ލައިފްސްޓައިލް

ވިއެޓްނާމް އަންހެނަކު ފެން އެކަނި ބޮއިގެން 41 އަހަރު

އެއްވެސް އޮއްޓަރު ހުރި ކާއެއްޗެއް ނުކައި ހަމައެކަނި ފެން ބޮއިގެން އުޅޭތާ 41 އަހަރު ވެއްޖެ ކަމަށް ވިއެޓްނާމް އަންހެނަކު ބުނެފި އެވެ.

އޭނާ ބުނާ ގޮތުގައި އޭނާ ބޯ ފެނަށް ބައެއް ފަހަރު ކުޑަ ލޮނުކޮޅެއް އަޅަ އެވެ. އަދި އަނެއް ބައި ފަހަރު ކުޑަ ހަކުރު ކޮޅެއް އަޅަ އެވެ. އަދި މިގޮތަށް ފެން އެކަނި ބޮއިގެން ދިރިއުޅޭތާ މިހާ ގިނަ ދުވަސްވީއިރުވެސް އާދައިގެ މީހަކަށް ވުރެ އޭނާ މާ ސިއްހަތު ރަނގަޅުވެފައި ފިޓް ކަމަށް އަންހެން މީހާ ބުންޏެވެ.

އެންގޮން، 63، ބުނި ގޮތުގައި ހުސް ފެން ނުބޯންވެގެން ބައެއް ފަހަރު ލުނބޯހުތު ފަނި ވެސް އޭނާ ބޮއެވެ. އަދި އޭނާ އަކީ ޔޯގާ ހަދާ އަދި އެހެން މީހުންނަށް ޔޯގާ ދަސްކޮށްދޭ ވެސް މީހެކެވެ.

އެންގޮން ބުނާ ގޮތުގައި ބަތާއި އެއްގަމު މަސް ފަދަ އެއްޗެތި ކެއުން އޭނާ ހުއްޓާލީ އުމުރުން 21 އަހަރުގައި މާބޮޑަށް ސިއްހީ މައްސަލަތައް ކުރިމަތިވާން ފެށީމަ އެވެ. އޭރު އޭނާގެ ލޮލުގެ ފެނުން ވެސް ދަށްވެ ބަނޑުގައި ރިއްސާ ހޮޑުލެވުނުކަމަށް އެންގޮން ބުންޏެވެ.

"އޭރު ހެދި ލޭގެ ޓެސްޓްތަކަކުން އެނގުނީ އަހަރެންގެ ލޭގެ ބައްޔެއް ހުރިކަން. ނަމަވެސް ޑޮކްޓަރުން ލިޔެދިން އެއްވެސް ބޭހަކުން އަހަރެންގެ ބައްޔެއް ލުޔެއް ނުލިބުނު. އެހެންވެ ބޭސް ކެއުން ހުއްޓާލުމުން ޑޮކްޓަރު ބުނި ގިނައިން ފެން ބޯށޭ. ބައެއް ފަހަރު ލޮނުކޮޅެއް އަނެއް ބައި ފަހަރު ހަކުރު ކޮޅެއް އަޅައިގެން ފެން ބޯށޭ. އަދި އޮއްޓަރުހުރި ކާނާ ނުކާށޭ،" އެންގޮން ބުންޏެވެ.

ނަމަވެސް އެންގޮން އަށް މިވަރުގެ އިރުޝާދެއް ދިން ޑޮކްޓަރުގެ ނަމެއް އޭނާ ހާމައެއް ނުކުރެ އެވެ. އެންގޮން ބުނީ ޑޮކްޓަރު މިކަހަލަ އެއްޗެކޭ ބުނިކަން އެހެން މީހުންނަށް އެނގުމުން މަލާމާތްކޮށް އެއްޗެތި ކިޔާނެކަން އެނގޭތީ ޑޮކްޓަރުގެ ނަން ހާމަނުކުރަން އެދިފައިވާ ކަމަށެވެ.

ފުރަތަމަކޮޅު އެންގޮންގެ އާއިލާގެ މީހުން ވެސް އޭނާ މިގޮތަށް ހަމައެކަނި ދިޔާއެއްޗެތި ބޮއިގެން އުޅުމާ ދެކޮޅު ހެދި އެވެ.

"އަހަރެން އެޑޮޕްޓްކޮށްގެން ގެންގުޅެ ބޮޑުކުރި ބައްޕަ ބުނި ތިހެން އުޅެން ހަދައިގެން ދުވަސްކޮޅަކުން ވާހަކަ ދައްކާލާނެ ވަރު އަނގައިގައި ނުހުންނާނޭ. އަދި އަހަރެން ކުރަނީ ސައިންޓިފިކް ގޮތުން ބަލައި ރަނގަޅުވާނެކަމުގެ ހެކި ހޯދިފައިވާ ކަމަކަށް ނުވާތީ ފަހުން ލަނޑު ލިބިދާނޭ ބުނެ ބައްޕަ ވަރަށް ނަސޭހަތްދިން. މިހާރު އެ ބައްޕަ ވެސް ދުނިޔެ ދޫކޮށްފި،" އެންގޮން ބުންޏެވެ.

އެންގޮން އިތުރަށް ބުނި ގޮތުގައި ހަމައެކަނި ފެން ބޮއިގެން އުޅުމަކީ ބައެއް ފަހަރު ވަރަށް ފޫހިވާ ކަމަކަށް ވެސް ވެއެވެ. އެހެންވެ ހަރު އެއްޗެއް ކާލެވޭތޯ ވެސް އޭނާ މަސައްކަތް ކުރެ އެވެ.

"އެއްވެސް ހަރުއެއްޗެއް ކެއުމަކީ މިހާރު އުނދަގޫކަމެއް. ވަރަށް އަވަހަށް ވަރުބަލިވޭ. އަދި އަނގައިގައި ވެސް ހަފާހާ ވަރެއް ނުހުރޭ،" އެންގޮން ބުންޏެވެ.