ލައިފްސްޓައިލް

އަންހެނެއްގެ ދެ ރަހިމުގައި ގަރުބަގަން ދެ ދަރިން ވިއްސައިފި

ވިއެޓްނާމްގެ އިރުމަތީ ޕްރޮވިންސްގެ ކުއަންގް ނިހް ކިޔާ ރަށެއްގެ ހޮސްޕިޓަލެއްގެ އޮޕަރޭޝަން ޑޮކްޓަރުން އާދަޔާޚިލާފު ގޮތަކަށް މާބަނޑު އަންހެނަކު ވިއްސައިފި އެވެ.

މި އަންހެން މީހާގެ ބަނޑުގައި ދެ ކުދިން އޮތް އިރު އޭނާގެ ހަށިގަނޑުގައި ދެ ރަހިމު ވެސް ގުދުރަތީ ގޮތުން އުފެދިފައި ވެއެވެ. އަދި ދެ ކުދިން ގަރުބަގަނެ ބޮޑުވެފައި ތިބީ ދެ ރަހިމުގަ އެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި މިއީ ބަލިވެ އިންނަ އަންހެނުންގެ ތެރެއިން 50 މިލިއަނުން އެކަކަށް ދިމާވުމުގެ ފުރުސަތު އޮންނަ ހާލަތެކެވެ.

ކުއަންގް ނިހް ހޮސްޕިޓަލުގައި 29 އަހަރުގެ މި އަންހެން މީހާ އެޑްމިޓްކުރީ އާދަޔާޚިލާފަށް ގަދަޔަށް ބަނޑުގައި ރިއްސާތީ އެވެ. އޭރު އެމީހާގެ ބަނޑަށް 32 ހަފްތާ އެވެ.

ޑރ. ވޫ ތީ ޑަންގް އަންހެންމީހާ ބެލުމަށްފަހު ސްކޭން ހަދައިގެން ބެލުމުން އޭނާގެ ބަނޑުގައި ދެ ރަހިމު އިން ތަނާއި އަދި ދެ ކުދިން ދެ ރަހިމުގައި ތިބި ތަން ފެނުމުން ވަރަށް ބޮޑަށް ހައިރާންވި އެވެ. ސަބަބަކީ ޑޮކްޓަރަށް މިހާތަނަށް މިފަދަ ގޮތަކަށް ތިބި ދެ ކުދިން ފެނިފައި ނުވާތީ އެވެ.

މި އަންހެން މީހާ އަކީ މީގެ ކުރިން ބަނޑުގެ އޮޕަރޭޝަނެއް ކޮށްފައި ހުރި މީހަކަށް ވާތީ ސިޒޭރިއަން ހަދައިގެން ކުދިން ނަގަން ޑޮކްޓަރު ނިންމި އެވެ.

ޑރ. ޑަންގް ވިދާޅުވީ އާއްމުކޮށް އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިންނަ މީހުންގެ ބަނޑުގައި އޮންނަ ދެ ދަރިން ވެސް ހެދިބޮޑުވަމުންދާނީ އެއްވަރަކަށެވެ. ނަމަވެސް މި އަންހެން މީހާގެ ބަނޑުގައި އޮތް ދެ ކުދިން ބޮޑުވަމުން ދިޔައީ ވެސް ތަފާތު ދެ ގޮތަކަށެވެ.

މި ކޭސް އެހާ ޚާއްސަވީ އަނެއް ސަބަބަކީ މިއީ ދަރިން ހޯދަން އެއްވެސް ފަރުވާއެއް ނުކޮށް ތިއްބާ ބަލިވެ އިނދެ ލިބުނު ދެ ކުދިންނަށް ވާތީ އެވެ.

ޑރ. ޑަންގް ވިދާޅުވީ ދެ ރަހިމު އިންނަ ބައެއް މީހުންގެ ދެ ޔޫޓެރަސް އާއި ދެ ފެލޯޕިއަން ޓީއުބު އަދި ދެ ވެޖައިނަލް ކެނަލް ވެސް އިނދެ އެވެ. އަދި މިއީ އެމީހުންގެ ހަށިގަނޑު އުފެދެމުން އަންނައިރު ހުންނަ ވަރަށް ބޮޑު އައިބެއް ކަމަށެވެ.

މި އަންހެން މީހާގެ ސިޒޭރިއަން ހަދައިގެން ނަގާފައިވަނީ ދެ ފިރިހެން ކުދިންނެވެ. އެއް ކުއްޖެއްގެ ބަރުދަނުގައި ހުރީ 1.7 ކިލޯ އެވެ. އަނެއް ކުއްޖާގެ ބަރުދަނުގައި 1.5 ކިލޯ އެވެ.