ނިއުރޭޑިއަންޓް

ނިއު ރޭޑިއަންޓްގެ އާ ޗެއާމަނަކަށް މުބީން

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓުބޯޅަ ކްލަބު ކަމުގައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އާ ޗެއާމަންގެ މަގާމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން އިންތިހާބުކޮށްފި އެވެ.

މި އިންތިހާބު ބޭއްވީ ރޭ ދަރުބާރުގޭގައި ބޭއްވި ނިއު ރޭޑިއަންޓްގެ އިލެކްޓޯރަލް ކޮންގްރެސްގަ އެވެ.

މި ކޮންގްރެސްގައި ކްލަބުގެ ކުރީގެ ފުޓުބޯޅަ ލެޖެންޑުންނާއި ރާއްޖޭގެ ފުޓުބޯޅައިގެ އިސް ފަރާތްތަކުގެ އިތުރުން ކްލަބުގެ ކޯ ފައުންޑަރު ކުއީން އަހްމަދު ވަހީދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިކޮންގްރެސްގައި އަސާސީ ގަވާއިދަށް މުހިންމު ބަދަލުތަކެއްވެސް ގެނެސްފައިވެ އެވެ. އެގޮތުން ކްލަބުގައި ކުރިން ގެންގުޅުނު ޗަންދާ ނެގުމުގެ އުސޫލު، ކޮންމެހެން މަޖުބޫރުކޮށް އޮތް އޮތުން ބަދަލުކޮށް، ބޭނުންވާނަމަ ނެގޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މީގެއިތުރުން ހަޒާންދާރު އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ބަދަލުގައި އެ މަގާމުތައް ބޯޑު މެމްބަރުންގެ މަގާމަށް ބަދަލުކޮށް، ގަވާއިދުގައި ލިޔެގެން އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލުމަށްވެސް ވަނީ ނިންމާފަ އެވެ.

ސީނިއާ ވައިސް ޗެއާމަންގެ މަގާމަށް ރޭ އިންތިހާބުކޮށްފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް (ކައްޕި) އާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް (މުޖޭ) އެވެ. އަދި ވައިސް ޗެއާމަނަކަށް އިންތިހާބުކޮށްފައިވަނީ ގާނޫނީ ވަކީލް އަލީ ރަޝީދު އެވެ. ލީގަލް ކައުންސިލްގެ މަގާމަށް ހޮވާފައިވަނީ މާޒިން ހުސައިން އިބްރާހީމް އެވެ.

ބޯޑު މެމްބަރުން:

  • އިސްމާއީލް ރަޝީދު (ހުންގާނު)
  • މުހައްމަދު ޝަކީލް
  • މުހައްމަދު ޔޫސުފް
  • އަހުމަދު މޫސާ
  • އަހުމަދު ހުސައިން
  • އަހުމަދު ޔޫސުފް
  • މޫސާ ސާއިދު
  • ޒަހީނުއްދީން ސައީދު
  • އަބްދުﷲ އަބޫބަކުރު
  • މުހައްމަދު އަލީ
  • އުމަރު ފަރުހާން

މި އިންތިހާބުގައި ހުރިހާ މަގާމަކަށްވެސް ކުރިމަތިލީ އެންމެ ބޭފުޅެކެވެ. ވޯޓުލުން ކުރިއަށް ގެންދިޔައީ އަތް އުފުލައިގެންނެވެ. ހުރިހާ މަގާމަކަށްވެސް ކެންޑިޑޭޓުން ހޮވީ އަގުލަބިއްޔަތުންނެވެ.