތުގައި އޭނާއަށް ފެނުނު އެންމެ ބޮޑު މިސާލަކީ އޭނާގެ ބައްޕަ އެވެ. ދެން މަންމަ އެވެ. ކިޔެވިއިރު ކޮންމެ ކަމެއްގައި ވެސް އެންމެ ބޮޑަށް އެހީތެރިވެ ދީފައިވަނީ މަންމަ އާއި ބައްޕަކަން އޭނާ ފާހަގަ ކުރި އެވެ. އަދި މިހާރު އެންމެ ބޮޑު އެއް އެހީތެރިއަކީ އޭނާގެ އަންހެނުންނެވެ.
"ބައްޕައަކީ މިސާލެއް! ދެން މަންމަ އެންމެ ކުޑައިރުން ފެށިގެން އަޅުގަނޑުމެން ބަލައި ބޮޑު ކުރަން ހުސްވެެގެން ހުންނެވި. އަޅުގަނޑަށް މަންމަ ދެއްވި ސަޕޯޓް މިއީ،" ޝައްފާން ބުންޏެވެ
ގާނޫނީ ދާއިރާގައި ޝައްފާންގެ މިސްރާބަކީ މައްޗެވެ. އެންމެ އުހެވެ. މިހާރު އޭނާއަކީ ގިނަ އަދަދެއްގެ ލޯޔަރުންނާއި ލޯ ކިޔަވާ ދަރިވަރުން އުފެއްދި، ހިލޭ ސާބަކަށް ގާނޫނީ ލަފާދޭ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ވައިސް ޕްރެޒިޑެންޓެވެ. އޭނާގެ ބޭނުންވަނީ ކިޔަވައިގެން އައިސް ފިކުރީ މުދާ ހިމާޔަތް ކުރުމުގެ ރޮނގުން ރާއްޖެއަށް ހިދުމަތް ކުރާށެވެ.