ދިވެހީންްގެ މެދުގައި އެންމެ މަގުބޫލް ފުޓްބޯޅަ ކުލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯސް ކްލަބްގެ ހަރަކާތައް ހުއްޓިފައިވާތާ ހަތަރު އަހަރެއްހާ ދުވަސް ވަނީ އެވެ. އެއީ އެ ކުލަބުން ބޭރުގެ ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ 215،000 ހާސް ޑޮލަރު. -- 3.3 މިލިއަން ދިވެހި ރުފިޔާ -- ދައްކާ ހަލާސް ކުރަން ދެން ފީފީ އިން އެ ކުލަބް ސަސްޕެންޑް ކޮށްފައިވާތީ އެވެ. 2019 ވަނަ އަހަރު އެޅި އެ ފިޔަވަޅުގެ ސަބަބުން ނިއުގެ ހިންގުން ހުއްޓި ދިވެހީންގެ އެންމެ ބޮޑު ލޯތްބަކާއި ސަޕޯޓެއް އޮތް ކުލަބު ހުއްޓުނީ އެވެ. ނަމަވެސް އެ ފައިސާ ދައްކާ ނިއު އިން މިހާރު ގެންދަނީ މިއަދު ފަށާ ދެވަނަ ޑިވިޝަން މުބާރާތުގައި ވާދަކުރަން ޕްރެކްޓިސް ކުރަމުންނެވެ.
ނިއު އިން ފުޓްބޯޅައިގެ ދުނިޔެއަށް އެނބުރި އައުމަކީ އެ ޓީމުގެ އެތައްހާސް ސަޕޯޓަރުންނަކަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އެއީ ކުޅިވަރުގެ އާއިލާއަށްވެސް ލިބުނު ބޮޑު ހިތްހަމަ ޖެހުމެވެ. ނަމަވެސް ނިއުއަށް މަރުދިން އެ ކުލަބުގެ ސަޕޯޓަރަކު ހުރީ ކުލަބުން އޭނާއާމެދު އަމަލު ކުރި ގޮތް ވަރަށް ބޮޑަށް ދެރަވެފައެވެ. އިތުރު ގޮތެއް ނުފެނުމުން އިންސާފު ހޯދަން ދާން ތައްޔާރު ވެގެންނެވެ.
ނިއުގެ ސަސްޕެންޝަން އުވާލުމާއި ގުޅިގެން އަދި ފުޓްބޯޅައިގެ ދުނިޔެއަށް އަލުން އައި ހަބަރާއެކު އެ ކުލަބުން ކުރާ ކޮންމެ ޕޯސްޓަކަށް އެންމެ ފުރަތަމަ ކޮމެންޓް ކުރާ އެކަކީ ރާޅުގަނޑު ބޮޑުބެރު ގުރޫޕްގެ ބާނީ އަދި ކުޅަދާނަ ލަވަކިޔުންތެރިޔާ ހައްމާދު ރަޝީދު (ހަމްޕު) އެވެ. ކުލަބުން ހަމްޕުއާ މެދު ކަންކުރި ގޮތް ކޮމެންޓްތަކުގައި ލިޔެފައި ހުރެއެވެ.
އެ ކޮމެންޓްތަކާއި ގުޅިގެން އަވަސް އިން ގުޅާލުމުން ހަމްޕު ވަނީ ކަން ހިނގާ ދިޔަގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ. ނަމަވެސް މިއީ ހަމްޕު ކުރާން ބޭނުންވި ކަމެއް ނޫނެވެ. އޭނާ އެންމެ ލޯބިވާ ކުލަބަކީ ނިއު އެވެ. އެއީ ނިއުގެ އެއް ނަންބަރު ސަޕޯޓަރެވެ. އާއިލީ ގޮތުންވެސް ކުލަބާ އޮތީ ވަކި ނުކުރެވޭނެ ފަދަ ގުޅުމެކެވެ. ކުލަބު ލޯބީގައި ހަމްޕު ވީ ގުރުބާނީ އެއް އެހެން ދެވަނަ ޒުވާނަކު ވެފައެއް ނުވާނެ އެވެ. އޭނާގެ ވާހަކަތައް އަޑު އަހާލުން އެކަން ޔަގީންވެއެވެ.
ނަމަވެސް އެންމެ ލޯބިވި ކުލަބުން ކަންކުރި ގޮތުން މިއަދު އެ ވާހަކަތައް އާންމުންނާއި ހަމައަށް ގެނެސްދޭން މަޖުބޫރުވީ އެވެ. ނިއުއަށް އައި ވަރުގަދަ ސަސްޕެންޝަނާއެކު އެފްއޭއެމް އިން ކުލަބަށް ލިބެމުން ދިޔަ އެހީތެރިކަން ހުއްޓުނެވެ. އެހެން ކަމުން ވަގުތީ ގޮތުން ނަމަވެސް ކުލަބުގެ ކަންކަން ހަމަޖައްސަން އަދި އިދާރީ މަސައްކަތްތަކަށް އޮފީހެއް ބޭނުންވިއެވެ. އެ ފުރުސަތު ނިއުއަށް ތަނަވަސްކޮށް ދިނީ ހަމްޕު އެވެ. އޭނާގެ ނަމުގައި ހުރި އެޕާޓްމަންޓެއް ކުލަބުގެ އިދާރާ ހިންގަން ކުއްޔަށް ދިނީ ނިއުގެ ހާލަތު އޮތް ގޮތް އެނގުމުންނެވެ. ތަން ކުއްޔަށް ދިނީވެސް އޭރު ކުއްޔަށް ދެމުން އައި އަގުގެ 15 ޕަސެންޓް އުނިކުރުމަށް ފަހު ހެޔޮ އަގެއްގައެވެ. އެ ލިޔުންތައް ހަމްޕު ވަނީ އަވަސްގެ ނޫސްވެރިންނާއި ހިއްސާކޮށްފައެވެ.
ނަމަވެސް ފުރަތަމަވެސް ކުލަބުން ކަންކަން ކުރަމުން ދިޔައީ އުންމީދު ކުރި ގޮތަކަށް ނޫނެވެ. ހެޔޮ އަގެއްގައި އެޕާޓްމަންޓް ކުއްޔަށް ދިން ނަމަވެސް ފުރަތަމަ ދެ މަހުގެ ކުލިވެސް ނުލިބުނެވެ. ކުލި ލިބުނީ ތިން ވަނަ މަސް ހުސްވާން ދަނިކޮށެވެ. އޭގެ ފަހުން އައި މަސްތަކުގައި ވެސް ކުލި ލިބެމުން އައީ މަހުގެ އެންމެ ފަހުކޮޅު އެވެ. ނަމަވެސް ނިއު އޮތް ހާލަތުގެ ސަބަބުން އެއީ މައްސަލައެއް ކަމަކަށް ހަމްޕު ނުދެކެއެވެ. ކުލަބު ލޯބި އޮތީ އެއަށް ވުރެ މާ ބޮޑަށެވެ.
އޭގެ ތިން މަސް ފަހުން ނިއުގެ އިސް ބޭފުޅުން ކޮޅެއް ހަމްޕުއާ ބައްދަލުކޮށް ނިއުގެ ހާލަތު ކިޔައިދިނެވެ. އަދި ނިއުއަށް ކުޑަ ވަގުުތުކޮޅެއް ދޭން އެދުނެވެ. ނުދެއްކިވާ ކުއްޔާއި ކުލި ލަސްވާތީ ލިބޭ ގެއްލުމާއެކު އެކަންކަންވެސް ހަމަޖައްސާނެ ކަމުގެ ޔަގީންކަން ދިނެވެ. ނަމަވެސް ދެން ފާއިތުވި ހަތް މަހުވެސް ކުއްޔެއް ނުދައްކައެެވެ. އެެހެން ކަމުން އިތުރު ގޮތެއް ނެތިގެން ތަން ހުސްކުރަން ނޯޓިސް ދިނީ އެވެ. ނޯޓިހުގެ މުއްދަތަށް ކުލަބުން އަމަލެއް ނުކުރިއެވެ. ތަން ހުސްކޮށް ހަވާލުކުރީ އަށް ވަނަ މަސް ފާއިތުވެގެން ދިޔަ ފަހުންނެވެ.
އެއްވެސް މަހެއްގެ ކުއްޔެއް ނުދައްކައެވެ. އަދި އެ މުއްދަތުގައި ދައްކަން ޖެހޭ ކަރަންޓް ބިލާއި ފެން ބިލްތައްވެސް ހުރީ ނުދައްކައެވެ.
ސުލަހަވެރިކޮށް މިކަން ކުރަން ބޭނުންވާތީ މިދިޔަ އެތައް އަހަރަކު މި މަޑުކުރީ. އެއްވެސް ބަޔަކާ މި ވާހަކަ ހިއްސާ ނުކުރަން. އެއީ ކުލަބު ދެކެ ލޯބިވާތީ. ފުޓްބޯޅަ އަށް ދެރައެއް ވާން ނޭދޭތީ. އަދި އަޅުގަނޑާ އެތައް ހާސް ރައްޔިތުންނެއް ވަރަށް ލޯބިވާ ކުލަބަކަށް ވާތީ. އަދި ކުލަބަށް އަޅުގަނޑަށް ވެދެވުނު އެހީއެއްވެސް ވާން ބޭނުންވާތީ. ނަމަވެސް އެކަން ކުލަބުން ނުދެކުނުހައްމާދު ރަޝީދު (ހަމްޕު)
އެހެން ކަމުން އެކަންކަން ކުލަބުގެ ސަމާލު ކަމަށް ގެނައުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރި ކަމަށް ހަމްޕު ބުންޏެވެ. ބައެއް ފަހަރު ބައްދަލުކޮށްގެނެވެ. އަނެއް ބައި ފަހު އެކި ވެރީންނަށް މެސެޖު ކޮށްގެންނެވެ. މިދިޔަ މުއްދަތުގައި ނިއު ހިފައިގެން ދުއްވައިގަނެވޭތޯ މަސައްކަތް ކުރި ކޮންމެ ބޭފުޅަކަށް ކޮންމެ މެނޭޖްމަންޓަކަށް ހަމްޕު ދިޔައީ މި ޝަކުވާތައް ހުށައަޅަމުންނެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ހައްލެއް ނުލިބުނެވެ. އަދި އިސްވެ މަޝްވަރާ ކުރަންވެސް ކުލަބުން މަސައްކަތެއް ނުކުރެއެވެ.
"ހަމަޖެހޭނެ ކަމަށް ބުނުން ފިޔަވައި ނިއު އިން އެއްވެސް ޖަވާބެއް ނުލިބޭ. ދަރަނި އަދާ ކުރާނެ ކަމަށް ކޮންމެ ފަހަރަކުވެސް ބުނޭ. އަދި ފައިސާ ލިބުމުން އެންމެ އިސްކަން ދީގެން އެކަން ނިންމާނެ ކަމަށްވެސް ދިޔައީ ބުނަމުން. ނަމަވެސް ހުރިހާ ދަރަނި ހަލާސް ކުރިއިރު މިކަން ނިންމާކަން ގަސްތެއް ނުކުރޭ،" ހަމްޕު ބުންޏެވެ.
ނިއުއަށް ފީފީއަށް ދައްކަން ޖެހޭ 3.3 މިލިއަން ރުފިޔާ ދެއްކުމުންވެސް ހަމްޕު ވަނީ ނިއުގެ މެނޭޖްމަންޓަށް އެކަން ހަނދާން ކޮށްދީފައެވެ. އަދި އެ ދަރަނި އަދާ ކޮށް ނިންމާނެ ކަމުގެ ޔަގީންކަން ދިނެވެ. ނަމަވެސް ފަހުން ކުލަބުން ދިނީ ހަމްޕު އުންމީދުވެސް ނުކުރާފަދަ ޖަވާބެވެ. އެއީ ކުލަބުގެ މެނޭޖްމަންޓުން މަޝްވަރާ ކޮށް ގޮތްތަކެއް ނިންމުމަށް ފަހު ދިން ޖަވާބެވެ. ކުލަބުގެ ނިންމުމަކީ އެޕާޓްމަންޓަށް ނުދައްކާ ހުރި ފައިސާއިން ދެއްކެން އޮތީ ދެބައި ކުޅަ އެއްބައި ކަަމަށެވެ. އެ ނޫން އަދަދެއް ދެއްކެން ނެތް ކަމަށެވެ. ކުލަބުން ކުޅުންތެރިންނަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިންވެސް ދައްކަނީ ދެބައިކުޅަ އެއްބައި ކަމަށް ވުމުންނެވެ.
"ނަމަވެސް އަޅުގަނޑު އެކަމަށް އިންކާރު ކުރީން. އަޅުގަނޑު ދެންނެވިން މިހާ ދިގު މުއްދަތަކަށް ފަހު އަދި އަޅުގަނޑާ އެއްވެސް މަޝްވަރާއެއްވެސް ނުކޮށް ކިހިނެތްހޭ އެހެން ނިންމޭނީ ދެވޭނީ ދައްކަން ޖެހޭ ފައިސާގެ ދެބައިކުޅަ އެއްބައޭ. މިއީ ވަރަށް ދެރަކޮށް ކުލަބުން އަޅުގަނޑާމެދު ކޮށްފައިވާ ކަމެއް،" ހަމްޕު ކިޔައިދިނެވެ.
ނިއުއިން އެ ޓީމުގެ ސަޕޯޓަރުންނަށް ކުލަބުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް ސޯޝަލް މީޑިއާގައި އާންމުުކުރާ ވަރަށް ގިނަ ޕޯސްޓްތައް ހަމްޕު ދިޔައީ ކޮމެންޓް ކޮށް އޭނާއަށް ދައްކަން ޖެހޭ ފައިސާގެ ވާހަކަ ހަނދާން ކޮށްދެމުންނެވެ. އެފަދަ ބައެއް ކޮމެންޓްތަކާއި ގުޅިގެން މިހާރުގެ މެނޭޖްމަންޓްގެ ވެރީން އަދި މިވަގުތު ކުލަބުގެ ޗެއާމަންވެސް ހަމްޕުއަށް ގުޅާ އެ ކޮމެންޓްތައް ޑިލީޓް ކުރަން ވަނީ އަންގާފައެވެ. އަދި ފައިސާ ނުދައްކަން ނޫޅޭ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ފައިސާ ދެއްކޭނެ ތާރީހެއް ވިދާޅުވާކަށް ކެރިވަޑައިނުގަތެވެ. އަދި ދައްކަން ޖެހޭ ފައިސާގެ އަދަދު ފުރިހަމައަށް ދައްކާނެ ކަމަށްވެސް ވިދާޅެއް ނުވިއެވެ.
ނަމަވެސް އޭގެ ފަހުން ނިއު އިން ވަނީ އެ ޓީމު ޕްރޮމޯޓް ކުރުމަށް ހަވީރެއްވެސް ބާއްވާފައެވެ. މީގެ އިތުރުން މިސްރުގެ ފޯވާޑަކާއި ގާނާގެ ޑިފެންޑަރަކާއި އެޓޭކިން މިޑްފީލްޑަރަކާއި އެޒްބެކިސްތާނުން ސެންޓްރަލް މިޑްފީލްޑަރެއް ގެންނަން އެ ކުލަބުން ނިންމާ އެކަންކަން އިއުލާނު ކުރުމުން ފައިސާ ނުދައްކާ ލަސްކުރަނީ ކުލަބުގައި ފައިސާ ނެތިގެން ނޫން ކަމަށް ހަމްޕު ދެކެއެވެ.
އެހެން ކަމުން ހަމްޕު ވަނީ އިންސާފު ހޯދަން ކުރި ހުރިހާ މަސައްކަތެއް ބޭކާރުވުުން އަދި ސުލަހަވެރިކަމާއެކު މައްސަލަ ހައްލު ކުރަން ކުރި މަސައްކަތުން އެއްވެސް ނަތީޖާއެއް ނުނިކުތުމުން ކޯޓަށް މައްސަލަ ހުށައަޅަން ނިންމާފައެވެ. އެކަމުގެ މަސައްކަތް ގާނޫނީ ޓީމަކުން މިހާރު ވަނީ ފަށާފައެވެ.
"ނިއު އިން ދައްކަން ބޭނުންވާ ފައިސާ އެ ދަނީ ދައްކަމުން. އެހެންވީމަ މިއީ ފައިސާ ނެތިގެން ވާ ކަމެއް ނޫން ކަމަށް އަޅުގަނޑު ދެކެނީ. މިކަން ހައްލުކުރުމަށް އެއްވެސް އަހަންމިޔަތު ކަމެއް ނުދެނީ ކަމަށް އަޅުގަނޑު ދެކެނީ. ސުލަހަވެރިކޮށް މިކަން ކުރަން ބޭނުންވާތީ މިދިޔަ އެތައް އަހަރަކު މި މަޑުކުރީ. އެއްވެސް ބަޔަކާ މި ވާހަކަ ހިއްސާ ނުކުރަން. އެއީ ކުލަބު ދެކެ ލޯބިވާތީ. ފުޓްބޯޅަ އަށް ދެރައެއް ވާން ނޭދޭތީ. އަދި އަޅުގަނޑާ އެތައް ހާސް ރައްޔިތުންނެއް ވަރަށް ލޯބިވާ ކުލަބަކަށް ވާތީ. އަދި ކުލަބަށް އަޅުގަނޑަށް ވެދެވުނު އެހީއެއްވެސް ވާން ބޭނުންވާތީ. ނަމަވެސް އެކަން ކުލަބުން ނުދެކުނު. އެހެންވީމަ ދެން މައްސަލަ ހައްލު ކުރެވޭނީ ކޯޓަށް ގޮސްގެން ކަމަށް ދެކެނީ،" ނިއު ކުޅޭ މުހިންމު މެޗްތަކުގައި އެންމެ ފާހަގަކޮށްލެވޭ އެއް ސަޕޯޓަރު ކަމަށްވާ ހަމްޕު ބުންޏެވެ.