ލައިފްސްޓައިލް

53 އަހަރުގެ މާމަ ހީވަނީ 27 އަހަރުގެ ޒުވާނެއްހެން

މުސްކުޅިވުމުގެ އަލާމާތްތައް ނައްތާލަދޭ އެކި ފާޑުގެ ބިއުޓީ ޕްރޮޑަކްޓްސްގެ ވިޔަފާރި ނުވަތަ އެންޓި-އޭޖިން މާރުކެޓް 2018ގައި 50.2 ބިލިއަން ޑޮލަރަށް އަރާފައި ވެއެވެ. ތަޖުރިބާކާރުން ބުނަނީ ކުރިޔަށް އޮތް އަހަރުތަކުގައި މި ވިޔަފާރި އަދި އެތައް ގުނައަކަށް ކުރިއަރައި ދާނެ ކަމަށެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ އުމުރުން ދުވަސްވާ ވަރަކަށް ކުރީގެ ޒުވާންކަން އަނބުރާ ހޯދަން ބޭނުންވާ މީހުން ގިނަ ވުމެވެ. ނަމަވެސް މިފަދަ އެއްވެސް ބިއުޓީ ޕްރޮޑަކްޓަކާ ނުލައި ވެސް ބައެއް މީހުން ޒުވާންކަމުގައި ދެމި ހުރުމުގައި ކާމިޔާބު ހޯދަ އެވެ.

އުމުރުން 53 އަހަރުގެ މި މާމަ އަކީ ވެސް އެފަދަ މީހެކެވެ. މި މާމައަށް ބަލާލާފައި އޭނާގެ އުމުރު ދެނެގަންނާކަށް އެއްވެސް މީހަކަށް ނޭނގޭނެ އެވެ. ސަބަބަކީ ބަލާބެލުމެއް އޭނާ ހީވަނީ 27 ވަރަކަށް އަހަރުގެ ޒުވާނެއް ހެންނެވެ.

މި މާމަގެ ޒުވާންކަމުގެ ސިއްރު އޭނާ ކިޔައިދިނެވެ. އަދި ޒުވާންކަމަކީ ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ސާމާނުން ހޯދޭނެ އެއްޗެއް ނޫންކަމަށް އޭނާ ގަބޫލު ކުރެ އެވެ.

ޒުވާންކަންމަތީ ގިނަ ދުވަހު ދެމިހުންނަން ބޭނުންވާ މީހުން އާދަކުރަންވީ ތިން ކަމެއް އެ މާމަ ކިޔައިދިނެވެ. އެއް ކަމަކީ ކަސްރަތެވެ. ދެވަނަ ކަމަކީ ކެއުން ވަކި ގޮތަކަށް ބައްޓަން ކުރުމެވެ. ތިންވަނަ ކަމަކީ ޕޮޒިޓިވް ދިރިއުޅުމެއް އުޅެން ދަސްކުރުމެވެ.

މި ޒުވާން މާމައަކީ އިންޑޮނީޝިޔާގެ ޕުޝްޕާ ދޭވީ އެވެ. ޕުޝްޕާ އަށް ބަލާލާފައި އޭނާގެ އެހާ ދޮށީ ދަރިން ތިބެދާނެ ކަމަކަށް އަދި މާމަ ދަރިން ތިބެދާނެ ކަމަކަށް އެކަކަށް ވެސް ގަބޫލެއް ނުކުރެވޭނެ އެވެ. ސަބަބަކީ އޭނާ ހީވަނީ 20 ގެ އަހަރުތައް ގުނަމުންދާ ޒުވާނެއް ހެންނެވެ.

ޕުޝްޕާ ދާދިފަހުން ވަނީ ފިރިމީހާ އާއެކު ކައިވެންޏަށް 26 އަހަރު ފުރުން ފާހަގަ ކޮށްފަ އެވެ. މި ކައިވެންޏަށް ދެ ދަރިން ލިބިފައިވާއިރު ދޮށީ ދަރިފުޅު ޑެނިސް އަށް މިހާރު 26 އަހަރެވެ. ހަގު ދަރިފުޅު ޑެނިއަލް އަށް 23 އަހަރެވެ. ޑެނިސް އަށް މިހާރު ވަނީ ދަރިއަކު ލިބިފަ އެވެ.

ޕުޝްޕާގެ ދެ ދަރިން ކައިރީ އޭނާ ހުންނައިރު ހީވަނީ އެކުދިންގެ އެއްބަނޑު އެއްބަފާ އަންހެންކުއްޖަކާ އެކު ހުންނަނީ ހެންނެވެ. އެއްގޮތަކަށް ވެސް އެއީ އެކުދިންގެ މަންމަހެނެއް ހިޔެއް ނުވެ އެވެ.

ޗައިނާ ޕްރެސް އާ ވާހަކަ ދައްކަމުން ދޭވީ ބުނީ އޭނާގެ ހަށިގަނޑުގައި އެނާޖީ އެހާ ވަރުގަދައީ އަދި ޒުވާންކަމަށް ދައްކަނީ ކަސްރަތުކުރުމަށް ލޯބިކުރާތީ އާއި ކޮންމެ ކޮންމެ އެއްޗެއް ކައި ނޫޅޭތީ އެވެ. އަދި ދިރިއުޅުމާ ދޭތެރޭ ވަރަށް ޕޮޒިޓިވް ކޮށް ދެކޭތީ އެވެ.

"އަހަރެން އަބަދުވެސް ކުޅިވަރު ކުޅެން ލޯބިކުރަން. އެންމެ ޅައިރު ފެތުމާއި ބެޑްމިންޓަން ކުޅެ އުޅުނިން. ނަމަވެސް މިހާރު ހަދަނީ ޔޯގާ އާއި ޒުމްބާ. އަދި އާއިލާގެ މީހުންނާއެކު ވަގުތު ހޭދަކުރުމަށް ލޯބިކުރަން،" ޕުޝްޕާ ބުންޏެވެ.

އުމުރުން ދުވަސްވާ އެންމެންނަކަށް ޕުޝްޕާ ކަހަލަ މީހަކަށް ނުވެވޭނެ އެވެ. މިކަމުގައި ގުދުރަތީ ގޮތުން އޭނާ އުފެދިފައިވާ ގޮތް ވަރަށް ބޮޑު ރޯލެއް ކުޅެ އެވެ. ޕުޝްޕާ އެ އުޅޭ ގޮތަށް އުޅުނަސް ބަރުދަން އިތުރުވެ ބަނޑުތަންތަނުގައި މަސް ޖަހައި 53 އަހަރުވާއިރު މުސްކުޅި ސިފަ ޖަހާފާނެ އެވެ. ނަމަވެސް ސަލާމަތް ސިއްހަތެއްގައި ހުރުމަށް ހަމަ ގައިމުވެސް ޕުޝްޕާ ކަންތައް ކުރާ ގޮތަށް ކަންތައް ކުރެވިދާނެ އެވެ.