އިހުގެ ނޫސް: ވައި ބާރުވެގެން މުބާރާތެއް ހުއްޓުމަކަށް

އާބާދީގެ ނިސްބަތަށް ބަލާއިރު ގައުމީ ފެންވަރުގައި ރާއްޖޭގައި ކުޅެވޭ ކުޅިވަރުތައް ގިނަ އެވެ. ނަމަވެސް، ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި ދިވެހި ޓީމުތަކަށް ވާދަ ނުކޮށްނުލެވުމަކީ އަބަދުވެސް ކުރިމަތިވާ މައިގަނޑު ފާޑުކިއުމެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ގައުމީ ފެންވަރުގައި ކުޅެވޭ މުބާރާތްތަކަށް އާންމުންގެ މެދުގައި އޮންނަ މަގުބޫލުކަން ވަނީ އިންތިހާއަށް ފަނޑުވެފަ އެވެ. ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރު ފުޓުބޯޅަ ވެސް ދިވެހިންގެ ލޭ ކައްކުވައިލި ދުވަސްތައް މާޒީވެއްޖެ އެވެ. އަވަށްތަކުގެ ވާދަވެރިކަމުގެ ތެރެއިން އެއް ޒަމާނެއްގައި ނެގި ފޯރި މާޒީގެ ކޮންމެ ވެސް ހިސާބަކަށް ވަނީ ގެއްލިފަ އެވެ.

އެ ކަމުގައި ކުރެވޭ ބަހުސް ދިގުވެފައިވާ އަބަދުވެސް ހޫނެވެ. ޒިންމާ ނަގަންޖެހޭ ބައަކު ކަނޑައަޅަން ޖެހޭތީ އަމާޒުވާ އެކިއެކި އިލްޒާމްތަކެވެ. ނަމަވެސް، މި ބަހުސްގެ ތެރެއިން އެއް ކަމެއް ސާފެވެ. އިހުމާލުނުވާ ހަމަ އެންމެ މީހަކު ނެތީ އެވެ. ކުޅިވަރު އެސޯސިއޭޝަންތަކުގެ އެތެރޭގެ ކޯޅުމާ ދޯހަޅި ހިންގުންތެރިކަމެވެ. ސިޔާސީ މަންފާއަށްޓަކައި ކުޅިވަރުގެ ނަމުގައި ހުރިހާ ސަރުކާރުތަކުން ވެސް ނެގި ނާޖާއިޒު ފައިދާ އެވެ. ގިނަ ކުޅިވަރުތަކުގެ މުސްތަގުބަލުގެ ޕްލޭނެއް ނެތެވެ. އެ ކުޅިވަރެއް ތަރައްގީކޮށް ގައުމީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ފައި ހަމަކޮށްލެވޭނެ ޖީލެއް ބިނާ ކުރަން އެއްވެސް އަމާޒެއް ނެތެވެ. އެފަދަ މަސައްކަތެއް ކުރާ މަދު އެސޯސިއޭޝަނަކަށް ސިޔާސީ ވަކި ކޮޅަކަށް ބުރަ ނުވާނަމަ ސަރުކާރުން އެއްބާރުލުމެއް ނުދެ އެވެ. ހަމަ އެގޮތުން، ވަކި ކުލައެއްގެ ސަރުކާރަކަށް ވީތީ އެއްބާރުލުން ނުދޭ އެސޯސިއޭޝަންތައް ވެސް މަދެއް ނޫނެވެ.

ނަމަވެސް، މި ހުރިހާ މައްސަލައެއްގެ ތެރެއިން ދިވެހި ކުޅިވަރަށް އޮތް އެންމެ ބޮޑު ހުރަހަކީ އެކަށީގެންވާ ވަސީލަތްތައް ނެތުމެވެ. އަދުގެ ޒުވާނުން ކުޅިވަރަށް ހުންނަ ޝައުގުވެރިކަން ފުޅާކުރުމަށް އެސޯސިއޭޝަންތަކަށް އޮތް މައިގަނޑު ގޮންޖެހުމެވެ. މިކަން އެންމެ ބޮޑަށް ސާފުވަނީ މާޒީގެ ސަފުހާތަަކުގެ ތެރެއަށް ވަދެ ނަޒަރު ހިންގައިލުމުންނެވެ.

"މޫންލައިޓް" ނޫހުގެ 1972 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޝާއިއުކޮށްފައި އިން ހަބަރަކީ އޭރު ކުޅެވެމުންދިއަ ބެޑްމިންޓަން މުބާރާތުގެ ކުޅުން ކުއްލިއަކަށް މެދުކަނޑާލަންޖެހުނު ވާހަކަ އެވެ.

"މިނިސްޓްރީ އޮފް އެފެއާޒްގެ ޕަބްލިކް މެއިންޓެނަންސް ޑިވިޝަންގެ ފަރާތުން ހަބަރު ލިބިފައިވާ ގޮތުގައި، މިހާރު ފަށާފައިވާ ބެޑްމިންޓަން މުބާރާތުގެ ކުޅުން ރެއަކު ނުބާއްވަވައެވެ. އެނގިފައިވާ ގޮތުގައި މުބާރާތް ބޭއްވޭ ވަރަށްވުރެ ވައި ގަދަވުމުގެ ސަބަބުން ވަކިގޮތަކަށް އަލުން އިއުލާނު ކުރައްވަންދެން މުބާރާތުގެ ދެން އޮތް ބައި ފަސް ކުރެއްވީ އެވެ."

ކުރު ނަމަވެސް، އެ ހަބަރުން ސާފުވާ ކަމަކީ އޭރު ބެޑްމިންޓަން ކުޅެ އުޅުނީ އައުޓްޑޯގައި ކަމެވެ. އެހެން ގިނަ ކުޅިވަރުތަކާއަޅާ ބަލާއިރު، ވައިގެ ނުފޫޒު ބެޑްމިންޓަން ކުޅޭ ބޯޅައަށް އެންމެ ބޮޑުއިރު، ވައި ބާރު ވުމުގެ ސަބަބުން ބޮޑު މުބާރާތެއް ހުއްޓާލަން ޖެހުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ހައިރާން ކުރުވަނިވި ކަމަކީ، އެ ޒަމާނުގައި ވެސް އެއޮތް ދަތި ހާލުގައި ވެސް 1979 ގައި ބައިނަަލްއަގުވާމީ މުބާރާތަކުން ރާއްޖެއަށް އެންމެ ފުރަތަމަ މެޑަލް ހޯދައި ދިނީ ބެޑްމިންޓަނުން ކަމެވެ.

"މޫންލައިޓް" ނޫހުގެ ހަބަރު ޝާއިއުކުރި ފަހުން މިހާރު ގާތްގަނޑަކަށް ބައި ގަރުނު ވީ އެވެ. މިހާރު ބެޑްމިންޓަންގެ ގައުމީ މުބާރާތްތައް ވައި ބާރުވެގެން ހުއްޓާލަން ނުޖެހުނު ނަމަވެސް، ވަސީލަތްތައް އަދިވެސް ހުރީ ދެރަވަރު ހާލަތުގަ އެވެ. ގިނަ ކުޅިވަރުތަކުން ވެސް އޮތީ ހަމަ އެ ޝަކުވާ އެވެ. އެކަށީގެންވާ ފެންވަރެއްގެ ދަނޑެއް ނެތީމަ އެވެ. ބޭރުގެ މުބާރަތަކަށް ތައްޔާރުވާނެ ކޯޓެއް އަޅައިދޭނެ ކަމުގެ އުއްމީދުގަ އެވެ. ތަޣައްޔަރުވެފައިވާ ފެނުގައި ޕްރެކްޓިސް ކުރަންނުޖެހޭނެ ދުވަހެއް ފެންނާނެކަމުގެ ފޮނި ހުވަފެން ތަކެވެ.