ފަހުގެ ދިރާސާ ތަކަކަށްފަހު ސައިންސްވެރިން ބުނެފައިވާ ގޮތުގައި މާބަނޑު ދުވަސްވަރު ކޮފީ ބުއިމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނެވެ. ހަމައެކަނި ކޮފީއެއް ނޫނެވެ. ކެފެއިން އެކުލެވޭ ކޮންމެ އެއްޗެއްވެސް ކެއުމާއި ބުއިމަކީ މާބަނޑު އިރު ކުރަން ހެޔޮވާވަރު ކަމެއް ނޫންކަމަށް ފަހުގެ ހޯދުމަކުން ވަނީ ހާމަވެފަ އެވެ. ހަމައެކަނި ކޮފީ ބުއިން ހުއްޓާލުމަކުން ނުފުދެ އެވެ. ޗޮކްލެޓް ފަދަ ކެފެއިން އެކުލެވޭ އެއްޗިއްސާ އެ ދުވަސްވަރު މުޅީން ދުރުވާން ޖެހެ އެވެ.
މިއަހަރުގެ ފެބްރުއަރީ އާއި މާޗްމަހު ޝާއިއުކުރި ދެ ދިރާސާއެއްގައި މާބަނޑު ދުވަސްވަރު ކެފެއިން ބޭނުން ކުރުމުން ބަނޑުގައިވާ ދަރިފުޅަށް ލިބިދާނެ ގެއްލުންތަކަކަށް އަލިއަޅުވާލާފައި ވެއެވެ. މީގެ ތެރެއިން ފުރަތަމަ ދިރާސާއަކީ ޔުނިވާސިޓީ އޮފް ރޮޗެސްޓާ މެޑިކަލް ސެންޓާ އިން ކޮށްފައިވާ ދިރާސާ އެކެވެ.
މި ދިރާސާއިން ހޯދިފައިވާ މައުލޫމާތު ބުނާ ގޮތުގައި މާބަނޑު ދުވަސްވަރު ކެފެއިން އެކުލެވޭ އެއްޗެތި ބޭނުން ކުރުމުން ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑީގެ މުހިއްމު ބައިތަކަކަށް މައްސަލަތައް ދިމާވެ އެވެ. މިއީ ކުދިންގެ މިޒާޖަށް ގޯސް ބަދަލުތައް އަންނަން މެދުވެރިވާ އަދި އުފަންވާ ކުއްޖާ ތަންކޮޅެއް ބޮޑުވާއިރަށް އޭޑީއެޗްޑީ ޖެހެން މެދުވެރިވެދާނެ ސަބަބެއް ކަމަށް މި ހޯދުމުގައި ބުނެފައި ވެއެވެ.
ދެ ވަނަ ދިރާސާ ހެދީ ނެޝަނަލް އިންސްޓިޓިއުޓް އޮފް ޗައިލްޑް ހެލްތު އެންޑް ހިއުމަން ޑިވެލޮޕްމަންޓް އިންނެވެ. މި ދިރާސާ ޝާއިއު ކޮށްފައި ވަނީ ޖާމާ އޯޕެން ނެޓްވޯކްގައި ފާއިތުވީ މާޗްމަހުގެ 25 ވަނަ ދުވަހު އެވެ. މި ދިރާސާ ބުނާ ގޮތުގައި މާބަނޑު ދުވަސްވަރު އަންހެންމީހާ ދުވާލަކު އެންމެ ބައި ތަށިހާ ކޮފީ ބުޔަސް އެއްގޮތަކަށް ވެސް ކޮފީ ނުބޯ މީހުން ވިހާ ދަރިންނަށް ވުރެ ކޮފީބޯ މީހުން ވިހާ ދަރިފުޅު ކުޑަވެ އެވެ.
މި ދިރާސާތަކަކީ މިހާރުވެސް ދުނިޔޭގައި ގިނަ ބަޔަކު ބަހުސް ކުރަމުންދާ ވާހަކައަކަށް ލިބުނު އިތުރު ހެކި ތަކެކެވެ. ނަމަވެސް މިހާރު ދީފައިވާ އިރުޝާދުތަކާ ފުށުއަރާ ދިރާސާއެއް ވެސް މެއެވެ.
މާބަނޑު މީހުންނާއި ކެފެއިންއާ ގުޅޭ މިހާރުގެ ރަސްމީ އިރުޝާދަކީ ކޮބައި ހެއްޔެވެ؟ ޑަބްލިޔުއެޗްއޯ އާއި އެމެރިކަން ޕްރެގްނަންސީ އެސޯސިއޭޝަން އަދި ޔޫކޭގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން މިހާރު ނެރެފައިވާ ގައިޑްލައިންގައިވާ އިރުޝާދުތައް ބުނާ ގޮތުން މާބަނޑު ދުވަސްވަރު ކެފެއިން ބޭނުންކުރާ މިންވަރު ދުވާލަކަށް 200 ގްރާމަށް ވުރެ މަދުކުރަން ޖެހެ އެވެ. އެއީ ގާތްގަނޑަކަށް އެކެއް ނުވަތަ ދެ ޖޯޑު ކޮފީގެ މިންވަރެކެވެ.
މާބަނޑު ދުވަސްވަރު ކޮފީ ބުއިމުން ބަނޑުގައި އޮންނަ ދަރިފުޅުގެ ހެދި ބޮޑުވުމަށް މައްސަލަތަކެއް ކުރިމަތިވާކަމާއި އުފަންވާއިރު ކުއްޖާގެ ބަރުދަން ލުއިވުމާއި، ދުވަސް ނުފުރާ ވިހެއުމާއި، ވިހާއިރު މަރުވެފައި އޮތުން ފަދަ މައްސަލަތައް ހިމެނެ އެވެ.
ޑަބްލިޔުއެޗްއޯގެ އިރުޝާދުގައި ބުނެފައިވަނީ މާބަނޑު މީހުން ދުވާލަކު 300 ގްރާމް އަށް ވުރެ ގިނައިން ކެފެއިން ބޭނުންކުރާ މީހުން މާބަނޑުވުމުން، އެމީހުންގެ ބަނޑުގައިވާ ދަރިފުޅަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި، މި އަދަދު ދަށްކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް މާބަނޑު ދުވަސްވަރު ކެފެއިން ބޭނުންކުރެވޭނެ ރައްކާތެރި މިންވަރެއް ނެތް ކަމަށް ބުނާ ސައިންސްވެރިންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން އަންނަކަން ފާހަގަ ކޮށްލެވެ އެވެ.
ސައިންސްވެރިން މިހާރު ބުނަނީ މީގެ ކުރިން ކޮށްފައިވާ ގިނަ ދިރާސާތައް އަމާޒުކޮށްފައި ހުރީ ވަރަށް ގިނައިން ކޮފީ ބޯ މީހުންނަށް ކަމަށް ވިޔަސް އާދައިގެ ވަރަކަށް ނުވަތަ މަދުން ކޮފީ ބޯ މީހުންގެ ބަނޑުގައި އޮންނަ ދަރިންނަށް ވެސް ގެއްލުންތައް ލިބޭކަން މިހާރު ޔަގީން ކުރެވޭ ކަމަށެވެ. މާބަނޑުއިރު އެއްވެސް މިންވަރަކަށް ކޮފީ ބުއިމަކީ އަދި ކެފެއިން އެކުލެވޭ އެއްޗެތި ބޭނުން ކުރުމަކީ ދަރިފުޅު ނުރައްކަލަށް ހުށަހެޅުން ފަދަ ކަމެކެވެ.
ރޮޗެސްޓާ ޔުނިވަސިޓީގެ ސައިންސްވެރިން ކުރި ދިރާސާގައި ނުވަ އަހަރާ 10 އަހަރާ ދެމެދުގެ އެތައް ހާސް ކުދިންނެއްގެ ސިކުނޑީގެ ސްކޭންތައް އެނަލައިޒް ކޮށްފައި ވެއެވެ. އަދި ބެލިބެލިތަކުން ހާމަވެފައިވާ ގޮތުގައި ރަހިމުގައި އެ ކުއްޖާ އޮތްއިރު ކެފެއިންގެ އަސަރު ކޮށްފައިވާ ކުދިންގެ ސިކުނޑީގެ ސްޓްރަކްޗާއަށް ބަދަލުތަކެއް އައިސްފައި ވެއެވެ. މީގެ ސަބަބުން ކުދިންގެ މިޒާޖަށް ނޭދެވޭ ބަދަލުތައް އައުމާއި، ސަމާލުކަން ދޭން ދަތިވުން، ހައިޕައެކްޓިވިޓީ ފަދަ މައްސަލަތަކުގެ އަލާމާތްތައް މި ސްކޭންތަކުން ފެނިފައި ވެއެވެ. އަދި ރިސާޗަރުން ވަނީ މި ކުދިން އޮބްޒާވްކޮށް ކުދިންގެ ސިކުނޑިއަށް އައިސްފައިވާ ބަދަލުތަކުން އެކުދިންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެފައި ކަމަށް ފެބްރުއަރީ 2021 ގެ ސްޓަޑީގައި ބުނެފައި ވެއެވެ.
މާބަނޑު ދުވަސްވަރު ކެފެއިން އެކުލެވޭ އެއްޗެތި ބޭނުން ކުރުމުން ތަފާތުތައް އަންނަ ސަބަބަކީ ކޮބައި ހެއްޔެވެ؟ ކެފެއިން އަކީ ސެންޓްރަލް ނާވަސް ސިސްޓަމް ސްޓިމިއުލަންޓް އެކެވެ. އަދި މި އަސަރުތައް މުޅި ހަށިގަނޑަށް ވެސް ފޯރުވާނެ އެވެ. މީގެ ތެރޭގައި މާބަނޑު މީހުންގެ ބަނޑުގައި އޮންނަ ދަރިފުޅާ ގުޅިފައި އޮންނަ މަސް (ޕްލެސެންޓާ) ވެސް ހިމެނެ އެވެ. އަދި ކެފެއިންގެ އަސަރު މާބަނޑު ދުވަސްވަރު ހަށިގަނޑުގައި ޕްރޮސެސް ވާލެއް ލަހެވެ. މީގެ މާނައަކީ ކޮފީއެއް ބޯލުމުން ނުވަތަ ކެފެއިން އެކުލެވޭ އެއްޗެއް ބޭނުން ކޮށްލުމުން މާބަނޑު މީހެއް ނަމަ އޭނާގެ ހަށިގަނޑުގައި ދައުރުވާ ލޭގައި ކެފެއިން މާ ގިނައިރު ވަންދެން ދައުރު ވޭވޭ ހުންނާނެ އެވެ.
ކެފެއިން ކްލިއަރެންސް ނުވަތަ ކެފެއިން ނެތިގެން ދިއުން ވެސް އެކި މީހުންގެ ހަށިގަނޑުގައި ތަފާތެވެ. އެއްބައިމީހުންގެ ހަށީގަނޑުގައި ކެފެއިން މެޓަބޮލައިޒްކޮށްލާލެއް މާ އަވަހެވެ. އަނެއް ބަޔެއްގެ މި ޕްރޮސެސް ވަރަށް ލަހެވެ.
ޕްލެސެންޓާއަކީ ބަނޑުގައި އޮންނަ ކުއްޖާއަށް އަމްބިލިކަލް ކޯޑު (ފޫޅުދަނޑި) ގެ ޒަރިއްޔާއިން ކާނާއާއި އޮކްސިޖަން ފޯރު ކޮށްދިނުމަށް މަސްއޫލިއްޔަތު އަދާކުރާ އެއްޗެކެވެ. ކެފެއިން އަށް ފަސޭހައިން ޕްލެސެންޓާ އާ ހަމަޔަށް ވާސިލުވެވޭތީ މާބަނޑު މީހާ ކޮފީއެއް ބޯލުމުން ނުވަތަ ކެފެއިން އެކުލެވޭ އެއްޗެއް ބޭނުންކޮށްލުމުން ސީދާ ތުއްތުކުއްޖާ އަށް މި ކެފެއިންގެ އަސަރު ފޯރަ އެވެ.
ސައިންސްވެރިން ބުނާ ގޮތުގައި އުފެދެމުންދާ ތުއްތު ކުއްޖާގެ ކިބައިގައި ވެސް އަދި ޕްލެސެންޓާގައި ވެސް ކެފެއިން ފުރިހަމައަށް ޕްރޮސެސްކުރަން ބޭނުންވާ އެންޒައިމެއް ނުހުރެ އެވެ. އެހެންވީމާ މާބަނޑު މީހުން ކެފެއިން ބޭނުންކުރުމުން ކުއްޖާއަށް ލިބޭ ގެއްލުން ބޮޑުވެ ކުޑަވުން ބިނާވަނީ އޭނާގެ ކިބައިގައި ކެފެއިން ކްލިއަރެންސްގެ ގާބިލިއްޔަތު ހުރި މިންވަރަކަށެވެ.
ސައިންސްވެރިން އިތުރަށް ފާހަގަ ކުރި ގޮތުގައި ކެފެއިންގެ ސަބަބުން ބަނޑުގައިވާ ދަރިފުޅަށް ލޭ ސަޕްލައިކުރާލެއް ވެސް މަދުވެ އެވެ. މި ކުއްޖާގެ ހެދިބޮޑުވުމަށް ވެސް ހުރަސް އެޅޭނެ ކަމެކެވެ. އަދި ފީޓަލް ސްޓްރެސް ހޯމޯން އުފެއްދުމަށް މައްސަލަތައް ދިމާވެ އުފަންވާ ކުދިން މާ ޅަފަތުގައި އާދަޔާޚިލާފަށް ފަލަވުމަށް މެދުވެރިވާ ސަބަބަކަށް ވެސް ކެފެއިން ވެދާނެ އެވެ.
ފަލަބައްޔަކީ ހިތުގެ މައްސަލަތަކާއި ހަކުރުބައްޔަށް އިންސާނާ ވަރަށް ފަސޭހައިން ހުށަހެޅޭ ސަބަބެކެވެ. ވަރަށް ސްޓްރޯންގް ކޮފީ ބޯން އާދަވެފައިވާ އަންހެނެއް ނަމަ ސައިންސްވެރިން ލަފާ ދެނީ ކުއްޖަކު ހޯދަން ޚިޔާލުކުރާ ހިސާބުން ފެށިގެން ވެސް ކެފެއިން މަދުކުރަން ވިސްނުމަށެވެ. ދުވާލަކު ހަތަރު ތަށި ފަސް ތަށި ކޮފީ ބޯ މީހުން މަދު މަދުން މި މިންވަރު މަދުކުރަމުން ދިއުމެވެ. ކޮފީ ތައްޓަށް ކޮފީ އަޅާ މިންވަރު މަދުކޮށްގެން ނަމަވެސް ކެފެއިން ބޭނުންކުރާ ވަރު މަދުކުރަމުން ގޮސް ބަލިވެ އިންނަ އިރު މުޅިން ހުއްޓާ ލެވޭ ވަރަށް ކޮފީ ބުއިން ކޮންޓްރޯލް ކުރުމަށެވެ. ސަބަބަކީ ކުއްލިއަކަށް ހުއްޓާލައިފިނަމަ އޭގެ ސަބަބުން ވެސް ބައެއް މީހުންނަށް އުނދަގޫތައް ކުރިމަތިވާތީ އެވެ.