ލައިފްސްޓައިލް

ރޭގަނޑު ކެއުމަށްފަހު ހިނގާލުން މުހިއްމު

ގޭތެރޭގެ އެކި ކަންކަންކަމުގައި މަސްއޫލުވެ އުޅެން ޖެހުމުން އަމިއްލަ ސިއްހަތަށް ފަރުވާ ކުޑަކުރެވޭ ތަން އާދެ އެވެ. ނަމަވެސް ކިތަންމެ ބިޒީކޮށް އުޅުނަސް ދުވާލުގެ ކޮންމެވެސް ވަގުތުކޮޅެއް ކަސްރަތުކޮށްލައި ހަށިގަނޑަށް ފައިދާ ހުރި ކަމެއް ކޮށްލުމުގައި ހޭދަކުރަން ހުސްކުރުމަކީ މުހިއްމު ކަމެކެވެ.

ފަހަރެއްގައި ދުވާލު ގަޑީގައި ކަސްރަތު ކުރާނެ ވަގުތު ނުލިބުނަސް ރޭގަނޑުގެ ކެއުމަށްފަހު ހިނގާލަން ދިއުމުން އެކަން ފޫބެއްދޭނެ އެވެ. އަދި މިއީ ކޮންމެ މީހަކަށްވެސް ވަރަށް މުހިއްމު ކަމެކެވެ. ހާއްސަކޮށް އެއްވެސް ކަސްރަތެއް ނުކޮށް ތިބޭ މީހުންނަށެވެ.

ހިނގާލުމުން ގެސްޓްރިކް އެންޒައިމްސް އުފެދޭލެއް އިތުރުވެ ކާއެއްޗެތި ހަޖަމުކުރަން ފަސޭހަވާނެ އެވެ. އަދި މިއީ ބަނޑުހިކުމާއި ވައިގެ ސަބަބުން ބަނޑު ފުފުން ފަދަ ކަންތައްތައް ވާނަމަ ކުރަން ވަރަށް ރަނގަޅު ކަމެކެވެ.
ރޭގަނޑުގެ ކެއުމަށްފަހު ނިދުމަކީ ސަރުބީ ވިރުވަން ވެސް އެހީތެރިވެދޭނެ ކަމެކެވެ. ކެއުމަށްފަހު ވަގުތުން ތަނެއްގައި އަރާމުކޮށްލަން އިށީނުމުން ސަރުބީ ވިރުމުގެ ބަދަލުގައި ވާނީ އިތުރެވެ.

ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށްވެސް ރޭގަނޑު ކައިގެން ހިނގާލުމުން ފައިދާ ކުރެ އެވެ. ކޮންމެ ރެއަކުވެސް ކައިގެން ނުކުމެ ކޮންމެވެސް ވަރަކަށް ހިނގާނަމަ ހަޖަމު ކުރުމުގެ މައްސަލަ ހައްލުވާނެ އެވެ. ގައިގައި ހުންނަ ވިހަތައް ފަސޭހައިން ބޭރުވާނެ އެވެ. އަދި އެތެރެހަށީގައި ހުންނަ ގުނަވަންތަކުގެ ސިއްހަތު ރަނގަޅުވެ ދިފާއީ ބާރުގަދަ ވާނެ އެވެ.

ރޭގަނޑު ކެއުމަށް ފަހުވެސް ނިދުމުގެ ކުރިން ކޮންމެވެސް ލުއި ކާނާއެއް ހަފާލަން ބައެއް މީހުން ބޭނުންވެ އެވެ. ގަވާއިދުން ހިނގަން ފެށުމުން މިގޮތަށް ކާހިތްވުން ވެސް ކުޑަވެގެން ދާނެ އެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މާގިނައިރު ނޫނަސް 15 ވަރަކަށް މިނިޓް ހިނގާލުމުންވެސް ފުދޭނެ އެވެ.

މިއީ ނުނިދިގެން ފުރޮޅު ފުރޮޅިފައި އުޅޭ މީހުންނަށް ވެސް ކުރަން ވަރަށް ރަނގަޅު ކަމެކެވެ. ހިނގާލާފައި އައިސް ގައި ދޮވެލައިގެން އޮށޯތުމުން ސްޓްރެސް ކުޑަވެ ވަރަށް ފަސޭހައިން ނިދޭނެ އެވެ. އަދި މިއީ ހަކުރުބަލީގެ މައްސަލަ ހުންނަ މީހުންނަށް ނުވަތަ ހަކުރު މައްޗަށް ހިނގައިދާނެ ކަމަށް ހީވާ މީހުންނަށް ވެސް ވަރަށް ރަނގަޅު ކަސްރަތެކެވެ. ކައިގެން ހިނގާލުމުން ލޭގައި ހަކުރު ހުންނަ މިންވަރު ރެގިއުލޭޓްކޮށްލަން ފަސޭހަވާނެ އެވެ.

ޑިޕްރެޝަންގެ މައްސަލަ ހުންނަނަމަ ނުވަތަ ކަމެއް ނުވިޔަސް ދެރަވާ ކަހަލަ އިހްސާސްތަކެއް ކުރެވޭނަމަ ހިނގާލުމުން ވަރަށް ބޮޑަށް ފައިދާ ކުރާނެ އެވެ. ހިނގަން ފެށުމުން ހަށިގަނޑުން އެންޑޯފިންސް ކިޔާ ކެމިކަލްސް އެއް (ހޯމޯން އެއް) ރިލީޒްކުރަން ފަށާނެ އެވެ. މިއީ ހިތްހަމަޖައްސައިދޭ ހޯމޯން އެކެވެ.