ނިއުރޭޑިއަންޓް

ވަހީދާއި ބަދަހި އާއިލާއަށް ހިތްދަތި އަހަރެއް!

ވަހީދު
20%
0%
80%

އެ ގޭގެ ސިޓިން ރޫމަށް ވަން އިރު، ބޮޑު އެ ސިޓިން ރޫމްގެ ގޮނޑިއެއްގައި އިށީންދެ ވަޑައިގެން އިންނެވީ، ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު ނިއު ރޭޑިއަންޓްގެ އެންމެ އިސް މަސްއޫލުވެރިޔާ، ކުއީން އަހުމަދު ވަހީދެވެ. އޭނާގެ ގޭގެ ސިޓިން ރޫމުގެ އެއްބައި ހާއްސަކޮށްފައި ވަނީ ނިއު ރޭޑިއަންޓް ހޯދާފައިވާ ޓޮރޮފީތަކުގެ ކެބިނެޓެއްގެ ގޮތުގައެވެ.

އޭނާގެ އާއިލާ އެކުގައި ނަގާފައިވާ ލޭންޑް ސްކޭޕް ފޮޓޯއެއް ސިޓިން ރޫމްގެ އެއް ފަރާތު ފާރުގައި ހަރުކޮށްފައި ވެއެވެ. އެއް ދަރިކަލުން މެދުހެންވޭރު ދާއިރާގެ މެންބަރު، އަލީ އާޒިމް ފިޔަވައި، ވަހީދުގެ މުޅި އާއިލާ ދިރިއުޅެނީ އެއް ފުރާޅެއްގެ ދަށުގައިވާ އެ ގޭގަ އެވެ.

އެ ގޭގެ ސިޓިން ރޫމްގައި، ހަދާފައިވާ ޓްރޮފީ ކެބިނެޓަކީ، ނިއު ރޭޑިއަންޓްގެ މުޅި ތާރީހް ރަމްޒުކޮށްދޭ ހަރުގަނޑެވެ. ހަރުގަނޑުގެ ތެރެއިން ދެން ފެންނަނީ ވަހީދުގެ އެހެން ލޯއްބެކެވެ. އޭނާ އާއި އޭނާގެ ލޯބިވާ އަނބިކަނބަލުން އަޒީޒާއާ އެކުގައި ނަންގަވާފައިވާ ފޯޓޯއެކެވެ. އެ ފޮޓޯގަނޑު ޓްރޮފީ ކެބިނެޓްގައި ބައިންދާފައި ވުމުން އޭނާގެ ހަޔާތާއި ނިއު ރޭޑިއަންޓާއި އޮތް ގުޅުން ކިތަންމެ ރަނގަޅަކަށް ވެސް ހާމަވެގެން ދެއެވެ.

ވަހީދު (ކ) އާއި އޭނާގެ ލޮބުވެތި އަނބިކަނބަލުން އަޒީޒާގެ ފޮޓޯ ---

މި އަހަރުގެ ފުޓްބޯޅަ ސީޒަނާއި ކުރިމަތިލާއިރު ނިއު ރޭޑިއަންޓް ނުފެންނާނެ އެވެ. ކުލަބު ހިންގަމުންދިޔަ މުހައްމަދު ޒިޔާދުގެ ޗެއާމަން ކަމުގައި ކުޅުންތެރިންނަށް މުސާރަ ނުދީ އޮތުމުން ކުލަބު އޮތީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފަ އެވެ. އަދި ފީފާގެ ޓްރާންސްފާ އަދަބު ކުލަބާ ދެކޮޅަށް އަޅާފައި ވުމުން، ސަލާމަތް ވެވޭނެ ހަމަ އެއް ގޮތެއް ވެސް ނެތެވެ.

އެ ހާލަތު ބަދަލު ކުރެވޭތޯ ވަހީދާއި، ނިއުގެ ކުރީގެ ޚިދުމަތްތެރިޔާ ކާމީނީޕޫލް ހަސަން މަނިކުއާ ދެ ބޭފުޅުން ކުރެއްވި މަސައްކަތުގައި އަލި މަގެއް ފެންނާން ނެތުމުން އެ މަސައްކަތް ވަނީ މިވަގުތަށް ހުއްޓާ ލައްވާފަ އެވެ.

"ވަރަށް ދެރަވޭ،" ނިއު ރޭޑިއަންޓަށް މިހާރު ކުރިމަތިވެފައިވާ ހަލަތާމެދު ވަހީދު ކުރުކުރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުމުރުން އެއްބައި އެ ކަމަށްޓަކައި ހޭދަ ކުރެވުނު ކަމެއް، ނިއު ރޭޑިއަންޓާ ހަވާލުވިރު އުމުރުން 30 މިހާރު މިހުރީ 70 އިން މައްޗަށް ގޮސްފަ، ލައްކަ ދުވަހު އަޅުގަނޑަށް އެކުމުގައި އުޅެވުނު ކަމެއް."

އޭނާގެ 12 ދަރިންގެ ތެރެއިން ފަސް ވަނަ ދަރިފުޅު މުހައްމަދު ޝިޔާޒަކީ، ރާއްޖޭގެ ފުޓްބޯޅައިގައި މިހާރު އެންމެ ބޮޑު ނަމަވެ. ސާފް ޗެމްޕިއަންޝިޕް ފުރަތަމަ ކާމިޔާބު ކުރި ޓީމުގެ އެސިސްޓެންޓް ކޯޗުކަން ކުރި މޯހަން އަކީ، ރާއްޖޭގެ އެންމެ ތަޖުރިބާ ބޮޑު އެއް ކޯޗެވެ. އެއްވެސް މެޗަކުން ބަލި ނުވެ ދިވެހި ލީގް ހޯދި ހަމައެކަނި ދިވެހި ކޯޗަކީ އޭނާ އެވެ. މިވަގުތު ކުލަބު އީގަލްސްގައި މޯހަން ހުއްޓަސް، އޭނާގެ ހިދުމަތް އެންމެ ބޮޑަށް ފެނުނީ ނިއުގެ ތެރެއިންނެވެ.

"މޯހަން އާ މެދު އެއްވެސް މައްސަލައެއް ނެތް، އެއީ އޭނާ ވެސް ކާން ބޯން ކުރާ މަސައްކަތް، އެ މަސައްކަތުގައި އަބަދުވެސް އޭނާއަށް ސަޕޯޓް ލިބޭނެ،" މޯހަންގެ މަސައްކަތާ ބެހޭ ގޮތުން ވަހީދު ވާހަކަފުޅު ދެއްކެވި އެވެ. "އޭނާ ނިއު ރޭޑިއަންޓަށްވެސް ކޯޗް ކޮށްދިންތާ އޭނާ އަށް އެއްޗެއް ނުލިބި."

ވަހީދުގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ، އޭނާގެ މުޅި އާއިލާ ބަދަހި ކަމާއެކު އޭނާގެ ހިޔާވަހި ކަމުގައި އުޅެމުން ގެންދިއުމެވެ. އެއީ އޭނާގެ އެންމެ ބޮޑު ކާމިޔާބެވެ.

"މިހާރު މަގޭ އެބަތިބި 12 ކުދިން، އެ 12 ކުދިންނާއި އެ 12 ކުދިން އިނދެގެން އުޅޭ މީހުންނާއި ކާފަ ދަރީން ވެސް އެބަތިބި 22 ކަން ނޭންގެ، އެންމެން މި އުޅެނީ މިތާނގައި އެއް ފުރާޅެއްގެ ދަށުގައި، އާޒިމު އެކަނި ބޭރުގައި އުޅޭނީ،" އޭނާގެ ބަދަހި އާއިލާއާ ބެހޭގޮތުން ވަހީދު ވިދާޅުވެ ދެއްވި އެވެ. "އެހެންވީމަ ވިސްނާލާ މީގެ އެކުވެރިކަން ހުރިވަރު، މިއިން ޒަމާނެއްގައި ވާނެ ކަމެއް ނޫން، އަމުދުން މި ޒަމާނެއްގައި."

ނިއު ރޭޑިއަންޓްގެ ކުޅުންތެރިން ވެސް ވަހީދު ގެންގުޅުނީ އޭނާގެ އުފަން ދަރިންތަކެއް ފަދައިންނެވެ. ކުރިއަށް އޮތް ސީޒަންގައި ނިއު ރޭޑިއަންޓަށް ނުކުޅެވޭނެ ކަން ޔަގީނެވެ. ވަހީދު ވިދާޅުވި ގޮތުގައި ނިއު ރޭޑިއަންޓް އެ ހާލަތަށް ވެއްޓުނީ، މިފަހުން ކުލަބުގެ ޗެއާމަން ކަމުން އިސްތިއުފާ ދެއްވި، މުހައްމަދު ޒިޔާދުގެ ބައެއް ނިންމުންތަކުގެ ސަބަބުންނެވެ.

"މިހާރު ވީގޮތަކީ ޗެއާމަން [ޒިޔާދު] ޗެއާމަންއަކީ ވަރަށް ރަނގަޅު ބޭފުޅެއް، އެހެންނަމަހީ ވެސް އޭނާއަށް މިކަން ކުރަންވާ ގޮތް އެނގިވަޑައި ނުގެންނެވީ،" ވަހީދު ވިދާޅުވި އެވެ. "ކުލަބުގެ ބޯޑެއް އޮއްވައި ބޯޑުގެ މެންބަރުންނާ އެއްވެސް މަޝްވަރާއެއް ނުކުރައްވާ މީހުންގެ މުސާރަތަކާ އެއްޗިހި އަމިއްލައަށް ބޮޑުކޮށް ނިންމާލީ، ބޮޑެތި މުސާރަތައް ކިޔާފައި ހުރީވެސް ބޯޑުގެ އެއްވެސް މީހަކާ ވާހަކަ ނުދައްކަވާ،"

ވަހީދު ވިދާޅުވި ގޮތުންނަމަ، ނިއު ރޭޑިއަންޓާ މެދު އެފްއޭއެމުން އޮތީ ފުރުސަތަތަކަށް ބަލަބަލަ އެވެ. އެހެންވެ އެފަދަ ކަމަކަށް ބަލަބަލައި ތިއްބައި ކުލަބު ހިންގަން ތިބި މީހުން އެ ފުރުސަތު ދިނުމުން އެކަމުގައި އެފްއޭއެމަށް ވަކިއެއްޗެއް ބުނެވޭކަށް ނެތެވެ.

"އެފްއޭއެމުން މި ތިބެނީ ފުރުސަތެއް ނުލިބިފައި، ދެން އެމީހުންނަށް ފުރުސަތު ލިބުނީމަ ދެން އެމީހުން ބޭނުން ގޮތަކަށްނު ހަދާނީ،" ވަހީދު ވާހަކަ ކުރިއަށް ގެންދެވި އެވެ. "އެއީ އެފްއޭއެމްއަކާވެސް ވަކި އެއްޗެއް ކިޔުމުގެ ބޭނުމެއް ނެތް، ފުރުސަތު ބަޔަކު ދީފިއްޔާ އޭގަ ހިފާނެ ކޮންމެ ބަޔަކުވެސް."

އެހެންނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ނިއު ރޭޑިއަންޓާ މެދު އެފްއޭއެމުން ފިޔަވަޅު އެޅުމުގައި އިންސާފުވެރިކަން އޮތީ ގެއްލިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ނިއު ރޭޑިއަންޓްގެ އިތުރުން ވިކްޓަރީއަށް މުސާރައިގެ މައްސަލަ ދިމާވެފައިވާއިރު ހަމައެކަނި ނިއު ރޭޑިއަންޓަށް އަދަބު ދިނުމުމުން އިންސާފުވެރިއެއް ނޫނެވެ.

ކުލަބު ލައިސެންސަށް އެދުމުގެ ފުރުސަތު އާދިއްތަ ދުވަހުގެ ރޭ 12:00 ށް ވަނީ ހަމަވެފަ އެވެ. ނިއު އަށް ނުކުޅެވޭނެ އެވެ. އެއީ ވަހީދު އާއި އޭނާގެ ބޮޑު އާއިލާއަށް ލިބުނު ހިތާމައެކެވެ.

"މި ގެ އޮންނާނީ މުޅި ނިއު ރޭޑިއަންޓަށް، މީ ވަރަށް ފެމިލީ ބޮޑުބައެއް، މިހާރު ނިއު ރޭޑިއަންޓު އޮތް ހާލަތުން މޯހަންގެ ޓީމަށް ސަޕޯޓް ކުރާނީ މި ހުރިހާ ކުދިންވެސް." ވަހީދު ވިދާޅުވި އެވެ.

ނިއު ރޭޑިއަންޓް ކޮޅަށް ނެގުމުގެ މަސައްކަތުގައި ވަހީދު ހުރީ މަސައްކަތް ކުރައްވަން ތައްޔާރަށެވެ. އޭނާ ވިދާޅުވީ އަލުން ކުލަބު ނަގާނަމަ ފަށަން ޖެހޭނީ ސުމަކުންނެވެ. ކުލަބަށް ކޮޅަށް ތެދުވެވޭނީ ވެސް ނުވަ މިލިއަނެއްހާ ރުފިޔާ ހޭދަ ކޮށްގެނެވެ.

"މިއަށް ވުރެ ދަތިކޮށްވެސް ކުލަބު ހިންގިން އެހެންނަމަވެސް މިހާލަތަކަށް މީގެ ކުރިއަކުން ނުދޭ."

13 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މަރިޔަމް ނަތާޝާ

ޙޖހ އަށް. ދިވެހި ބަހުގައި ދެގޮތް ވެސް ރަނގަޅު. ވީމާ ހިޔާރު ކުރަންވާނީ ބޮޑަށް ހީ އަކަށް ތަން ނުދޭ ގޮތޭ އަޅުގަނޑު ލިޔުނީ. ތިރީގައި، މީހުން ކޮށްފަ ހުންނަ ކޮމެންޓް ތައް ތަންކޮޅެއް ބޮޑަށް ވިސްނައިގެން ކިޔުން ފެނޭ ! ގަވާއިދު އަކީ އިންސާނުން ހަދާ އެއްޗެއް. ކުރިން ގަވާއިދު އޮތް، 65 އަހަރު ވީމާ ރައީސް ކަން ނުކުރެވޭ ގޮތަށް. ފަހުން ބަދަލު ކުރީ. ވީމާ "ވަހީދާއި" އޭ ބުނުމުން އަންހެނެކޭ ހީވާތީ "ވަހީދުއާއި" އަށް ބަދަލު ކުރުމަކީ ވެސް އަހަރުމެންގެ އަތްމަތީގައި އޮތްކަމެއް. "އަޅައިފިއަތަކަށްމަރު"، މިގޮތަށް ހިޔާލު ބަހައްޓައިގެން ގައުމެއްވެސް ކުރިޔަކަށް ނުގެން ދެވޭނެ. އަދި ދިވެހިބަހެއްވެސް ކުރިޔަކަށް ނުގެންދެވޭނެ !

ޚޖހ

ނަތާޝާ ދިވެހބަހުން ލިޔެކިޔައި އުޅޭ ގޮތް ދަސްކުރަން ފެނޭ. ވަހީދާއި އޭނާގެ ދަރިންނޭ ލިޔުނީމާ އެ ބުނަނީ ވަހީދު އަދި އޭނާގެ ދަރިންނޭ. އަންހެނަކަށް ވިއްޔާ ލިޔާނީ ވަހީދާއާއި އޭނާގެ ދަރިންނޭ.

ނަތާޝާ

މުބީނު އަށްތާއީދު. ދިވެހިބަހުގެގަވާއިދުގައި އޮންނަނީކީ ހުރިހާފަހަރަކު ރަނގަޅުގޮތަކަށް ނޫން. ވަކިބަޔަކަށް ވަޑައިންނަވަން ކިޔުން އެއީ ދިވެހިބަހުގެ ރަނގަޅުގޮތް. ނަމަވެސްމިޒަމާނަށް ބަލައިފިނަމަ، އެއީ ނަސްލީ އިމްތިޔާޒް. ރޭސިޒަމް. ގަވާއިދުއޮންނަންވާނީ ހީ އަކަށް ތަންނުދީ ޔަގީން ވެގެންވާގޮތުގައި. ވަހީދާއި އޭ ބުނުމުން (ކުއްލިއަށް ކިޔާލާއިރު) އަންހެނެކޭ ހަމަ ހީވޭ ! ފަހުންއިނގެނީ މިކިޔަންއުޅެނީ ކޯއްޗެއްކަން.

މާރނީ

ރަނގަޅު ވާހަކަ އެއް. ބަހުގެ ހަމަ ތަކަށް ބަލާ އިރު ގޯހެކޭ އަޅުގަނޑު ބުނެފަކާ ނޯންނާނެ. ނަމަވެސް ކުއްލި އަކަށް ކިޔާލާއިރު "ވަހީދާ" މިހެން އޮތީމާ ހަމަ ގައިމުވެސް ކޮން "ވަހީދާ" އެއް ބާއޭ، ހާއްސަކޮށް މިޒަމާނުގެ ކުދިންގެ ހިތަށް އަރާނެ. އެހެން ހިތަން ނާރާތޯ މިޒަމާނުގެ 10 ކުދިންކައިރި އަހާލަ ބަލަ. 9 ކުދިން އެއްބަސްވާނެ، "ވަހީދާ" އޭ ހިތަށް އެރި ކަމަށް. އަޅުގަނޑު އަހައިފިން. ދިވެހި ބަހަކީ އިޝާރާތެއް. ލިޔުމުގައި އޮންނަންވާނީ ކިޔާމީހާއަށް ފަސޭހަ އިން ދޭހަވާ ގޮތަށް. ގަވާއިދަށް ބަލާއިރު ދެގޮތް ވެސް ރަނގަޅު ހާލަތުގައި ނަގަންވާނީ ބޮޑަށް އޮޅުން ނާރާ ގޮތް.

މަރިޔަމް ނަޝްފާ

މުބީނު ތިޔަބުނީ ރަނގަޅަށް. އެކަކު އަނެކަކަށް ވާހަކަ ދައްކާއިރު ވެސް "ވަހީދާއި"، އެއް ކިޔައެއް ނޫޅޭ.

މުބީނު މާރނީ

"ވަހީދާއި"، މިހެން ޖެހީމާ ހީވަނީ ވަހީދާ ކިޔާ އަންހެނަކަށް މުހާތަބް ކުރާ ހެން. "ވަހީދު އަށާއި"، މިހެން ޖެހި ނަމަ މި ގޮތަށް ފުށު ނާރާނެ ! ކިޔާލަން ވެސް ފަސޭހަ ވީސް. ލޮލަށް ވެސް ފަސޭހަ ވީސް. ކިޔާމީހާ އަށް ހަޖަމް ކުރަން ވެސް އުނދަގުލެއް ނުވީސް.

އާމިނަ

މުބީނަށް ނޭނގުމަކީ މައްސަލައެއްނޫން. ލިޔުމުގައި އެވަނީ ރަނގަޅަށް. "ވަހީދާ" ގެ ވާހަކަ މިލިޔުމުގައި ހިމަނާނީ "ވަހީދާއަށާއި" މިގޮތަށް. "މުބީނު" ގެ ނަން ހިމަނާއިރު "މުބީނާއި އޭނާގެ ކޮމެންޓް" މިހެން ލިޔެވޭނެ. "މުބީނު އާއި އޭނާގެ ކޮމެންޓް" މިގޮތަށްވެސް ލިޔެވިދާނެ.

ދިވެހި

ޢެއީ ބަހުގެ ގަވާޢިދުގެ ރަނގަޅު ގޮތް. ޢަންހެނެއް ނަަމަ ލިޔާނީ ވަހީދާއާޢި މިހެން

ރިއްކޮ

"ވަހީދާއި" އޭ އޮތުމުން އެނގޭ އެއީ ވަހީދު ކިޔާ ފިރިހެނެއްގެ ވާހަކަ ކަން. ވަހީދާ ކިޔާ އަންހެނެއް ނަމަ ލިޔާނީ "ވަހީދާއާއި" މިހެން. އޮޅެންވީ ސަބަބެއް ނެތް.

މައި

މާ އެނގެނީ. އެ ލިޔެފަ އެ އޮތީ ދިވެހިބަހުގައި ލިޔެފައި އޮންނަން ޖެހޭ ގޮތަށް

އާރު

“ވަހީދާއި” މިއީ ފިރިހެން ގޮތް، ނުވަތަ ވަހީދު ކަން އެނގޭނެ ބަހުގެ ހަމަ ދަންނަ މީހުންނަށް އަންހެނެއް ނަމަ ލިޔެފައި އޮންނާނީ “ވަހީދާއާއި” ގުޅުވާ އަކުރުގެ ހަމަތައް ދަސްވީމަ އޯކޭ ވާނެ!

ކުޑޭ

މާ ބޮޑަށް އިނގިފައި ތިހުރީ

ނަސީރު

ވަހީދަކީ މުޅި ނިއުރޭޑިއަންޓް. މިއަދުގެ ކުދިންނަށް މިހެން ބުނުމުން ޖޯކަކަށް ވެދާނެއެވެ. ޢެކަމަކު އަޅުގަޑު ކަހަލަ އުމުރުން ދުވަސްވީ ހެންވޭރަށް ނިސްބަވާ ކުޅިވަރު އާިލާއަށް ނިބަތްވި މީހަކަށް މެނުވީ އެކަން އިހްސާސް އެއް ނުކުރެވޭނެއެވެ. ނިއުރޭޑިއަންޓް ދެމި އޮތްހާ ދުވަހަކު ވަހީދުގެ އެހިދުމަތަށް ފަނޑުކަނަ އައުމެއް ނުވެއެވެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910