ތާވަލުގެ އެންމެ ފުލުގައި އޮތް ކުލަބު އީގަލްސްއަށް ކުޅުނު ޒުވާން ކީޕަރު، އިމްރާން މުހައްމަދު ގައުމީ ޓީމަށް ނެގުމުން، ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެވެ. އަނެއް ބަޔަކަށް އެއީ މާ ފާހަގަ ކުރެވޭ ކަމަކަށް ނުވި އެވެ. އެއީ އޭނާ ގައުމީ ޓީމަށް ނެގިޔަސް އޭނާ ހިމެނޭނީ ތިން ވަނަ ކީޕަރެއްގެ ގޮތުގައި ކަމަށް ގިނަ ބަޔަކަށް ހީކުރެވިފައި އޮތުމުންނެވެ. ތިން ވަނަ ކީޕަރު މެޗުގެ ލިސްޓުގައި ހިމެނުން އޭރު ލާޒިމެއް ނޫނެވެ. އެހެންވެ ގައުމީ ޓީމު މެޗު ކުޅުނަސް ޒުވާން އިމްރާން ހުންނާނީ ކުޅި ބަލަން ކަމުގައި މީހުން ހީކުރި އެވެ.
އެހެންނަމަވެސް، ރާއްޖޭގެ ފުޓްބޯޅައަށް 50 އަހަރު ފުރިގެން ބޭއްވި ގޯލްޑަން ޖުބްލީ ފުޓްބޯޅަ މުބާރާތުގައި، ރާއްޖޭގެ ގައުމީ ޓީމުގެ ފުރަތަމަ 11 އިން، ޒުވާން އިމްރާންއަށް ފުރުސަތު ދިނުމުން އެންމެންގެ ސަމާލުކަމަށް އެކަން އަތުވެއްޖެ އެވެ. ގައުމީ ޓީމަށް އަލަށް ނެގި ގޮތަށް ފުރަތަމަ މުބާރާތުގައި އެއް ވަނަ ކީޕަރެއްގެ ގޮތުގައި އޭނާ ހިމެނުމުންނެވެ. އެ މުބާރާތުގެ ފައިނަލަށް ރާއްޖެ ގެންގޮސް ދިނުމުގައި އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ. އެހާ ހިސާބުން އިމްރާންގެ ވާހަކަ އެންމެގެ ތެރޭގައި ދެކެވެން ފެށި އެވެ. އޭގެ ފަހުން 19 އަހަރު ވާންދާއިރު ވެސް އިމްރާންގެ ލެގަސީގެ ފަނޑު ނުވެ ދެމި އެބައޮތެވެ.
ގައުމީ ޓީމުގެ ޖޯޒީ ލައިގެން އެކަނި ކުޅުނު މެޗުތަކަށް ބެލިއަސް، އިމްރާނަށް އެތައް ސަތޭކަ ސޭވްތަކެއް ކުރެވިފައި ހުންނާނެ އެވެ. ގައުމީ ޓީމުގެ ގޯލްގައި 17 އަހަރު ހޭދަ ކުރި ކީޕަރުގެ ލެގަސީ ފަނޑުނުވެ ދެމި އޮތީ އެތައް ބައިވަރު ގުރުބާނީއެއް ގޯލްގެ ކުރިމަތީގައި ވެގެންނެވެ.
ކަޕް ވިނާސް ކަޕުގެ ފައިނަލުގައި، ނިއު ރޭޑިއަންޓާއި ވިކްޓަރީ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ޕެނަލްޓީއަށް ދާން ޖެހުމުން، ވިކްޓަރީގެ އެންމެ ބޮޑު އިތުބާރަކަށްވީ ކެޕްޓަން ބޭންޑް އަޅައިގެން އޭރު ކުޅުނު އިމްރާނެވެ. ރާއްޖޭގެ އޭރުގެ އެންމެ މޮޅު ފޯވަޑްލައިން އޭރު އޮތީ ނިއު ރޭޑިއަންޓްގަ އެވެ. ބަލްގޭރިއާގެ ގައުމީ ޓީމަށް ވޯލްޑްކަޕުގައި ކުޅުނު ކުޅުންތެރިޔެއްވެސް ނިއުގެ ޓީމުގައި ހިމެނެ އެވެ. ނިއުގެ އެންމެ އިތުބާރު ފޯވަޑުންނާއި ވޯލްޑްކަޕު ކުޅުނު ކުޅުންތެރިޔާ ޖެހި ޕެނަލްޓީ ވެސް އިމްރާން ދިފާއު ކުރި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި، ޕެނަލްޓީ މަތަ ކުރުމުގައި، އިމްރާންއާ އެއްވަރަށް ރެކޯޑް އޮތް ދެ ވަނަ އެހެން ކީޕަރެއް ނެތެވެ. ރާއްޖޭގެ ކުޅިވަރުގައި ޑޭޓާ ބަލަހައްޓާނެ އެކިއުރޭޓް ސިސްޓަމެއް ނެތް ނަމަވެސް އިމްރާންގެ އެ ރެކޯޑާ އެއް ސަފަކަށް އާދެވޭނެ ކީޕަރެއް ނެތެވެ. ކުޅުންތެރިޔެއްގެ ގޮތުގައި ހޯދާނެ ހުރިހާ ކާމިޔާބެއް އޭނާ ހޯދައިފި އެވެ.
ފިނިމިން މައިނަސް ފަސް ޑިގްރީގައި، މޮންގޯލިއާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗެވެ. އެއީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހްގައި ގައުމީ ޓީމުން އެންމެ ފިނީގައި ކުޅުނު މެޗެވެ. ބެންޗުގައި ތިބި ކުޅުންތެރިން ތިބީ ގަނޑުވާ ވަރުވެފަ އެވެ. ގޯލްގައި ހުރީ އިމްރާން އެވެ. މެޗު ރާއްޖެއިން ކާމިޔާބު ކުރީ 1-0 ންނެވެ. ދެކުނު ކޮރެއާގެ ވެރި ރަށް ސޯލްގެ އޮލިމްޕިކް ސްޓޭޑިއަމްގައި، ދެކުނު ކޮރެއާގެ 60،000 ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖޭގެ ގައުމީ ޓީމުން އޭޝިއާގެ ވަރުގަދަ ދެކުނު ކޮރެއާ އާ ދެކޮޅަށް ކުޅެމުން ދިޔަ އެވެ. މެޗުގެ 80 ވަނަ މިނެޓާ ހަމައަށް ރާއްޖެ ކޮޅަށް ލަނޑެއް ވަނަ ނުދީ އިމްރާން ހިފެއްޓި އެވެ.
މިއީ އިމްރާންގެ ކެރިއަރުގައި އެންމެ ފާހަގަ ކުރެވޭ މޮމެންޓްތަކެވެ. މިހުރިހާ ސިޓްއޭޝަންތަކެއް އެއް ކޮށްލައިގެން، އިމްރާން އާ ހަވާލު ކުރީ، އޭނާގެ ކެރިއަރުގައި ކުރެވުނު އެންމެ މޮޅު ސޭވް އޭނާ އިހްތިޔާރު ކުރުމަށެވެ. އެއީ އޭނާއަށް ކުރަން ފަސޭހަ ކަމަކަށް ނުވި އެވެ.
"އެތައް ބައިވަރު ސޭވްތަކެއް ހުންނައިރު އެެހެން މިވެނި ވަކި ސޭވެކޭ ބުނާކަށް ނޭންގެ،" އިމްރާން ވާހަކަ ދެއްކި އެވެ. "އެހާ ބޮޑަކަށް ފާހަގައެއްވެސް ނުކުރަން."
އޭނާގެ ސިކުނޑި އިތުރަށް ހާވަލާން މޮމެންޓްތަކެއް އަހަރެމެން އޭނާ އަށް ދިނުމުން އިމްރާންގެ ހަދާންތައް ފީނާލީ، 2008 ވަނަ އަހަރުގެ ރަން ކާމިޔާބަށެވެ. ފައިނަލުގައި އިންޑިއާ އާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުގައި ރާއްޖޭގެ މުހްތާރު ނަސީރު އިންޑިއާގެ ގޯލަށް ފޮނުވާލި ހަމަލާއާ އެކު ރާއްޖެއިން ލީޑް ނެގާފައި ވަނިކޮށް، އިންޑިއާގެ ކުޅުންތެރިން އާ ހިތްވަރެއްލައި ކުރިއަށް ޖެހި ރާއްޖޭގެ ގޯލަށް ފޮނުވާލި ހަމަލާ އިމްރާން ދިފާއު ކުރި އެވެ. އެއީ ވަން ޓް ވަން ފުރުސަތެއް ފަދަ ތަނަވަސް ފުރުސަތަކުން އިންޑިއާއިން އުފެއްދި ހަމަލާ އެވެ.
އިމްރާންއަށް އެ ހަމަލާ ހާއްސަވާ އެންމެ ބޮޑު ސަބަބަކީ، ރާއްޖެއިން ލީޑް ނަގާފައި ވަނިކޮށް އިންޑިއާއިން ރޭވުންތެރި ކަމާއެކު އުފެއްދި ހަމަލާއަކަށް ވުމުންނެވެ. އިންޑިއާގެ ކުޅުންތެރިން ކުރިއަށް އަރައިގެން އައީ ރީބައުންސްވާ ބޯޅަވެސް ނިންމާލާނެ ކުޅުންތެރިން ކުރިއަށް އަރައިގެންނެވެ. އެއި އޭރު އިންޑިއާގެ ކޯޗް އިނގިރޭސި ވިލާތުގެ ބޮބް ހޯޓަން ރާއްޖޭގެ ޓީމާ ދެކޮޅަށް އިންޑިއާގެ ގޭމް އަތުރާލީ އެ ވިސްނުމުގަ އެވެ. ނަމަވެސް އިންޑިއާއިން ފޮނުވާލި ނުރައްކާތެރި ބޯޅަ އިމްރާން ދިފާއު ކުރި އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއަށް ލިބުމަށް އިމްރާންގެ އެ ސޭވް މުހިންމު ދައުރެއް އަދާ ކުރި އެވެ. އެއީ އިމްރާންގެ އެންމެ ހާއްސަ ސޭވް ކަމަށް އޭނާ ފާހަގަ ކުރި އެއް ވަނަ އެވެ. އެ ލިސްޓްގައި ދެ ވަނަ ސޭވެއް ވެސް ހިމެނެ އެވެ. އެއީ ފައިނަލާ ހަމައަށް ރާއްޖެ ގެންގޮސްދިން ސޭވް އެވެ. ލަންކާގެ ސުގަތަދާތަ ސްޓޭޑިއަމްގައި އެ ގައުމާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލު މެޗުގައި އިމްރާން ކުރި ސޭވް އެވެ.
މެދުތެރެއިން، ލަންކާގެ ކުޅުންތެރި އުފެއްދި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ އާ ހަމައަށް ގޮސް ލަންކާގެ ފޯވަޑް މަސައްކަތް ކުރީ، ގޯލް ލައިނުން ކުރިއަށް ނިކުމެ ހުރި އިމްރާންގެ ބޯމަތިން ބޯޅަ އޮއްސާލުމަށެވެ. ފޮނުވާލި ބޯޅަ ގޯަލަށް ވަންނާނެ ކަމަށް ހީކޮށް ލަންކާގެ ކުޅުންތެރިޔާ އުފާ ފާޅު ކުރަން ހަރަކާތް ވެސް ކުރި އެވެ. ދަނޑުގައި ތިބި ލަންކާގެ ސަޕޯޓަރުންގެ ހަޅޭކުގެ އަޑުވެސް އިތުރަށް ގަދަވެގެން ދިޔަ އެވެ. އެހެންނަމަވެސް އިމްރާން އެ ބޯޅަ ސަލާމަތް ކުރި އެވެ. ރާއްޖޭގެ އިބްރާހިމް ފަޒީލް 'އޮއްޕޮ' ރާއްޖެއަށް ލަނޑު ޖަހައިދިނީ އޭގެ ފަހުންނެވެ.