ސިނަމާލެ ބްރިޖް ހުރަސްކޮށް މާލެ-ހުޅުލެ އަދި މާލެ-ހުޅުމާލެއަށް ކުރާ ޓެކްސީ ދަތުރަކުން ނެގޭނެ އެންމެ މަތީ އަގު ޓްރާންސްޕޯޓް އޮތޯރިޓީއިން މިއަދު އާންމު ކޮށްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އިން އާންމު ކުރި އިއުލާނެއްގައި ބުނި ގޮތުގައި، މާލެއިން އެއާޕޯޓަށް އަދި އެއާޕޯޓުން މާލެއަށް، އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް ކުރާ ޓެކްސީ ދަތުރުތަކުން އެންމެ ބޮޑު އަގުގެ ގޮތުގައި ނެގޭނީ، 35 ރުފިޔާ އެވެ. އަދި ހުޅުމާލެއިން މާލެއަށް ކުރާ ޓެކްސީ ދަތުރުތަކުން ނެގޭނީ 40 ރުފިޔާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. މިހާރު ޓެކްސީތަކުން ހުޅުމާލެއަށް ދަތުރު ކުރަނީ، 150-200 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.
ރޭގަނޑު 12:00 އިން ހެނދުނު 6:00 އާ ދެމެދު ކުރާ ދަތުރުތަކުން ދަތުރުފީގެ އިތުރަށް އިތުރު ފަސް ރުފިޔާ ނެގޭނެ ކަމަށް ޓްރާސްޕޯޓް އޮތޯރިޓީ އިން ވަނީ ހަމަޖައްސައިފަ އެވެ. އަދި ޑިކީއަށް އެއްޗިހި ލާ ނަމަ، ދަތުރުފީގެ އިތުރަށް ފަސް ރުފިޔާގެ ނެގޭނެ ކަމަށް ވެސް ހަމަޖެއްސި އެވެ. އެ އަދަދުތަކަށް ވުރެ އިތުރަށް މީހުން އަތުން ފައިސާ ނެގުމަކީ މަނާކަމެކެވެ.
ޓްރާސްޕޯޓް އޮތޯރިޓީއިން އާންމުކުރި އަގު ލިސްޓްގައިވާ ގޮތުގައި، ސައިކަލް ޓެކްސީތަކަށް މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ދަތުރެއް ކުރެވޭނީ 20 ރުފިޔާއަށެވެ.