ޓެކްސީގެ ހިދުމަތް

ޕްރައިވެޓް ކާރުތަކަށް ޓެކްސީ ކުރުމުގެ ހުއްދަ ދޭން ނިންމައިފި

މާލޭ ސަރަހައްދަށް ރަޖިސްޓްރީ ކޮށްފައިވާ ކާރުތަކުގެ ވެރި ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް ހަޔާގެ ގޮތުގައި ޓެކްސީ ކުރުމުގެ ހުއްދަ ބޭނުންވާ ފަރާތްތަކަށް ޓެކްސީ ކުރުމުގެ ހުއްދަ ދޭން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޕްރައިވެޓް ހަޔާގެ ގޮތުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން، އެ ފަރާތެއްގެ ލައިސަންސް ކާޑާއި އައިޑީ ކާޑުގެ ކޮޕީ އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިއްހީ ފަރުވާ ދޭ ތަނަކުން ދޫކޮށްފައިވާ މެޑިކެލް ސެޓްފިކެޓް ޓްރާންސްޕޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ޕްރައިވެޓް ކާރުތަކަށް ޓެކްސީ ކުރުމުގެ ހުއްދަ ދޭން ޓްރާންސްޕޯޓުން ނިންމީ މާލޭ ސަރަހައްދުގައި ރަޖިސްޓްރީ ކޮށްފައިވާ ޓެކްސީތަކުގައި ޓެކްސީ އެޕްލިކޭޝަން ބޭނުންކުރަން ފެށުމަށް ދީފައިވާ ދެ މަސް ދުވަހުގެ މުއްދަތު ބާތިލް ކުރުމަށްފަހު، މާލޭ ސަރަހައްދަށް އަލަށް ރަޖިސްޓްރީ ކުރާ ޓެކްސީ ތަކުގައި ޓެކްސީ އެޕްލިކޭޝަން ހުންނަން ޖެހޭ ގޮތަށް ކަނޑައެޅުމަށް ފަހު އެވެ. އެހެންކަމުން ޕްރައިވެޓް ހަޔާ ތަކުގައި ވެސް ޓެކްސީ އެޕްލިކޭޝަން ހުންނަން ޖެހޭނެ އެވެ.

ޓެކްސީ އެޕްލިކޭޝަންގެ ގޮތުގައި ބޭނުންކުރުމަށް ޓްރާންސްޕޯޓުން ނިންމީ ތިން އެޕްލިކޭޝަނެކެވެ. އެއީ އަވަސް ރައިޑް، އެއައީ އަދި ޕިކްމީ އެވެ. ޓެކްސީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަގު ހެޔޮ ކުރުމުގެ ގޮތުން ޓްރާންސްޕޯޓުން ވަނީ މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެވޭނެ އަގުތަކެއް ވެސް ކަނޑައަޅާފަ އެވެ. އެ އަގުތަކަކީ މާލެ އާއި ހުޅުލެއަށް 60 ރުފިޔާ އަދި ހުޅުމާލޭން ހުޅުލެ އަށް 60 ރުފިޔާގެ އިތުރުން މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ އެތެރޭގައި 25 ރުފިޔާ އެވެ.

މި އަގުތަކާއި ހިތްހަމަ ނުޖެހެނު ބައެއް ޓެކްސީ ޑްރައިވަރުން ވަނީ ޓްރާންސްޕޯޓުން ކަނޑައެޅި އަގުތަކާ އެއްވަރަށް ދަތުރު ކޮށްދޭން ދެކޮޅު ހަދާ އިހްތިޖާޖު ކުރަން ނިންމާފަ އެވެ. އަދި ޓެކްސީ ކުރުމުގެ އަގުތަކާ ގުޅޭ ގޮތުން ސިވިލް ކޯޓަށް މައްސަލަވެސް ހުށަހަޅާފަ އެވެ. ނަމަވެސް ޓްރާންސްޕޯޓުން އަގުތައް ކަނޑައަޅާފައިވަނީ ޓެކްސީ ޑްރައިވަރުންނާ މަޝްވަރާ ކުރުމަށްފަހު އެވެ.