ރޯދަ މަހާ ރޯއްޖާ

ކްއީން ވަހީދުގެ ކާމިޔާބީ: ނިއުގެ ތެރޭން ހުރިހާ ދަރިން ތަރުބިއްޔަތުވުން!

އެއްވެސް ޝައްކެތްނެތް ގޮތުގައި ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކުލަބަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. އެއީ މަޝްހޫރު ހެންވޭރުގެ ކުލަބެވެ. 1979 ވަނަ އަހަރު ނިއުރޭޑިއަންޓް އުފެއްދީ އޭގެ ކުރިން އޮތް ރޭޑިއަންޓް ކުލަބު އުވިދިއުމުންނެވެ. އޭގެ ފަހުން ނިއުރޭޑިއަންޓަކަށްވެ، އެކުލަބު ރާއްޖޭގެ އެންމެ މަތީ ފަޑީގައި ބާއްވައިދިނުމުގައި ދެގޮތެއްނުވެ ހުންނެވި ބޭފުޅަކީ ކުލަބުގެ މަސްއޫލުވެރިޔާ ހ. ކުއީން އަހުމަދު ވަހީދެވެ.

ވަހީދަކީ އިހްތިރާމް ލިބިފައިވާ ވަރަށް ހިތްހެޔޮ ބޭފުޅެކެވެ. އަވައްޓެރިންނާ ވަރަށް ގާތް ގުޅުމެއް ބޭއްވި މުރާލި ބޭފުޅެކެވެ. އިހުގައި ހެންވޭރުގެ ހުރިހާ ކަމެއް ވެސް އޮންނަނީ އޭނާގެ ކޮންޓްރޯލްގަ އެވެ. ޑޮނީގޯލް އައްބާސްމެން ނިއުރޭޑިއަންޓްގެ މަސްއޫލުވެރިއަކަށް އޭނާ އިހްތިޔާރުކުރީ ވެސް އެއީ ހެންވޭރުގެ ހީރޯ އަށްވުމުންނެވެ. އޭނާގެ ގެއަށް ކުއީން ކިޔަސް ހަގީގަތުގައި އެއީ ހެންވޭރުގެ ކިންގެވެ.

އަޅުގަނޑަކީ ރާއްޖޭގެ ބޮޑެތި ކުލަބުތައް ހިންގާ މީހުންގެ ގެއަށް ގޮސް އުޅޭ މީހެކެވެ. އެކަމަކު ވަހީދުގެ ގެއަށް ދިއުމުން ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. ފުރަތަމަ ވެސް އަޅައިގަތީ ވަހީދުގެ ގޭގެ ސިޓިންރޫމުގައި ހުރި ބިޔަ ޓްރޮފީ ކެބިނެޓެވެ. އެއީ ނިއުރޭޑިއަންޓަށް ލިބުނު ތަށިތަކާއި އައްޑަނަތަކާއި ކާމިޔާބީތަކުގެ ރަމްޒީ ހަނދާންތައް ފެންނަން ހުރި ވަރަށް ފުރިހަމަތަނެކެވެ. ރާއްޖޭގެ އެއްވެސް ކުލަބެއް ހިންގެވި އިސްމީހުގެ ގެއިން މި މަންޒަރު ފެނިގެންނުދެ އެވެ.

"މިހާރު ވެސް މިގެއަށް ގެންނާނީ ތައްޓެއް ލިބިއްޖިއްޔާ. އަޅުގަނޑު ކޮންމެހެން ބުނާކަށް ނުޖެހޭ. ކޮންމެ މީހަކު ވެސް މިގެއަަށް ގެނެސްދޭނެ،" ވަހީދު ކިޔައިދިނެވެ.

ވަހީދަކީ އެންމެ އިހުއްސުރެ ވެސް ސައިހޮޓާ ހިންގެވި ބޭފުޅެކެވެ. މަޝްހޫރު އީވްނިންގްލޯރީ އަކީ އޭނާގެ ރަސްމީ ހޮޓަލެވެ. ނިއުގެ ކުޅުންތެރިންނާއި ހެންވޭރުގެ އެންމެންގެ ކެއުން ހަމަޖެއްސުމުގެ މައި ތަނަކީ ވެސް އެއީ އެވެ. ނަމަވެސް ޒަމާން ބަދަލުވެ، ދަރީން ބޮޑުވުމުން މިއަދު އޭނާ ވަނީ ކުދިންގެ އަތްމައްޗަށް އެކަންކަން ދޫކޮށްލައްވާފަ އެވެ.

ވަހީދުގެ 12 ކުދިން ތިބެ އެވެ. އެއިން ކޮންމެ ކުއްޖަކީ ވެސް މުޖުތަމައު ބަލައިގަންނަ ފަދަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުދީންނެވެ. ބައެއް ކުދީން ކުޅިވަރުގައި ވެސް ތިބީ އެންމެ މަތީ ފަޑީގަ އެވެ. ރައްޔިތުންގެ މަޖިލީގުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމުގެ ކުރީގެ އަލީ އާޒިމް އަކީ ވަހީދުގެ ދަރިންގެ ތެރެއިން އެންމެ އަލިގަދަ ތަރި އެވެ. އެއަށްފަހު އެންމެ ގިނަބަޔކު ދަންނަ މޫނަކީ ނިއުރޭޑިއަންޓްގެ ކުރީގެ ކޯޗު އަދި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ. އިލްޔާސް ވަހީދަކީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ނާއިބް ރައީސެވެ. ދެން ތިބި ކުދިންގެ ތެރެއިން އިބްރާހީމް ޒިޔާދަކީ ނިއުރޭޑިއަންޓްގެ ބޯޑު މެމްބަރެކެވެ.

"ނިއުރޭޑިއަންޓް ހިންގައިގެން ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ އަޅުގަނޑުގެ ކުދިން ރަނގަޅު ކުދިންނަށް ހެދުން. އާޒިމް އެފްއޭމުގެ ރައީސްކަން ކޮށްފި. މޯހަން މީ އެފްއޭއެމުގެ ރަނގަޅު މީހެއް (ޓެކްނިކަލް ޑައިރެކްޓަރު). ދެން އިލްޔާސް އެއީ ވޮލީގައި އެއުޅެނީ. އެހެންވީމަ މިއީ ކުޅިވަރުން ލިބުނު ކާމިޔާބީ. މިހުރި ތަށިތަކަށްވުރެ އަޅުގަނޑަށް މާބޮޑު ކާމިޔާބީ އެއް މިއީ. ކުދިން ރަނގަޅު ކުދިންނަށް ހެދުން،" ވަހީދު ބުންޏެވެ.

އޭނާ ބުނީ ނިއުރޭޑިއަންޓް ކާމިޔާބު ކުލަބަކަށް ހެދުނީ ވެސް އާއިލީ ގުޅުން ބަދަހިވުމުން ކަމަށެވެ.

"އަޅުގަނޑުގެ 12 ކުދިން ތިބޭ. އެކުދިންނާއި އެކުދިން އިނދެގެން އުޅޭ މީހުންނާއި ކާފަ ކިޔާ 22 ކުދިން ވެސް ތިބޭނީ މިގޭގައި. މިއެންމެން ގުޅިގެން އުޅުން ކާމިޔާބީގެ އަސްލަކީ. ނިއުރޭޑިއަންޓް ކާމިޔާބު ކުލަބަކަށް ހަދަން އަޅުގަނޑަށް އެއްބާރުލުން ލިބުނީ މިހެންވެ. ހަގީގަތުގައި ވަރަށް އުފާވާ ކަމެއް މިއީ ހުރިހާ ކުދިން އެއްފުރާޅެއްގެ ދަށުގައި ތިބުމަކީ. އެއީ ނިއުރޭޑިއަންޓުން އަޅުގަނޑަށް ލިބުނު ކާމިޔާބީއަކީ،" ވަހީދު ބުންޏެވެ.

ނިއުރޭޑިއަންޓްގެ އާރުކާޓީ އަށް އޭނާ ވެގެންދިޔަ ނަމަވެސް ވަހީދު ދުވަހަކު ވެސް ފުޓްބޯޅަ ނުކުޅުއްވަ އެވެ. ކެނެރީ އަބުދުއްސައްތާރާއި ޗަމްޕާ ހަސަން އަފީފާމެންނާއެކު އޭނާ ކުޅުއްވީ ކްރިކެޓެވެ. އެވެސް ރާނީ ކުލަބަށެވެ.

އެކަމަކު އޭނާގެ މުޅި ހަޔާތް ގުޅިފައިވަނީ ފުޓްބޯޅައިގެ އުފަލާއި ހިތާމައިގަ އެވެ. ވަހީދު ބުނީ ނިއުރޭޑިއަންޓަށް ކުޅުވަން އޭނާ ބޭނުންވެގެން ނުގެނެވި ހުރި އެންމެ ކުޅުންތެރިއަކު ވެސް މިހާރު ނުހުންނާނެ ކަމަށެވެ. ނަމަވެސް ނިއުގެ ކުޅުންތެރިންގެ ތެރެއިން އަދިވެސް ހުނިޖަހާފައި ނަގާނީ ކުރީގެ ކެޕްޓަން މޫސާ މަނިކު (ކުޑަމޫސަ) ކަމަށެވެ.

"މޫސައަކީ އެންމެ ފާހަގަ ކުރެވޭ މީހަކީ. އޭނާއާ ހެދި އެންމެވެސް އުޅޭނީ. އަދި އޭނާ ވެލެންސިއާ އަށް ގޮސްގެން ވެސް އެކަމާ ވެސް ވަރަށް އުޅެން ޖެހުނު. އެހުރިހާ ކަަމަކާހެދި އެންމެ ފާހަގަ ކުރެވޭ މީހަކީ މޫސަ. ބިދޭސީ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ މީހަކީ (ޕެޓްރިކް) ޗިކާޔާ. އެންމެ އުފާވީ ސީޒަން ކާމިޔާބު ކުރި (1997 ވަނަ) އަހަރު،" ވަހީދު ބުންޏެވެ.

ނިއުރޭޑިއަންޓްގެ މީހުންގެ މެދުގައި ވެސް އަދިވެސް ވަހީދަކީ ނަންބަރުވަން އެވެ. ކުލަބުގެ އަޑިއަޅާލާ ކޮންމެ ވަގުތެއްގައި އަނެއްކާ ވެސް ކޮޅަށް ޖަހައިދެނީ އޭނާ އެވެ. އަމަލީގޮތުން ކުލަބުގެ ކަންކަމުގައި ނޫޅުއްވިޔަސް އެންމެ ގާތުން އެކަން ބަލާ ހައްދަވަނީ ވެސް އޭނާ އެވެ. މިހެންވެ ވަހީދާއި ނުލައި ނިއުރޭޑިއަންޓް، ނިއުރޭޑިއަންޓަކަށް ނުވާނެ އެވެ.