ޓެކްސީގެ ހިދުމަތް

ޓެކްސީގައި ލަވަ ޖެހޭނީ ފަސިންޖަރުގެ ރުހުމާއެކު

އަޑު ނުކުންނަ އެއްވެސް އާލާތެއް ފަސިންޖަރުންގެ ހުއްދަ އާއި ނުލައި ޓެކްސީތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ޓެކްސީ ގަވާއިދަށް އިސްލާހެއް ގެނެސްފި އެވެ.

ޓެކްސީ ގަވާއިދަށް ގެނައި އިސްލާހުގައި ބުނަނީ ރޭޑިއޯ، ޓީވީ އަދި ލަވަޖަހާ ސެޓު ފަދަ ތަކެތި ޓެކްސީގައި ބޭނުން ކުރެވޭނީ ފަސިންޖަރުންގެ ރުހުން ލިބިގެން ކަމަށެވެ. އަދި އެނޫން ގޮތަކަށް އެފަދަ ތަކެތީގެ ބޭނުން ކުރުމަކީ މަނާ ކަމެއް ކަމެކެވެ.

އެ އިސްލާހުގައި ޓެކްސީ ސެންޓަރާއި ޓެކްސީގެ ހިދުމަތް ދޭ އުޅަނދާ ދެމެދު ޓްރާންސްޕޯޓް އޮތޯރިޓީ ހުއްދަ ކުރާ މުއާސަލާތީ ނިޒާމެއް ގާއިމްކޮށްފައި ހުންނަން ޖެހޭ ކަމަށް ބުނެ އެވެ. އެ ނިޒާމަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ނަގާންޖެހޭ ނިޒާމެއްނަމަ، އެ ހުއްދައެއް ނެގުމަށްފަހު ޓްރާންސްޕޯޓް އޮތޯރިޓީ އަށް ހުށަހަޅަން ވެސް ޖެހެ އެވެ.

"... ޓްރާންސްޕޯޓް އޮތޯރިޓީ ހުއްދަ ކުރާ މުއާސަލާތީ ނިޒާމެއް ކަމަށް ބުނެފައި އެވަނީ އިންޓަނެޓް ފަދަ ވަސީލަތެއް މެދުވެރިކޮށް ބޭނުންކުރާ މުއާސަލާތީ ނިޒާމު ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ފްރިކްއެންސީއެއް ރަޖިސްޓާ ކުރާން ނުޖެހޭ ކޮންމެ ނިޒާމަކަށެވެ." ޓެކްސީ ގަވާއިދަށް ގެނެވުނު އިސްލާހުގައި ވެއެވެ.

މިއަދުން ފެށިގެން ޓެކްސީ ކުރާ ފަރާތްތަކުން މި ގަވާއިދާ އެއްގޮތަށް އަމަލުކުރަން ޖެހެ އެވެ.