ހަބަރު

ކޯޓުގައި އަގު މަތިކޮށްދޭން ޓެކްސީ ޑްރައިވަރުން ނޭދޭ

ޓެކްސީތަކާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއިން ނެރުނު އާ އުސޫލާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އަގު މަތިކުރަން ނުވަތަ ބަދަލުކުރަން އެދިފައިނުވާ ކަމަށް ބުނެފި އެވެ.

ޑްރައިވާސް އެސޯސިއޭޝަންގެ ފަރާތުން ސިވިލް ކޯޓަށް އިއްޔެ މައްސަލަ ހުށަހެޅީ އާ އުސޫލަށް އަމަލު ކުރުން ފަސްކުރުމަށް އެދި ވަގުތީ އަމުރެއް ހޯދުމަށެވެ. އެ އަމުރަކީ ޓެކްސީއަށް އަލަށް ކަނޑައެޅި އަގުތައް މަތި ކުރަން އެދޭ އަމުރެއް ކަމަށް މައުލޫމާތު ފެތުރިފައިވެ އެވެ.

ނަމަވެސް އެ މައްސަލާގައި އުޅުއްވާ ވަކީލް ވިދާޅުވީ މައްސަލާގައި ޓެކްސީގެ އަގަށް ޗެލެންޖްކޮށްފައި ނުވާނެ ކަމަށެވެ. އެ މައްސަލަ ހުށަހެޅީ މިނިސްޓްރީގެ އުސޫލުގައި ފަރުވާ ނުލިބޭ އެތައް ކަމެއް ހުރުމުން އޭގެ ހައްލު ހޯދުމަށް ކަމަށެވެ.

"މިސާލެއްގެ ގޮތުން ބުނާނަމަ އިއުލާންގައި ނެތް ޕާޓީތަކަށް ނޫނީ ވޯޓުލާ ދުވަސް ދުވަހު މީހުން ޓެކްސީ ގަޑިއިރަށް ނޫނީ ހަ ގަޑިއިރަށް ނަގާ ހާލަތްތަކުގައި ހަދާނެ ގޮތެއް، އޭރުން ކިތަންމެ ގިނަ ސްޓޮޕެއް ހެދިޔަސް ނޫނީ ކިތަންމެ ރައުންޑެއް ޖެހިޔަސް ޗާޖް ކުރަނީ އެއް ގަޑިއިރަށް 110 ރުފިޔާ، މިހާރު އިން ގޮތުން ކޮންމެ ސްޓޮޕަކަށް 25 ރުފިޔާ ނަގަން އެބަ ޖެހޭ،" ވަކީލް ވިދާޅުވި އެވެ.

ވަކީލް އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ޓެކްސީ ގަވައިދުގައިވާ ގޮތުން ޓެކްސީތައް އޮޕަރޭޓް ކުރަނީ ގަވައިދާ އެއްގޮތަށް ސާފުތާހިރުކަމާއެކުތޯ ބެލުން ފަދަ ޒިންމާތައް ސެންޓަރުތަކަށް އެބަހުރި ކަމަށާއި ނަމަވެސް އެޕް ބޭނުންކޮށްގެން ހިދުމަތް ދޭނަމަ ސެންޓަރުން އަދާ ކުރަމުންދިޔަ ޒިންމާތައް ނަގަން ޖެހޭނީ ކޮން ބައެއް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

"އެކަހަލަ ސާފު ނުވާ ބައިވަރު ކަންކަން އެބަހުރި، އެހެންވެ މަޑުޖައްސާލަން އެދުނީ އަމަލު ކުރުން،" ވަކީލް ވިދާޅުވި އެވެ.

ޓެކްސީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަގު ހެޔޮ ކުރުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެވޭނެ އަގުތަކެއް ކަނޑައަޅައި އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ދޭން ތިން ފަރާތަކަށް ހަވާލުކޮށްފަ އެވެ.

އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ދޭން ހަވާލުކޮށްފައިވަނީ "އަވަސް ރައިޑް" އާއި "އެއައީ" އަދި ސްރީލަންކާގެ "ޕިކްމީ" އަށެވެ. އަދި މާލެ ސަރަހައްދުގައި ހިދުމަތް ދޭން އަގުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މާލެ އާއި ހުޅުލެއަށް 60 ރުފިޔާ އަދި ހުޅުމާލޭން ހުޅުލެ އަށް 60 ރުފިޔާގެ އިތުރުން މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ އެތެރޭގައި 25 ރުފިޔާ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މި ބަދަލު ގެނައުމުގެ ކުރިން ޓެކްސީ ޑްރައިވަރުންނާ މަޝްވަރާ ވެސް ކޮށްފަ އެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ފޯރަމެއް ވެސް ބާއްވާފައި ވެއެވެ. އިއްޔެ ޓެކްސީ ޑްރައިވަރުން ވެސް ވަނީ އަގާމެދު ހިތްހަމަނުޖެހުމެއް ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް މިއަދު ބައެއް ޓެކްސީތަކުން އާ އަގަށް ދަތުރުކޮށް ދިނުމަށް ދެކޮޅު ހަދަ އެވެ.