ނިއުރޭޑިއަންޓް

ނިއު ވަރުގަދަކުރަން ގާނާގެ ދެ ކުޅުންތެރިން ގެނެސްފި

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ވަރުގަދަކުރުމަށް ގެންނަ ބިދޭސީ ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިން ޓީމާ ގުޅިއްޖެ އެވެ.

ގިނަ އަހަރުތަކެއްގެ ސަސްޕެންޝަނެއްގައި އޮތުމަށްފަހު ނިއު މިހާރު ކުޅެންޖެހިފައިވަނީ ދެވަނަ ޑިވިޝަންގައެވެ. އެކަމަކު އެ ޓީމުން ގެންދަނީ ފުރަތަަމަ ޑިވިޝަނަށް ޕްރޮމޯޓްވުމަށްޓަކައި ޓީމު ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ނިއުއާ އަލަށް ގުޅުނު ދެ ކުޅުންތެރިންނަކީ ގާނާއަށް ނިސްބަތްވާ ފޯވާޑެއް ކަމަށްވާ އަބުދުލް ފަތާވޫ ސާފިއުއާއި ގިނަ މަގާމުތަަކަކަށް ކުޅެވޭ އަބޫ ސަނޫނު އެވެ.

މިދެ ކުޅުންތެރިންވެސް ވަނީ ރޭ އޮތް ނިއުގެ ޕްރެޓިސްގައި ބައިވެރިވެފަ އެވެ.

ނިއުރޭޑިއަންޓްގެ ގޯލް ބަލަހައްޓަނީވެސް ބިދޭސީ ކުޅުންތެރިއެއް ކަމަށްވާ ޕާކިސްތާންގެ ކީޕަރު ސާގިބް ހަނީފް އެވެ.

މީގެއިތުރުން އުޒުބެކިންސްތާނަށް ނިސްބަތްވާ ޑިފެންޑަރެއް ވަރަށް އަވަހަށް ނިއުއާ ގުޅޭނެ ކަމަށް އެ ޓީމުން ބުނެ އެވެ. އަދި މިދިޔަ އަހަރު އެ ޓީމަށް ކުޅުނު ކޯފީވެސް މިއަހަރު ޓީމުން ފެންނާނެ ކަމަށް ބުނެ އެވެ.

އެފްއޭއެމް އިން މިހާރު ނިންމާފައިވަނީ ދެވަނަ ޑިވިޝަންގެ ކުޅުން ކުރިއަށް އޮތް ޑިސެމްބަރު 10 ވަނަ ދުވަހު ފެށުމަށެވެ.