ޓެކްސީ މީޓަރު އެޕްލިކޭޝަން ފޯރުކޮށްދޭން ބޭރުގެ ތިން ފަރާތަކާއެކު ފަސް ފަރާތަކުން އެކަމަށް ކުރިމަތިލައިފި އެވެ.
ޓްރާންސްޕޯޓް އެންޑް ސިވިލްއ އޭވިއޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ރާއްޖޭގެ ޓެކްސީތަކުގައި ފުރަތަމަ މީޓަރު ހަރުކުރަން ކުރަމުން ގެންދާ މަސައްކަތުގައި ޓެކްސީ ތަކުން ނަގާނެ އަގު ވެސް ފައިނަލްވެފައިވާ ކަމަށާ ނަމަވެސް އަގުތައް އާއްމު ކުރާނީ އެޕްލިކޭޝަންއާއެކުގައި ކަމަށެވެ.
މީޓަރު އެޕްލިކޭޝަން ފޯރުކޮށްދޭން ރާއްޖޭގެ ފަރާތްތަކުގެ އިތުރުން ބޭރުގެ ބައެއް ފަރާތްތަކުން ކުރިމަތިލާފައިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
"އެ އެޕްލިކޭޝަން ފޯރުކޮށްދޭން ހުޅުވާލުމުން ޖުމްލަ 21 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި. މީގެ ތެރެއިން ފަސް ފަރާތަކުން ވަނީ ކުރިމަތިލާފައި. އޭގެ ތެރޭގައި ރާއްޖޭގެ ދެ ފަރާތަކާއި ބޭރުން ތިން ފަރާތެއް ވެސް ހިމެނޭ،" އެކަމަނާ ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ޓެކްސީތަކުގައި މީޓަރު ހަރުކޮށް މި މަހުގެ ފަހުކޮޅު ބޭނުން ކުރަން ފަށާނެ ކަމަށެވެ. މިނިސްޓަރު މިއަދު ވެސް ވިދާޅުވީ މި މަހުގެ ފަހުކޮޅު ބޭނުން ކުރަން ފެށޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މި މަސައްކަތަށް ކުރިމަތިލާފައި ވަނީ ސްރީލަންކާގެ ތިން ފަރާތަކާއި ދިވެހި ދެ ފަރާތަކުން ކަމަށެވެ.
"މި މަސް ނިމުމުގެ ކުރިން ފައިނަލްކޮށް، އެއްބަސްވުންތަކުގައި ސޮއި ކުރެވޭނެ. މި ހިދުމަތް ދޭން އެއް ފަރާތަކަށް ހަވާލެއް ނުކުރާނެ. ކްރައިޓީރިއާ ފުރިހަމަވީ ވަރަކަށް ކޮމްޕެޓިޝަން އިތުރު ކުރަން ވީހާ ވެސް ގިނަ ބަޔަކު ޝާމިލް ކުރާނެ. ޓެކްސީ މީޓަރުގެ އަގުތައް އިއުލާނު ކުރުން ލަސްވެގެން ދިޔައީ ވީހާވެސް ގިނަ ބައެއްގެ ހިޔާލު ހޯދަން ވެގެން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެޕްލިކޭޝަން ތަކަކީ ސީދާ ރާއްޖެ އަށް ތައްޔާރު ކޮށްފައިވާ ޓެކްސީ އެޕްލިކޭޝަން ތަކެއް ކަމަށެވެ.
ޓެކްސީ އިން ނަގާ އަގުތައް ބޮޑުވެ ހިދުމަތުގެ ފެންވަރު ދަށްވެ، އާއްމުންގެ ޝަކުވާ ބޮޑުވުމުގެ ސަބަބުން ޓެކްސީތަކުގައި ބޭނުން ކުރަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް "މޮބައިލް އެޕްލިކޭޝަން" ތަކެއް ތައާރަފު ކުރި އެވެ. ނަމަވެސް ޓެކްސީ ޑްރައިވަރުންގެ މަސައްކަތުން އެ ހިދުމަތް ވަނީ ފެއިލްކޮށްލާފަ އެވެ. އަދި މާލެ އާއި ހުޅުމާލެ ބްރިޖުން ގުޅާލުމާއެކު ޓެކްސީ ޑްރައިވަރުން ދަނީ އަމިއްލަ އަށް އަގެއް ހަދައި އަގު ނަގަމުންނެވެ. މިކަމުގެ ސަބަބުން އަނެއްކާ ވެސް އާއްމުންގެ ޝަކުވާ ބޮޑުވުމާއެކު މި ސަރުކާރުން ވަނީ ޓެކްސީތަކުގައި މީޓަރު ހަރުކުރަން ނިންމި އެވެ.