ކުޅިވަރު

ކުރީގެ އެއްވަނަ ކީޕަރުގެ ކެރިއަރުން ފިލާވަޅުތައް!

ގައުމީ ކީޕަރުގެ އަންގި، އިމްރާން މުހައްމަދު އެޅުމުގެ ކުރިން، އެއް ވަނަ ކީޕަރަކީ، ކ. ހުރާގެ އިސްހާގް އީސާ އެވެ. މަޑުމައިތިރި މިޒާޖުގެ އިސްހާގަކީ، ގައުމީ ޓީމުގެ ގޯލްގައި ހަރަކާތް އަވަސް ކީޕަރެކެވެ. ހާއްސަކޮށް ޕެނަލްޓީ ދިފާއު ކުރުމުގައި، އިސްހާގް ވަރަށް ތޫނު ފިއްޔެވެ.

އިންޓަ ސްކޫލް މުބާރާތުގައި، އެކި އުމުރުފުރާތަކުން، ކުރިއަރަމުން އައިސް، ގައުމީ ޓީމުގެ ގޯލާ ހަމަޔަށް އޭނާ ގެނެސް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި އެކަކީ، ކުރީގެ އެއް ވަނަ ކުޅުންތެރިޔާ މޫސާ މަނިކު ނުވަތަ ކުޑަ މޫސަ އެވެ.

"މިއީ ގައުމީ ޓީމުގެ ގޯލްވެސް ބަލަހައްޓާނެ ކީޕަރެއް." އިންޓަ ސްކޫލުގައި އިސްހާގްގެ ކުޅުން ފާހަގަ ވުމުން މޫސަ އޭރު ބުންޏެވެ. ކުޑަ މޫސަގެ އެ ޕްރިޑިކްޝަން 100 ން 100 ދިމާވެ،. ދުވާލުގެ އިރުފަދައިން އެންމެންގެ ލޯމައްޗަށް އެކަން ފެނުނެވެ.

އިސްހާގް އެންމެ ފުރަތަމަ މުބާރަތަކަށްވީ، އޭރުގެ އަތޮޅު ފުޓްބޯޅަ މުބާރާތް، ޒޯން ޗެމްޕިއަންސް ލީގެވެ. ހުރާ ޖަމްއިއްޔަތުލް އުލޫމްގެ، ބަދަލު ކީޕަރެއްގެ ގޮތުގައި އިސްހާގް ފެށީ، އޭނާގެ ސްކޫލު ދަރިވަރެއްގެ ގޮތުގަ އެވެ.

ފަހުން، ޖަމްއިއްޔަތުލް އުލޫމް، ރިބްރޭންޑްކޮށް، ހުއްރިއްޔާ ސްޕޯޓްސް ކުލަބުގެ ނަމަށް ބަދަލު ކޮށް، އެ ކުލަބު ރާއްޖޭގެ އެންމެ މަތީ ފުޓްބޯޅައަށް އައިސް، އޭރުގެ އެންމެ ވަރުގަދަ ތިން ކުލަބަށް ގޮންޖަހަމުން ދިޔަ އެވެ. ހުއްރިއްޔާ ސްޕޯޓްސް ކުލަބުގެ ދޮރުން އިސްހާގް ނިކުމެ، ގައުމީ ޓީމުގެ ގޯލްގައި، އޭނާ ގެންގޮސް ދިނުމުގެ ހުރިހާ ޝުކުރެއް އޭނާ ހައްގު ކުރަނީ ކުޑަ މޫސަ އަށެވެ.

"މޫސަ އަޅުގަނޑަށް ފުރުސަތު ހޯދައިދިނީ، އޭރު ހުރާގެ ވަރަށް ގިނަ ކުދިންނަށް މޫސަ ފުރުސަތު ހޯދައިދިން، އޭރު، އަޅުގަނޑުގެ ޓްރެއިނިންތައްވެސް ކުރިއަށް ގެންދިޔައީ މޫސަގެ ބެލުމުގެ ދަށުން، މޫސަ އޭރު ވަރަށް ގިނަ އެއްޗިހި ތަކެއް ކިޔައިދިން، އޭގެ ސަބަބުން ކުރިއަށްދާން ވަރަށް ފަސޭހަވި." އިސްހާގް ކިޔައިދިނެވެ.

ގައުމީ ކީޕަރުގެ ގޮތުގައި، އިސްހާގްގެ އެންމެ ހާއްސަ މުބާރަތަކަށްވީ، 1999 ވަނަ އަހަރު އިންޑިއާގެ ގޯއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕެވެ. އެމުބާރާތުން ރާއްޖެއަށް ތިން ވަނަ ލިބުމުގައި އިސްހާގް މުހިންމު ދައުރެއް އަދާ ކުރި އެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އެ މުބާރާތުގެ ފައިނަލަށް ރާއްޖެއަށް ދެވުނީހެވެ. ނަމަވެސް ނަސީބުގެ އެހީ ރާއްޖެކޮޅަށް ނަގައެއް ނުދިނެވެ.

"ވަކިވަކި މެޗުތަކެއް ހުންނާނެ، ފާހަގަ ކުރެވޭ މެޗުތަކެއް، ނަމަވެސް މުބާރަތަކަށް ބަލަންޏާ، ގޯއާ ސާފް ޗެމްޕިއަންޝިޕަކީ، ވަރަށް ފާހަގަ ކުރެވޭ މުބާރާތެއް، ވަރަށް ރަނގަޅު ކުޅެވުނު."

އެ މުބާރާތުގައި އޭނާ ދެއްކި ކުޅުމާއެކު، ދިވެހި ގިނަ ސަޕޯޓަރުންގެ މެދުގައި އިސްހާގް މަގުބޫލުކަން އިތުރުވެގެން ދިޔަ އެވެ. އިންޓަ ސްކޫލު މުބާރާތުން ފެށި ދަތުރު އިސްހާގް ނިންމާލީ ގައުމީ ޓީމުގެ އަންގިވެސް އަޅައި ދިވެހި ފުޓްބޯޅަ ސަޕޯޓަރުންގެ އިތުބާރުވެސް ހޯދާފަ އެވެ. އަދި އޭނާ އާއެކު ގިނަ މުބާރާތަކެއް ރާއްޖެއަށް ކުރިއަށް ދެވިދާނެ ކަމަށް އުންމިދު ކުރިއެވެ.

ނަމަވެސް އިސްހާގްގެ ކެރިއަރަށް ކުރިމަތިވީ ބަނަ ދުވަސްތަކެކވެ. އަނިޔާ އާ ހެދި ޖެހިގެން އައި 2000 ވަނަ އަހަރު، ރާއްޖޭގެ ފުޓްބޯޅައަށް 50 އަހަރު ފުރުމުގެ ގޮތުން ބޭއްވި، ރަން ޔޫބީލް މުބާރާތުގެ ކުރިން އިސްހާގް ގެއްލިއްޖެ އެވެ. އޭނާ އަށް ކުރިމަތިވި އަނިޔާއާ ހެދި، މުބާރާތުގައި އޭނާ އަށް ނުކުޅެވުނެވެ.


ނަމަވެސް، އޭނަގެ ކެރިއަރުން، ދިވެހި ކޮންމެ ކުޅުންތެރިޔަކަށް އެތައް ފިލާވަޅެއް ލިބެ އެވެ. އިސްހާގް ޑިސިޕްލިން އަށް ބެލިޔަސް އެއީ ބޮޑު ގުރުބާނީ އެކެވެ. ފުޓްބޯޅަ ކުޅުނު އިރު، އޭނާ ސަމާލު ކަން ދިނީ ހަމައެކަނި އެކަމަށެވެ. އޭނާ ހުސްވެ ހުރީ ހަމައެކަނި ފުޓްބޯޅަ އަށެވެ. އޭނާގެ ރަސްމީ ވަޒީފާއަކީވެސް އެއީ އެވެ.

އޭރުގެ ހާލަތަށް ބަލައިފިނަމަ، ކުޅުންތެރިޔަކު، ކުލަބު ބަދަލު ކުރަން 100000 ރުފިޔާ ދިނުން އެއީ، ބޮޑު އަދަދެކެވެ. ހުއްރިއްޔާ ދޫކޮށް، އިސްހާގް އައިލެންޑް ފުޓްބޯޅަ ކުލަބު (އައިއެފްސީ) އަށް ބަދަލުވީ 100000 ރުފިޔާ ގާތް ކުރާ އަދަދެއްގަ އެވެ. އެއީ އެހާތަނަށް ރާއްޖޭގައި ކީޕަރެއް ކުލަބު ބަދަލު ކުރި އެންމެ ބޮޑު އަގެވެ.

ނަމަވެސް، ތަކުރާރުކޮށް، އަނިޔާ ވަމުން އައިސް، އިސްހާގް ކެރިއަރަށް ހުއްޓުމެއް އައެވެ. އަނިޔާގެ ސަބަބުން، ކުޅުމާ ދުރުގައި ހުންނަން ޖެހުންވީ، މިހާރު އޭނާގެ ދިރިއުޅުން އޭގެ މައްޗަށް ބިނާ ކޮށްފައިވާ، ކެރިއާއަށް ހުޅުވުނު ދޮރު ކަމުގަ އެވެ. ނަމަވެސް އިސްހާގް ގަބޫލު ކުރާ ގޮތުގައި، ކައިރިކައިރީގައި އޭނާ އަށް އަނިޔާ ނުވިނަމަ، ވަރަށް ފަހަކާ ޖެހެންދެން، އޭނާ ގަލޮޅު ދަނޑުން ފެނުނީހެވެ. އޭނާ ދަނޑުން ގެއްލުނީ، ކުޅުންތެރިޔެއްގެ އެންމެ ޕީކް އުމުރުގަ އެވެ. އުމުރުން 29 އަހަރުގަ އެވެ.

"ކަކުލަށް އަނިޔާވީ، ލަންކާގައި ބޭސްވެސް ކުރިން، އޭރު އަނިޔާ ނުވިނަމަ، ވަރަށް ފަހަކާ ޖެހެންދެންވެސް ކުޅެވުނިސް ކަންނޭންގެ،" އޭނާ ބުންޏެވެ.

"އަނިޔާގައި ކުޅުމާ ދުރުގައި ހުއްޓާ، އަޅުގަނޑުގެ އަންހެންުންގެ އާއިލާގެ މީހުން އަޅުގަނޑު ގެންދިޔައީ، އޭރުވެސް އަންހެންުންގެ އާއިލާއަކީ ވިޔާފާރި ކުރާ އާއިލާއެއްވީމަ، އެމީހުންގެ ވިޔާފާރި ކަންކަމުގައި އަޅުގަނޑު ބައިވެރި ކުރަން ފެށީ." މިއީ އޭނާގެ ކެރިއަރު ބަދަލުވެގެން ދިޔަ ގޮތެވެ.

ކުރީގެ އެއްވަނަ ކީޕަރު، ދިރިއުޅުން މިހާރު ބިނާވެފައި ވަނީ، ހުރާގައި އޭނާގެ އަންހެނުންގެ އާއިލާއިން ހުޅުވާފައިވާ ފިހާރަ 'ޕްލަސް ވަން'ގެ މައްޗަށެވެ. އެއީ އިސްހާގްގެ ދިރިއުޅުމަށް އިތުރުވި އެއްކުރާ ފާހަގައަކަށް ވެއްޖެ އެވެ.

ދެން އޮތީ އެއެްވެސް ހިސާބެއްގައި، ފުޓްބޯޅައިގެ މަސައްކަތެއްގައި އިސްހާގް ފެނިދާނެތޯ އުފެދޭ ސުވާލެވެ. އޭނާ ބުނީ އެފަދަ ކަމަކަށް ވަގުތު ހުސްކުރެވޭ ވަރަށް ވުރެ، އެންގެ ޒިންމާތައް ބޮޑު ކަމަށެވެ.

"ކޮންމެ އަހަރަކު ވެޓަރަންސް މުބާރާތް ކުޅެން، ދެން އެކަހަލަ ގޮތަކަށް ކަންނޭންގެ ފުޓްބޯޅައިގެ ކަމަކުން ފެންނާނީ."