ފުޓްބޯޅައިގެ ނަމެއް، އަދިވެސް ހިދުމަތުގައި!

ހަވީރުގެ ވަގުތެވެ. ދެ ނަންބަރު ޓާފް ދަނޑުގައި އާލީ ޓަޗް ފުޓްބޯޅަ އެކެޑެމީގެ ޓްރެއިނިންތައް ކުރިއަށް ދެއެވެ. ކުޑަކުޑަ ކުދީންގެ އަތުގައި ހިފައިގެން ބޯޅަ ޖަހާނެ ގަޮތް ކިޔައި ދެމުން ގެންދިޔައީ، އަބްދުﷲ މުފީދެވެ. ފުޓްބޯޅައިގައި އޭނާ މިހާރު އެންމެ ހާއްސަ ވަނީ ޑިވެލޮޕްމެންޓަށް މަސައްކަތް ކުރާ ޓްރެއިނަރެއްގެ ގޮތުގަ އެވެ. ކޮންމެވެސް ސްކޫލެއްގެ ތުއްތު ކުދިން ތަކެއް ގޮވައިގެން ތަމްރީން ކުރުމުގައި އޭނާ އުޅޭނެ އެވެ. ކުޅުންތެރިޔެއްގެ ގޮތުގައި ފަރުދީ މާބޮޑު ކާމިޔާބެއް ނުލިބުނަސް މުފީދަކީ، މިހާރު ކުޅުންތެރިން އުފެއްދުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުރީގެ ކުޅުންތެރިއެކެވެ.

ބައެއް ފަހަރު ގައުމީ ޓީމުގެ ޕްރެކްޓިހަށް ނެގި ނަމަވެސް ކުޅުންތެރިޔެއްގެ ގޮތުގައި ގައުމީ ޓީމުގެ ރަސްމީ ސްކޮޑުގައި މުފީދުގެ ނަން ހިމެނިފައެއް ނުވެ އެވެ. އެކަމާ މާޔޫސް ވެގެން ފުޓްބޯޅަގެ ހިދުމަތުން އޭނާ ވަކިވާކަށް ވެސް ބޭނުމެއް ނުވެ އެވެ. އޭނާ އަބަދުހެން އުޅެނީ އެކަމުގަ އެވެ.

މުފީދުގެ ވާހަކަ އަހަރެމެން ފަށައިގަންނާނީ، ރާއްޖޭގެ ތާރީހްގެ ތެރެއަށް އޭނާ ނަން ވައްދާލައިދޭނެ ވާހަކަ އަކުންނެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ކުލަބު ވާދަވެރި ކަމާއި ސަޕޯޓަރުންގެ ފޯރި އެންމެ ގަދައަށް ހިއްޕާލާފައި އޮތް ދުވަސް ވަރު އެވެ. މުފީދަކީ ވިކްޓަރީގެ މީހެކެވެ. ފުޓްބޯޅައިގެ އޭރު އެންމެ ވާދަވެރި ދެ ބާރު ކަމަށްވާ ވިކްޓަރީ އާއި ނިއު ރޭޑިއަންޓްގެ ކުރިމަތި ލުމުގައި 1991 ވަނަ އަހަރު މުފީދު ވަނީ މެޗު ފެށި ގޮތަށް، އަރައި ނިއުގެ ކޮޅަށް ލަނޑެއް ވައްދާލާފަ އެވެ.

އެއީ ރަސްމީ މެޗެއްގައި، ގަލޮޅު ދަނޑުގައި އޭރު ޖެހި އެންމެ އަވަސް ލަނޑު ކަމަށް ލަފާ ކުރެ ވެއެވެ. ލަފާ ކުރެވެއޭ ބުނަނީ ރާއްޖޭގެ ފުޓްބޯޅައިގައި ޑޭޓާބޭސް ބެލެހެއްޓި ސައްހަކަން ކަށަވަރު ކުރެވޭނެ ސިސްޓަމެއް ނެތުމެވެ.

ދެން މުފީދު ޖެހި މި ލަނޑެވެ. ވިކްޓަރީ ކުޅެމުން ދިޔައީ، ދަނޑުގެ އުތުރުން ދެކުނަށެވެ. ބޯޅަ ވައްދާލަން ޖެހެނީ އޭރު ވިކްޓަރީ ސަޕޯޓަރުންގެ ރަސްމީ ފަޅީގެ ގޮތުގައި މަޝްހޫރު ވެފައި އޮންނަ ސަހަރާ ފަޅީގެ ގޯލަށެވެ. ރެފްރީގެ ފުރަތަމަ ކަށިގަނޑާއެކު ބޯޅަ ކޮށްޓާލި ގޮތަށް، ވިކްޓަރީގެ ކުޅުންތެރިން ބޯޅަ ދިނީ ނިއު ރޭޑިއަންޓްގެ ހާފުގެ ތެރެއަށް އިރުމަތި ފަރާތުން ދުވެފައި ދިޔަ މުފީދު އަށެވެ. އިރުމަތީ ފަރާތުން އަރައި ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ މުފީދު ވަނީ ނިއުގެ ގޯލްގެ ކަނަށް ބޯޅަ ޖަހާފަ އެވެ. އެ ބޯޅަ ގޮސް ގޯލްގެ ތެރެއަށް ވަން އިރު، މެޗު ފަށައިގެން ހިނގީ 28 ސިކުންތެވެ.

"އަޅުގަނޑަކަށް ނޭންގެ ރެފްރީގެ ރިޕޯޓްގައި އެ ލަނޑު ލިސްޓްކޮށްފައި އޮތީ ކިހިނެއް ކަމެއް،" 28 އަހަރު ކުރީގެ އެ މެޗާ ބެހޭ ގޮތުން މުފީދު ވާހަކަ ދެއްކި އެވެ. "އަޅުގަނޑަށް އެ ބޯޅަ ފޮނުވާލެވި ގޯލަށް ވަން އިރު ހިނގީ 28 ސިކުންތު."

މުފީދުގެ އެންމެ ހާއްސަ ހުނަރަކީ، އެންމެ ތުއްތު ކުދިންގެ ޓްރެއިނިންތައް ވެސް، އެކުދިންގެ ޝައުގުވެރިކަން ނުގެއްލޭ ގޮތަށް ކުރިއަށް ގެންދިއުމެވެ. ޑިވެލޮޕްމެންޓްގައި އޭނާ އެންމެ ފޯކަސް ކުރަން ބޭނުންވާ ދާއިރާއަކީ ވެސް އެއީ އެވެ. އޭނާގެ މަސައްކަތުގެ އެންމެ ބޮޑު އިންސްޕަރޭޝަނކީ ލެޖެންޑަރީ ކޯޗް އަބްދުލް ޖަލީލް (އަބްޖީ) އެވެ.

"އަބްޖީއަކީ އަޅުގަނޑުގެ މެންޓޯ، ފުޓްބޯޅައިގައި އަޅުގަނޑު އެންމެ ބޮޑަށް އިހުތިރާމް ކުރާ އެކަކު އެއީ،" އަބްޖީ އާ އޭނާ އާ އޮތް ގުޅުމުގެ ވާހަކަ މުފީދު ހިއްސާ ކުރި އެވެ. "މިހާރު ވެސް އަޅުގަނޑު ބަލަން އޭރު އަޅުގަނޑުމެންނަށް އަބްޖީ ބާރު އެޅި ކަންކަން ކުޅުންތެރިންނަށް ބާރު އަޅަން."

އޭރުގެ އެހެން ކުޅުންތެރިންނެކޭ އެއްފަދައިން، ގައުމީ ޓީމަށް ކުޅުމަކީ، އޭނާ ދެކުނު ހުވަފެނެކެވެ. އޭނާއަށް އެ ފުރުސަތު ނުލިބުމުން އޭނާގެ ދަރިއަކު އެހިސާބަށް ގެންގޮސް ދިނުމުގައި އެހީތެރިވެދޭން ބޭނުންވި އެވެ. ވިކްޓަރީގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރެ އޭނާ ވަނީ އޭނާގެ ދަރިފުޅާއެކު ވިކްޓަރީ ޔޫތު ޓީމުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އެހެންނަމަވެސް ކުޅުމުގެ ތެރެއިން ތަކުރާރުކޮށް އަނިޔާވެ އޭގެ އަސަރު ކެރިއަރަށް ކުރި އެވެ. ދެންވެސް މާޔޫސްވުމެއް ނެތެވެ. އޭނާގެ ހިތް މަސައްކަތަކުން ދުރެއް ނުކުރެ އެވެ.

ކުޅުން ހުއްޓާލި ފަހުންވެސް، ފުޓްބޯޅައިގައި މުފީދު ހިދުމަތް ނެތި ނުދެ އެވެ. އޭނާގެ ޑިއުޓީ ފަށަނީ ދަނޑުންނެވެ، ނިންމަނީވެސް ދަނޑުންނެވެ.