ޓްރާންސްޕޯޓް މިނިސްޓްރީން އަލަށް އެކުލަވާލި ގަވާއިދުގައިވާ އަގުތަކަށްވުރެ ބޮޑު އަގުތަކެއްގައި ޓެކްސީތަކުން ދަތުރު ކުރޭތޯ ބެލުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ މަތީ އަގުތަކުގައި ޓެކްސީ ދަތުރުތަށް ކުރޭތޯ ބަލައި އަގޮބޮޑުކޮށް ދަތުރުކުރާ ޑްރައިވަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. ޓްރާންސްޕޯޓުން ވަނީ މިދިޔަ ހަފްތާގައި މާލޭ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުތައް ކަނޑައަޅައި އިއުލާންކޮށްފަ އެވެ.
އެގޮތުން މާލެ ސަރަހައްދުގައި ހިދުމަތް ދޭން އަގުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މާލެ އާއި ހުޅުލެއަށް 60 ރުފިޔާ އަދި ހުޅުމާލޭން ހުޅުލެ އަށް 60 ރުފިޔާގެ އިތުރުން މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ އެތެރޭގައި 25 ރުފިޔާ އެވެ.
މީގެ އިތުރުން، ޓެކްސީގެ ޑިކީއަށް އަރުވާ ދާގީނާއަކަށް ވެސް ކަނޑައެޅި އަގުތަކަށް ވުރެ އިތުރަށް ފައިސާއެއް ނެގުމަކީ މަނާކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޓެކްސީތަކަށް އަންގާފަ އެވެ. އަދި މާލެ ތެރޭގައާއި ހުޅުމާލެ ތެރޭގައި ކުރާ ދަތުރުތަކަށް ނަގާނީ 25 ރުފިޔާ ކަމަށް މިނިސްޓްރީގެ އިއުލާންގައިވެ އެވެ. ނަމަވެސް، ރޭގަނޑު 12:00 އިން ފެށިގެން ހެނދުނު 6:00 އާހަމައަށް ކުރާ ދަތުރުތަކުގައި އިތުރު ފަސް ރުފިޔާ ނެގިދާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ވަނީ ބުނެފަ އެވެ.
އަގުތަކާއި ހިތްހަމަ ނުޖެހެނު ބައެއް ޓެކްސީ ޑްރައިވަރުން ވަނީ ޓްރާންސްޕޯޓުން ކަނޑައެޅި އަގުތަކާ އެއްވަރަށް ދަތުރު ކޮށްދޭން ދެކޮޅު ހަދާ އިހްތިޖާޖު ކުރަން ނިންމާފަ އެވެ. އަދި ޓެކްސީ ކުރުމުގެ އަގުތަކާ ގުޅޭ ގޮތުން ސިވިލް ކޯޓަށް މައްސަލަވެސް ހުށަހަޅާފަ އެވެ. ނަމަވެސް ޓްރާންސްޕޯޓުން އަގުތައް ކަނޑައަޅާފައިވަނީ ޓެކްސީ ޑްރައިވަރުންނާ މަޝްވަރާ ކުރުމަށްފަހު އެވެ.
ޓެކްސީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި މިނިސްޓްރީން ވަނީ ޓެކްސީ އެޕްލިކޭޝަނެއް ވެސް ތައާރަފްކޮށްފަ އެވެ. އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ދޭން ހަވާލުކޮށްފައިވަނީ "އަވަސް ރައިޑް" އާއި "އެއައީ" އަދި ސްރީލަންކާގެ "ޕިކްމީ" އަށެވެ.