ނުޒުހާ ނައީމް، 28 އަކީ ތިން ކުދިންގެ މަންމައެކެވެ އަދި ތަފާތު މަންމައެކެވެ. ކުދިން ގޮވައިގެން އުޅެމުން ވީހާވެސް ލުއި ފަސޭހަކޮށް ކެއިން ބުއިމުގެ ކަންކަން އިންތިޒާމް ކުރުމަކީ އޭނާ ބޭނުންވާ ގޮތެވެ. ބަދިގޭގައި ކެއްކުމުގައި ހޭދަވާ ވަގުތު ކުޑަކުރުމަށް ނުޒުހާގެ ހުރިހާވެސް އެއްޗަކީ އައިސް އަލަމާރި އެވެ. މި ރޯދަމަހަށް ތައްޔާރުވާން ނުޒުހާ ކުރި މަސައްކަތަކީ ހުރިހާ އެއްޗެއް ތައްޔާރުކޮށްލައި ފްރިޖަށްލީ އެވެ. މި ހިޔާލު އޭނާއަށް އައީ ހަގު ދަރިފުޅަށް ބަލިވެ އިނދެ ވިހަން ވެގެން އުޅުނު އިރު އެވެ. ފަސޭހައަށް ފުރަތަމަ ފެށީ ކާށިހުނި ފްރީޒް ކުރާށެވެ. އޭގެ ފަހުން ވިހައިގެން ގެއަށް އައުމަށް ފަހު ވެސް ބަދިގެއަށް ވަދެ ބެލީ މަސައްކަތް ކުރުމަށް ލުއި ފަސޭހަ ގޮތް ހޯދައި ހަދާ ކޮންމެ އެއްޗެއްގެ އެޑްވާންސް ބެޗެއް ފްރީޒް ކުރާށެވެ.
ނުޒުހާގެ ދެމަފިރިންނާއި ތިން ކުދިން އުޅޭ ގެއަކަށް ބަލާލިއިރު ގެއަށް ހޯދަފައިވާ ބޮޑު ފްރިޖަކީ ވެސް އެ މަގްސަދަށް ހޯދާފައިވާ ފްރިޖެކެވެ. މި ބަދަލުގެ ސަބަބުން ދިރިއުޅުން ފަސޭހަވެފައި ވެއެވެ.
ދެން ނުޒުހާގެ ބަދިގެއިން އަޅައި ގަންނަނީ ތަރުތީބު ކަމާއި ތަކެތި އަޅަން ހޯދާފައިވާ ފިޔާތޮށި ކުލައިގެ ފުޅިތަކާއި ބަދިގޭގައިވާ ފިޔާތޮށި ކުލަ އެވެ. ނުޒުހާ ބުނި ގޮތުގައި އޭނާ އަބަދުވެސް ބޭނުން ވަނީ ބަދިގޭގެ ކެއްކުންތައް ލުއި ކުރާށެވެ. އެއްޗެހީގެ ތަރުތީބަކީ ވެސް ބަދިގޭގައި ކުރަންޖެހޭ މަސައްކަތް ލުއި ކުރެވޭނެ ގޮތެކެވެ.
"ބަދިގޭގެ މަސައްކަތް ލުއިވެގެންދާ ކަމެއް އެ އެއްޗެއް ބަހައްޓާ އެއްތާކު ބެހެއްޓުމަކީ، އެގޮތުން ތަރުތީބަކީ ވަރަށް މުހިންމު ކަމެއް... ފިޔާތޮށި ކުލައަކީ މިގެއަށް ޒިޔާރަތް ކުރާ ކޮންމެ މީހަކުވެސް ދައްކާ ވާހަކައެއް."
ކުދިން ގޮވައިގެން އުޅޭތީ ރޯދަމަހަށް ތައްޔާރުވުމަށާއި ބަދިގޭގެ ކަންކަން ލުއި ފަސޭހަ ކުރަންވެގެން ނުޒުހާ ހަދާ ގޮތަކީ ހެދިކާ ވެސް ހަދާފަ ފްރީޒް ކޮށްލަނީ އެވެ. ކޮންމެ ފަހަރަކު ކޮންމެ ހެދިކާއެއް ތައްޔާރު ކުރާއިރު އޭގެ އެއް ބެޗު އިތުރަށް ހަދަނީ އެވެ. ދެން އެ ބެޗް ފްރީޒް ކޮށްލަނީ އެވެ.
"އެކިއެކި ހެދިކާ ހަދާފަ ކާބޯތަކެތި ރައްކާތެރި ގޮތަކަށް ފްރީޒް ކުރާނީ. ފަހުން އޭގެ ފޮޓޯތައް ފޭސްބުކްގައި ހިއްސާކުރަން ފެށުމުން ވަރަށް ގިނަ މީހުން އަހާ ހަދަންވާ ގޮތާއި ޕެކްކުރަންވާ ގޮތުގެ މައުލޫމާތު، އެކަން ކުރީ ބިޒީ މަންމައިންނަށް އެހީއަކަށްވާނެތީ،" އޭނާ ބުންޏެވެ.
ދިރިއުޅުމުގެ ފަސޭހައަށް ނުޒުހާ އެހެން ކަމެއްވެސް ކުރެއެވެ. އޭނާ ހަދާ ގޮތަކީ ބާޒާރާއި މާރުކޭޓްތަކަށް ގޮސް ގަނޑުކޮށް ރޯ ތަރުކާރީ އާއި މޭވާ ގަންނަނީ އެވެ. މަހާއި ކުކުޅާއި އެހެން ހުރިހާ ބާވަތެއް ދުރާލައި ބާޒަރުމަތިން ގަނެގެން ގެއަށް ގެނެސް ބޭނުންވާ ވަރަށް ކުދި ކުދި ޕޯޝަންތަކަށް ބަހާލައި ވަގުތު ސަލާމާތް ކުރަނީ އެވެ.
ނުޒުހާ ބުނިގޮތުގައި އޭނާގެ ހަގު ދަރިފުޅަށް 10 ދުވަހުގައި ވެސް ގޮވައިގެން މާރުކޭޓަށް އެއްޗެހި ގަންނަން ދިޔައެވެ. އަދި އެކަން ވަރަށް ގިނަ މީހުންގެ ލޮލުގައި އަޅައިގަތެވެ. އެކަނި އުޅޭ މީހެއްތޯ ވެސް ސުވާލު ކުރި އެވެ.
"އެކަމަކުވެސް ބޭނުން ވަނީ ހުރިހާ ކަމެއް އަމިއްލަ އަށް ކުރަން. އަދި ވަގުތު ސަލާމަތް ކުރަން. ފިރިމީހާ މަސައްކަތުގައި ހުންނަ ވަގުތު އަބަދު ގުޅާފަ އެވެނި މިވެނި އެއްޗެއް ގަންނަން ކިޔުމުން މަސައްކަތަށް ބުރޫ އަރާނެ. އަނެއްކޮޅުން ކަންމަތީ ފިހާރަތަކުން ވިއްކާ އަގު ބޮޑުވާނެ. އެހެންވެ ބާޒާރަށް ދަނީ،"
ނުޒުހާ ވަނީ އޭނާގެ ހަގު ދަރިފުޅަށް އެންމެ ފުރަތަމަ ކާންދިން ބަކުން ތައްޔާރު ކުރި ގޮތާއި އޭގެ ފޮޓޯ ރެސިޕީތަކެއް ފޭސްބުކްގައި ހިއްސާކޮށްފަ އެވެ. ބައެއް މަންމައިންނަށް އެ މީހުންގެ ދަރިންނަށް ކާންދޭން ބަކުން ވެސް ނުޒުހާ ތައްޔާރު ކޮށްދެ އެވެ.
"ކުދިންނަށް ކާން ދިނުމަށް މަންމައިން ފަށައިގަންނައިރު ވަރަށް ގިނަ ފަހަރަށް ދޭންވީ ކޯއްޗެއްތޯ އާއި ގުޅޭނީ ކޯއްޗެއްތޯ އާއި ނޭގިގެން އުޅޭ. އަޅުގަނޑުގެ ހަގު ދަރިފުޅު ހަ މަހުން ފެށިގެން ކޭ ހުރިހާ އެއްޗެއް ހުންނާނެ ފޮޓޯ ނަގާ، ހެދިގޮތާއި ތައްޔާރު ކުރިގޮތުގެ ފޮޓޯ ލާފަ. ފޮޓޯލާންފެށީ ވަކި ވަކިން ގުޅާފަ ކިޔާދިނުމަށް ވުރެ ބަލާލަން ބޭނުންވާ މީހަކަށް ފަސޭހައިން އިނގޭނެ ގޮތަށް." އޭނާ ބުންޏެވެ. "ބައެއް މަންމައިން ބުނާނެ ދަރިފުޅު ނުކައިގަން ވެއިޓް ގެއިން ނުވެގެންނޭ. ދެން އަޅުގަނޑު އެބަ ތައްޔާރުކޮށްދެން އެކުދިންނަށް ބާރުލީ، ބިންބި، މަލްޓިގްރެއިން ފަދަ ތަކެތިން ބަކުން. މާ ބޮޑު އިސްތިހާރެއް ކޮށްގެންނެއް ނޫން ހަދަނީ. ހަމަ ރައްޓެހިންނަށް"
އެއް ޒަމާނެއްގައި ރޯދަ ވީއްލުމަށް ބޭނުންވާ ކުރުނބާ އަހަރުމެން ފިނިކޮށްލީ ގިފިލީގެ ވަޅަށް ލައިގެންނެވެ. އޭގެ ޒަމާންތަކެއް ފަހުން ރޯދަވީއްލަން ފިނި އެއްޗެއް ބޯލަން ބޭނުންނަމަ އަވަށްޓެރި ގެއަކުން ގަނޑުފެން ބުރިއެއް ގަންނަނީ އެވެ. މިހާރު އެ ޒަމާން ބަދަލުވެއްޖެ އެވެ. ކޮންމެ ގެއެއްގައި މޮޅު އައިސްއަލަމާރިއެއް ހުރެއެވެ. ރޯދަވީއްލަން އެންމެ ފަހު ސިކުންތުގައި ވެސް ފިނި އެއްޗެއް ބޯލަން ލިބެއެވެ. ފިނި ބުއިންތަކުގެ އިތުރުން ރޯދަ ވީއްލަން ހެދިކާ ހަދާފައި ފަހުން ބޭނުން ކުރަން ގަނޑުކޮށްލެވިދާނެ އެވެ. އަދި ނުޒުހާގެ އެހީވެސް ހޯދި ދާނެ އެވެ.