ސިނަމާލެ ބްރިޖާއި، އެ ބްރިޖާއި ގުޅިފައިވާ ހައިވޭއަކީ ދައުލަތުގެ ބޮޑު ހޭދައެކެވެ. ދިވެހިން އުންމީދު ކުރަމުން އައި ގޮތަށް ބްރިޖާއި ހައިވާ ހުޅުވީ 46 މިލިއަން ރުފިޔާ ހަރަދުކޮށް ހަވާ އަރުވައިގެނެވެ. އަދި ހަވާ އެރުވީވެސް އެކަން ކުރުމުގެ ދުނިޔޭގެ ރިކޯޑް އޮންނަ ބަޔަކު ގެނެސްގެނެވެ.
ޗައިނާއިން 200 މިލިއަން ޑޮލަރުގެ ބޮޑު ލޯނެއް ނަގައިގެން ހަމަ އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ސީސީސީސީ އިން ބްރިޖާއި ހައިވޭ ތަރައްގީކޮށް ނިންމާލީ 30 މަސްދުވަހުގެ މަސައްކަތުންނެވެ. އެއީ ރާއްޖޭގައި މިވަގުތު ފެންނަން ހުރި އެންމެ ބޮޑު އިންފްރާސްޓްރަކްޗާ އެވެ.
ބްރިޖާއި ހައިވޭ ތަރައްގީކޮށްފައި ވަނީ އެހެން ގައުމުތަކުގައިވެސް އެފަދަ ތަރައްގީތައް ހުރި މިންގަޑުގަ އެވެ. ބްރިޖާއި ހައިވޭ ހުޅުވި ފަހުން އެކްސިޑެންޓްތައް ގިނަ ނުރައްކާތެރިކަން އިންތިހާއަށް ދިއުމުގެ ސަބަބުން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހިން ވަނީ ހެލްމެޓް އަޅަން ފަށާފަ އެވެ.
ބްެރިޖް ހުޅުވި ފަހުން އެތައް އެކްސިޑެންޓެއް ހިގައި ހުޅުމާލޭ އާއި މާލެ ގުޅުވައިދޭ ހައިވޭގެ ވަރުގަދަ ދަގަނޑު ފެންސާއި ރޯޑް ޑިވައިޑަރުތައް އެތަކެއް ފަހަރު މަތީން ވަނީ ފުޑުފުޑުވެފަ އެވެ.
ހައިވޭގެ ފެންސާއި ރޯޑް ޑިވައިޑަރުތައް ހަލާކުވި އެކްސިޑެންޓުތައް
- 30 އޮކްޓޫބާ 2018: އެޗްޑީސީ ވޭނެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ފެންސުގައި ޖެހި ބޮޑު ބައެއް ހަލާކުވި
- 16 ޖެނުއަރީ 2019: ލޮރީއެއް ކޮންޓްރޯލް ނުވެ ހައިވޭ ރޯޑް ޑިވައިޑާތަކުގައި ޖެހި ވަނީ ހަލާކުވެފައި
- 18 ފެބްރުއަރީ 2019: ކާރެއް ކޮންޓޮރޯލް ނުވެ ފެންސު ފަޅައިގެން ގޮސް ހޮޅިދަނޑި އެއްގައި ޖެހުނު
- 19 ފެބްރުއަރީ 2019: ޓެކްސީ އެއް އެކްސިޑެންޓުވެ ޑިވައިޑަރުތަކުގެ ބޮޑު ބައެއް ހަލާކުވި
- 9 މޭ 2019: ހުޅުމާލެއިން މާލެ ދިޔަ ވޭނެއް އެކްސިޑެންޓުވެ ޑިވައިޑަރުތަށް ހަލާކުވި
މިއިން އެއްވެސް އެކްސިޑެންޓަކަށް ބަދަލު ނަގާފައެއް ނުވެއެވެ. އަދި އެ އެކްސިޑެންޓްތަކުގެ ގެއްލުމުގެ ބަޔަށް ފިޔަވަޅު އެޅި ކަން ނުވަތަ ނޫން ކަމެއް ވެސް ސާފެއް ނުވެއެވެ. ސަރުކާރުން ހަމައެކަނި ކޮށްލި ކަމަކީ އެކްސިޑެންޓުތަކުގައި ހަލާކުވި ޑިވައިޑަރުތަށް އެއްފަރާތް ކޮށްލުމެވެ.
އެކްސިޑެންޓްތަކުގައި ފެންސަށް ގެއްލުނު ލިބުނު ބައިތައް އެ ހުރި ގޮތަކަށް ދޫކޮށްލާފައި ހުރީ އެވެ. ރޯޑް ޑިވައިޑަރުތަކުން ހުރި ބަޔަށްވުރެ މިހާރު ބޮޑީ ޑިވައިޑަރުތައް ނެތް ބައެވެ. އެއިން އެއްވެސް ދިމާއެއް އަލުން މަރާމާތުކޮށްފައެއް ނުވެ އެވެ.
ބްރިޖާއި ހައިވޭ މެއިންޓެންސްކޮށް ދެ އަހަރު ދުވަހަށް ޗައިނާ ސަރުކާރުން ބަލަހައްޓާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، މިހާރު އޮތް ހާލަތަށް ހައިވޭ ގޮސްފައި އެވަނީ ކޮންމެވެސް ބައެއްގެ އިހްމާލު އޮވެގެންނެވެ. މިއީ މިހާރު ކޮންމެ ވަގުތަކު އެތަކެއް ސަތޭކަ ދިވެހިން ބޭނުންކުރަމުން އަންނަ ހައިވޭ އެކެވެ.
ހައިވޭ މަތީގައި ގިނަ އެކްސިޑެންޓްތަކެއް ހިނގައި ރޯޑް ޑިވައިޑަރުތަށް އެކަށް ސުންނާފަތިވެގެން ދިޔައިރު މިހާތަނަށް އެކަމާ އަޅައި ނުލައި އޮތް އޮތުމަކީ ބަލައިގަންނަން ފަސޭހަ ކަމެއް ނޫނެވެ.