"ސަރަގޭޓް މަންމައަކަށް ދެން ދުވަހަކުވެސް ނުވާނަން. މި ބިރުވެރި ހުވަފެނެއް ފަދަ ތަޖުރިބާ ކުރެވިފައިވަނީ އަހަންނަށް އެކަންޏެއް ނޫން. އެކަމަކު މި ވާހަކަ ދައްކާކަށް އެކަކުވެސް ބޭނުމެއް ނޫން،" އެމެރިކާގެ ކެލިފޯނިއާގައި ދިރިއުޅޭ ސަރަގޭޓް މަންމަ ޖެސިކާ އެލަން ބުންޏެވެ.
ޖެސިކާ އަށް ހީނުކުރާ ކަހަލަ ޑީއެންއޭ ޓެސްޓް ރިޕޯޓެއް ލިބުމުގެ ސަބަބުން އޭނާގެ މުޅި ހަޔާތަށް އެކަމުގެ ނޭދެވޭ އަސަރު ވަނީ ކޮށްފަ އެވެ.
ސަރަގޭޓް މަންމައަކަށް ވާން އެއްބަސްވީއިރު މިފަދަ ތަޖުރިބާއެއް ކުރަން ޖެހިދާނެ ކަމަކަށް ޖެސިކާ ހިތަކަށް ނާރަ އެވެ. މިގޮތަށް ސަރަގޭޓް މަންމައަކަށް ވުމުން އޭނާގެ މުސްތަގްބަލު ބޮޑު ހިތާމައަކަށް ވެއްޓިދާނެ ކަމަކަށް އޭނާއަށް އޭރަކު ނުވިސްނުނެވެ.
ދެ ދަރިންގެ މަންމަ ޖެސިކާއަށް ދަރިން ލިބުމަކީ ކިހާ ބޮޑު އުފަލެއްކަން އިހްސާސް ކުރެވެ އެވެ. އަދި ދަރިން ނުލިބިގެން އެތައް އަހަރެއް ވަންދެން އެތައް ފަރުވާ އަކާއި މަސައްކަތެއް ކުރާ ދެމަފިރިން ކުރާނެ ހިތްދަތި ތަޖުރިބާތައް އޭނާއަށް ވިސްނެ އެވެ.
ސަރަގޭޓް މަންމައަކަށް ވުމުން ކޮންމެވެސް މިންވަރަކަށް ފައިސާ ލިބުނަސް އެއަށްވުރެ އޭނާ އަށް މުހިއްމީ ދަރިންނެއް ދެމަފިރިއަކަށް ދަރިއަކު ހޯދައިދިނުމުގެ މެދުވެރިއަކަށް އޭނާއަށް ވެވޭތޯ އެވެ. އެހެންކަމުން ސެން ޑިއޭގޯގެ އޮމެގާ ފެމެލީ ގްލޯބަލްގައި ސަރަގޭޓް މަންމައެއް ހޯދަން މަސައްކަތްކުރި ލޯބިލޯބި ދެމަފިރިއެއްގެ ދަރިފުޅުގެ ސަރަގޭޓް މަންމައަކަށް ވުމަށް އޭނާ އެއްބަސްވީ އުފަލުންނެވެ.
އައިވީއެފް ހެދުމަށްޓަކައި ޑޮކްޓަރު އެންގި ހުރިހާ ކަމެއް ޖެސިކާ ފުރިހަމައަށް ކުރި އެވެ. އެހެންގޮތަކަށް ބުނާނަމަ ބުނެވޭނީ ޖެސިކާ އަކީ ސަރަގޭޓް މަންމައަކަށް ޚިޔާރުކުރަން ކޮންމެ މީހަކުވެސް ބޭނުންވާ ކަހަލަ ރަނގަޅު މީހެއް ކަމަށެވެ. ނަމަވެސް ކަންދިމާކުރި ގޮތުން ރޭވި ގޮތަކަށް ކަންތަކެއް ނުދިޔަ އެވެ. ކާމިޔާބުކަމާއެކު އެމްބްރިއޯ އިމްޕްލާންޓޭޝަން ހަދައި ޖެސިކާ ބަލިވެ އިންތާ ހަ ހަފުތާ ފަހުން ޑޮކްޓަރުންނަށް ތަފާތު ކަމެއް ފާހަގަކުރެވުނެވެ. މިއީ އެންމެންނަށް ބޮޑު ޝޮކެއް ލިބުނު ކަމަކަށްވެސް ވިއެވެ.
ޖެސިކާގެ އިމްޕްލާންޓްކުރީ އެންމެ ފިރިހެން އެމްބްރިއޯ (ދަރިފަނި) އެކެވެ. ނަމަވެސް ކޮންމެ މަހަކު ގަވާއިދުން ހަދާ ސްކޭނުން ދެއްކި ގޮތުގައި އޭނާގެ ރަހިމުގައި ދެ ކުދިން އުފެދި ބޮޑުވަމުން ދެއެވެ. ޑޮކްޓަރުން ޖެސިކާ ކައިރީ ބުނީ މަދު ހާލަތެއްގައި އެމްބްރިޔޯ ދެބައިވެ އެއްމާބަނޑު ދެ ކުދިން އުފެދެން މެދުވެރިވާ ކަމަށެވެ.
ދަރިފުޅަކު ބޭނުންވެފައިވާ ތިބި ދެމަފިރިންނަށް މިއީ އުފާވެރި ޚަބަރަކަށް ވިއެވެ. އެހެންވެ ސަރަގޭޓް މަންމައަކަށް ވުމުން ޖެސިކާއަށް ދޭން އެއްބަސްވީ 30،000 ޑޮލަރުގެ ބަދަލުގައި 35،000 ޑޮލަރު ދޭން އެއްބަސްވި އެވެ. މިހިސާބުން އަނެއްކާވެސް އެންމެންނަށް އުފާވެރިކަން ލިބުނެވެ.
ދެން މައްސަލަތައް ދިމާވީ ޖެސިކާ ވިހޭ ފަހުންނެވެ. ބަނޑަށް 38 ހަފުތާގައި ޖެސިކާގެ ސިޒޭރިއަން ހަދައިގެން ދެ ކުދިން ނަގާ ވަގުތު ޖެހުނެވެ. ޖެސިކާ ކިތަންމެ ބޭނުންވިޔަސް އޭނާގެ ބަނޑުން ވިހާ ދެކުދިންގެ މޫނު ވެސް ދެކިލުމުގެ ފުރުސަތެއް އޭނާއަކަށް ނެތެވެ. ކޮންޓްރެކްޓްގައިވާ ގޮތުން ޖެސިކާ އެކުދިން ދޭން ޖެހޭނީ އެއްވެސް ވަރަކަށް އެކުދިންނަށް ބަލާވެސް ނުލަ އެވެ.
ނަމަވެސް ވިހެއުމަށްފަހު ކުދިންގެ 'މައިންބަފައިންނަށް' އެކުދިން ހަވާލުކުރި ފަހުން ޖެސިކާއަށް އެކުދިންގެ ފޮޓޮއެއް ފެނުނެވެ. އަދި އެކުދިންނަކީ އައިޑެންޓިކަލް ޓުވިންސް ނޫންކަން ޖެސިކާ އަށް އެނގުނެވެ. އާންމުކޮށް އެމްބްރިއޯ ދެބައިވެގެން ލިބެނީ އައިޑެންޓިކަލް ޓުވިންސް އެވެ.
މި ދެބެންގެ ސިފަ ވަރަށް ބޮޑަށް ތަފާތުވުމުން ޖެސިކާގެ ހިތުގައި ޝައްކު އުފެދުނެވެ. ނަމަވެސް އިތުރަށް މައްސަލަ ނުޖައްސައި ޖެސިކާ ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ގޮސް ފިރިމީހާއާ އެކު އާދައިގެ ދިރިއުޅުމެއް އުޅެން ފެށި އެވެ. ރީތި ގެއެއްގައި ދިރިއުޅުމަކީ ދެމަފިރިންގެ ހުވަފެނެއް ކަމުން ސަރަގޭޓް މަންމައަކަށް ވުމުން ލިބުނު ފައިސާއިން އާ ގެއެއް ގަނެ އެ ގޭގައި ދިރިއުޅެން ފެށީ އެވެ.
ނަމަވެސް ޖެސިކާގެ އުފާތައް ދެމިއޮތީ އެންމެ މަހެއްހާ ދުވަހު އެވެ. އޭނާ ސަރަގޭޓް މަންމައަކަށް ވެދިން ދެމަފިރިންގެ ތެރެއިން އަންހެން މީހާގެ މެސެޖެއް އެއް ދުވަހަކު އޭނާއަށް ލިބުނެވެ. އެ މެސެޖުގައި އެމީހާ ސުވާލު އުފައްދާފައިވަނީ އެ ދެކުދިން އެއް ވައްތަރު ނޫން ސަބަބާ ބެހޭ ގޮތުންނެވެ.
އެހެންވެ އޭގެ އަނެއް ހަފުތާގައި އެ ދެބެންގެ ޑީއެންއޭ ޓެސްޓް ހެދި އެވެ. ނަތީޖާ ދެއްކި ގޮތުގައި އެއީ އެއްމާބަނޑު ދެބެންނެއް ނޫނެވެ. އެތަނުން އެއް ކުއްޖަކީ ޖެސިކާގެ ބައޮލޮޖިކަލް ދަރިއެކެވެ. އެމްބްރިޔޯ އިމްޕްލާންޓް ކުރިތަނާ ޖެސިކާ ގުދުރަތީ ގޮތުން ބަލިވެ އިނީ އެވެ. މި ކުދިންގެ ގެސްޓޭޝަނަލް އޭޖް ވެސް ތަފާތެވެ. މާނަ އަކީ އެ ދެބެން ގަރުބަގަނެ ހެދިބޮޑުވެފައިވަނީ ދެ ދުވަހެއްގަ އެވެ.
ޖެސިކާ އާއި ފިރިމީހާ ތިންވަނަ ކުއްޖަކަށް ތައްޔާރެއް ނޫނެވެ. އެހެންވެ އެމީހުން ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ދޭތެރެ ދުރުކުރުމުގެ ވަސީލަތްތައް ބޭނުންކުރަމުން ގެންދިޔަ އެވެ. ނަމަވެސް މި ވަސީލަތްތައް ފެއިލްވެ ޖެސިކާ ބަލިވެ އިނީ އެވެ.
އާއިލާއަށް ކުއްލިއަކަށް ތިންވަނަ ކުއްޖަކު އިތުރުވީކަން އެނގުމުން ޖެސިކާގެ ދެމަފިރިން ހާސްވެ ހަދާނެގޮތް ހުސްވި އެވެ. އާ ގެއެއް ގަނެ އެގެއަށް ބަދަލުވުމާ ގުޅީގެން ދެ މީހުންގެ އަތްމަތި އޮތީ މުޅިން ހުސްވެފަ އެވެ. މި ދަނޑިވަޅުގައި ތުއްތު ކުއްޖެއްގެ ހަރަދު އެމީހުންނަށް ވަރަށް ބޮޑު ބޮލުގަ ރިހުމަކަށް ވިއެވެ.
ޖެސިކާ އާއި ފިރިމީހާ އެމީހުން ހީނުކުރާ ގޮތަކަށް ލިބުނު ދަރިފުޅު ގެއަށް ގެންނަން ތައްޔާރުވި އެވެ. ނަމަވެސް އެކަން އެހާ ފަސޭހައެއް ނޫނެވެ. މިއީ ވެސް ކޯޓު މަރުހަލާއެއް ކަޑައްތުކުރަންޖެހޭ އުނދަގޫ ބޮޑު ހަނގުރާމައަކަށް ވީމަ އެވެ.
ޖެސިކާ އެ ދެމަފިރިއަކަށް ދަރިއަކު ހޯދައިދިން ދެމަފިރިން ޖެސިކާގެ ދަރިފުޅު ބޭނުމެއް ނޫނެވެ. ނަމަވެސް އެހާ ފަސޭހައިން އަނެއް ކުއްޖާ ވެސް ދޫކޮށްލާކަށް ބޭނުމެއް ނޫނެވެ. އެ ދެމަފިރިން ބޭނުންވަނީ އެ ކުއްޖާ އެޑޮޕްޝަން އެޖެންސީއަކަށް ހަވާލުކޮށް ބަޔަކަށް އެޑޮޕްޓްކުރަން ދޭށެވެ. އެއީ އެގޮތަށް ދިނުމުން އެ ދެމަފިރިންނަށް 22،000 ޑޮލަރު ލިބޭތީ އެވެ. ޖެސިކާގެ ދެމަފިރިންނަށް ވެސް އެމީހުންގެ ދަރިފުޅު ދޭން އެ ދެމަފިރިން އެއްބަސްވަނީ 22،000 ޑޮލަރު ދިނީމަ އެވެ. ނަމަވެސް ޖެސިކާ މެން އަތުގައި އެހާ ފައިސާއެއް ނެތެވެ.
އެންމެ ފަހުން ގާނޫނީ ވަކީލެއް ހޯދައިގެން މި މައްސަލަ ކޯޓަށް ވެއްދީ އެވެ. މިކަމުގައި ކޯޓުގައި ވަކާލާތުކުރާއިރު މިގޮތަށް ދެ ކުދިން ލިބުމުގައި ކުށްވެރިވަނީ ކާކުތޯ ވެސް ބަލަން ޖެހެ އެވެ. އައިވީއެފް ހެދި ދުވަސްވަރު އެމީހުން ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް ގުޅުން ހިންގާފައިވާތީ ކުށްވެރިވަނީ އެ ދެމަފިރިންތޯ ނުވަތަ އެކަމުގެ ހުއްދަ ދިން ޑޮކްޓަރުންތޯ ސުވާލު އުފެދުނެވެ. ނޫންނަމަ ޖެސިކާމެންގެ ދަރިފުޅު އަނބުރާ ދޭ މަތިން ބަދަލަކަށް ގިނަ އަދަދެއްގެ ފައިސާއަށް އެދޭ ދެމަފިރިންތޯ ކުށްވެރިވަނީ އެބަ ނިންމަން ޖެހެ އެވެ.
ހަގީގަތުގައި ޖެސިކާ މެން އަތުން މި ފައިސާ ހޯދަން ބާރު އެޅީ އެޑޮޕްޝަން އެޖެންސީން އަނެއް ދެމަފިރިންގެ ބޮލަށް އެރިގެންނެވެ. އޭގެން އެ އެޖެންސީއަށް ލިބޭނެ ފައިދާ ގަނޑަކަށެވެ.
ކޮންމެއަކަސް މި މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށް މިހާރު އެ ކުއްޖާ ވަނީ ޖެސިކާގެ ދެމަފިރިންނާ ހަވާލު ވެފަ އެވެ. ނަމަވެސް ދަރިފުޅު އެ ދެމަފިރިންނަށް ލިބުނީ ދެ މަހެއްހާ ދުވަހު ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ވަރުގަދަ ހަނގުރާމަ ގަނޑަކަށްފަހު އެވެ.
ޖެސިކާގެ ތިންވަނަ ދަރިފުޅަކީ އަންހެން ކުއްޖެކެވެ. އެމީހުން އެ ދަރިފުޅަށް ކީ މަލާޗީ އެވެ.
ޖެސިކާ ގަބޫލުކުރާ ގޮތުގައި މިއީ ސަރަގޭޓް މަންމައަކަށް ވާން ގަސްތުކުރާ ހަމަ ކޮންމެ މީހަކަށް އިބުރަތްތެރި ވާހަކައަކަށް ވާނެ އެވެ.