ލައިފްސްޓައިލް

"އައްޑޫރަހަ" ގެނެސްދެނީ އީނާ!

އައްޑޫ ސިޓީ ފޭދޫގައި ދިރިއުޅޭ އީނާ ނަސީރު، އަކީ އެންމެ ކުޑައިރުއްސުރެވެސް އެނާގެ މާމަ، ފާތިމާމަނިކެ އާއި ވަރަށް ގާތްކޮށް އުޅެމުން ބޮޑުވި މީހެކެވެ. މާމަ ބަދިގޭގައި އެކި އެކި މަސައްކަތް ކުރާ އިރު އޭނާ އުޅޭނީ މާމަ އަށް އަތްގާތްކޮށްދިނުމުގައެވެ.

"މާމަ، އަހަރެން ކިޔާ ގޮތުން ނަމަ ބޮޑު މަންމަ، މަސްދަޅު ހުސްކޮށް ބަނަސްފިހަން ފުށްކޮޅެއް އަޅައިގެން އި ގޭގެ ބަދިގޭ ފަރާތުން ގޯތި ތެރޭގައި އަލިފާނުން ބަނަސް ފިހާނެ. ނާށި އަންދައިގެން ބޮޑު ފީފާ ބެރެއްގައި މި މަސައްކަތް ކުރާނެ. އަހަރެން އުޅޭނީ ފުށްކޮޅެއް ހިފައިގެން ބޮޑު މަންމަ ފަހަތުން އޭރުވެސް. އެއީ އިލެކްޓްރިކް އަވަން މާ އާއްމު ޒަމާނެއް ނޫން".

އެއީ މީގެ އެތަށް އަަހަރެއް ކުރިއެވެ. ފާތިމާމަނިކެ އޭނާގެ ޒުވާން ދައުރާއި މެދު އުމުރު ކެއްކުމާއި ބަނަސް ފިހުމާއި އަސާރައެޅުން ފަދަ ކަންކަަމުގައި ވަރަށް އަވަދި ނެތިކޮށް ބަދިގޭގެ އުޅެއެވެ. އޭނާ އަކީ ހީވާގީ މީހެކެވެ. ކުޑަ ކުޑަ އީނާ އޭނާގެ މާމަގެ ހުރިހާ ހަރަކާތެއް ރަނގަޅަށް ބަލައެވެ.

ފުރާވަރަށް އަރައިގެން އައި އިރު އޭނާގެ މާމަ ކައިރިން އަސާރަ އެޅުމާއި އެކި ކަހަލަ ދިވެހި އައްޑޫރަހަތައް ކަމުގައިވާ ހަވާދާއި، ބޮނޑި، ނާރުއްފަލޫދާ ފަދަ ތަކެތި ހަދަން އޭނާ ޝައުގުވެރިވެ ރަނގަޅަށް ދަސްކުރިއެވެ.

ޒުވާނުން މެދުގައި ކެއްކުމާއި ކާނާ ތައްޔާރު ކުރުމަށް ފޯރި އޮތަސް ދިވެހި އުފެއްދުންތައް ކައްކާ ތައްޔާރުކުރާ ޒުވާނުން އެހާ ގިނައެއް ނޫނެވެ. "އައްޑޫރަހަ" ނަމުގައި އީނާ ފޭސްބުކްގައި ހިންގަން ފެށީ ދޮލަނގު ދޮލަނގުގައި އޭނާގެ ތަފާތު އެކި އެކި އުފެއްދުންތައް ވިއްކާ ޕޭޖެކެވެ. ހަމައެކަނި އައްޑޫ އަށް ހާއްސަ އުފެއްދުންތަކެއް ނޫނަސް މި ޕޭޖްއިން "އޮތެންޓިކް" އައްޑޫ ކާނާ ލިބޭތީ އީނާ މީގޭ ދެ އަހަރެއްހާ ދުވަސް ކުރިން ފެށި ކުޑަ ވިޔަފާރިއަށް މި ނަން ދިނީ ކަމުގައި އޭނާ ބުންޏެވެ.

"ބޮޑު މަންމަ އަށް މިހާރު 93 އަހަރުވެެއްޖެ. އައްޑޫއަށް ހާއްސަ ކާނާ އަކީ ބޮޑުމަންމަ އަހަންނަށް ދަސްކޮށްދިން ރެސިޕީތަކަށް އަހަރެން މުޅިން މި ކައްކަނީ. ފެށުނީ ވަރަށް ކުޑަކޮށް. އައްޑޫގައި މަސްކާށި ޓްރޭ ވިއްކަން ނުހުންނާތީ އެ ހަދައިގެން. ދެން އައި އައްޑޫގެ އެކި ރަހަތަކުގެ ދޮލަނގުތައް. މި ޒަމާނުގެ ގޮތަށް ބުނަންޏާ ގްރޭޒިންގ ބޮކްސަސް އެއަށްފަހު ބާބެކިއު ޓްރޭތަކާއި ދެން ބޯކުރި ބަނބުކެޔޮ"

އައްޑޫގެ ރަހަތަކަކީ މުޅި އައްޑޫހާ ތަފާތު އަދި މީރު ރަހަތަކެވެ. އައްޑޫގެ ކެއުންތަކާއި އެއްވަރަށް ލުއިކާނާ ދިވެހިރާއްޖެއަށް މަޝްހޫރީ ހަަފާލަން އެވަރެއް ނެތުމުންނެވެ. ދުރުންނާއި އައްޑޫއިންވެސް އީނާގެ ކެއްކުމަށް ތަރުހީބު އޮވެއެވެ. "އައްޑޫ ޑިލައިޓްސް އަކީ މީހުންނަށް ވަރަށް ކަމުދާ އެއްޗެއް. ރިސޯޓްތަކަށް ފޮނުވަން ތަފާތުކޮށް ކަސްޓަމައިޒްކޮށް ދިވެހިވަންތަކޮށް ހަދާފައި ހުންނަ ބޮނޑި. ދެން ޕާޓީތަކަށް ގިވްއަވޭ ހަދަން. ބަނބުކޭލުން ހަދާ އެއްޗެއްސަށް ވަރަށް ޑިމާންޑް އޮވޭ."

އީނާ މި ދުވަސްކޮޅު އެންމެ ގަދައަށް މި ދަނީ ބޯކުރި ބަނބުކެޔޮ ވިއްކަމުންނެވެ. "ވަރަށް ހިނގާ ބަނބުކެޔޮއިން ހަދާ ހުރިހާ އެއްޗެއްވެސް. ނާރުއްފަލޫދާ އަކީ ކޯއްޗެއްކަމެއް ގިނަ މީހުންއަކަށް ނޭގެ. އެކަމު ރަހަ ބަލާފާ ވަރަށް މީރު ކަމަށް ބުނޭ. ކަސްޓަމަރުންގެ ޑިމާންޑަށް ފުރަތަމަ ބާބެކިއު ޓްރޭސް ހަދަންފެށީ. އެވެސް ވަރަށް ގިނަމީހުން އަށް ކަމުދޭ'

އީނާއަކީ 3 އަހަރު އަދި 2 މަހުގެ ތުއްތު ކުއްޖެއްގެ މަންމަވެސް މެއެވެ. އޭނާ ބުނާގޮތުން މި މަސައްކަތް ކުރުމަށް އޭނާއަކަށް ބުރައެއް ނޫނެވެ. "އަބަދު މިކަހަލަ ކަމެއްގައި އުޅޭތީ ވަރަށް ފަރިތަކޮށް އަވަހަށް ނިންމާލެވޭ. އެކަމު މަންމަ އާއި ކޮއްކޮ ކުދިންގެ ކަންކަމުގައި އެހީތެރިވާތީ ކުރެވެނީ. ރަނގަޅު އާމްދަނީއެއް ލިބޭ."

ބައެއް ފަހަރަށް މާ ފަހުވަގުތު އޯޑަރުތައް ލިބުމުން ކެންސަލްކޮށްލަން ޖެހުނަސް މި މަސައްކަތުން އޭނާއަށް ރަނގަޅު އާމްދަނީއެއް ލިބޭ ކަމުގައި އީނާ ބުންޏެވެ. މި މަސައްކަތް އޭނާ ކުރަނީ ވަރަށް ކުރާ ހިތުން ކަމުގައިވުމުން އޭނާ މާ ބުރައެއް ނޫން ކަމުގައި އޭނާ ބުންޏެވެ.

އޭނާގެ މާމަ، ފާތިމާމަނިކެ އީނާ ގެ މި މަސައްކަތުން ވަރަށް ބޮޑަށް އުފާވާ ކަމުގައި އޭނާ ބުންޏެވެ. "ބޮޑު މަންމަގެ އުމުރުން ދުވަސްވެއްޖެ. އަހަރެން ހަދާ ހުރިހާ އެއްޗެއްވެސް ރަހަ ދައްކަން. އަލަށް އެއްޗެއް ހަދަން ބޭނުންނަމަ ރެސިޕީ އަހައިގެން ހަދަނީ. ބުނާނެ ހަމަ އެ ރަހަ އޭ ލަނީ."

އީނާގެ އުއްމީދަކީ އޭނާ މާމަގެ ކިބައިން ދަސްކުރި އައްޑޫރަހަތަކުގެ ރެސިޕީ ފޮތެއް އެކުލަވާލުމެވެ. "ވަރަށް ގިނަ މީހުން ގުޅާ ރެސިޕީތައް ހޯދަންވެސް. ބައެއް ރެސިޕީތަކަކީ އަހަރެންނަށް ވަރަށް ހާއްސަ "ސީކްރެޓްރެސިޕީ" ތަކެއް. އަނެއްބައި ރެސިޕީތައް ހަމަ ޝެއާކޮށްލަން"