ވިލިމާލޭގައި ދުއްވާ ބެޓަރީ އުޅަނދުތައް މާލެ ސިޓީ ކައުންސިލްގައި ރަޖިސްޓްރީވުމަށް އަންގައިފި އެވެ.
މާލެ ސިޓީ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާތީ، ވިލިމާލޭގައި ދުއްވާ ބެޓެރި ވަހިކަލްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާ ކަމަށެވެ.
ބެޓެރި އުޅަނދުތައް މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީކޮށް ނިންމުމަށް ވެސް އަންގާފައިވެ އެވެ.
މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ރަޖިސްޓްކުރެވޭނެ ގޮތް ވެސް ކައުންސިލުން ވަނީ ހަމަޖައްސައިދީފަ އެވެ.
މާލެ ސިޓީ ކައުންސިލުން އިތުރަށް ބުނީ ބެޓަރި އުޅަނދުތައް ރަޖިސްޓްރީވުމަށް މިހާރު ދީފައިވާ މުއްދަތުގެ ފަހުން ވިލިމާލެއަށް އަރުވާ ބެޓެރި ވެހިކަލްތައްވެސް ކައުންސިލްގައި ގަވައިދުން ރަޖިސްޓްރީ ކުރަން ވާނެ ކަމަށެވެ.
ތެޔޮ އަންދައިގެން ދުއްވާ އެއްވެސް ބާވަތެއްގެ އެއްގަމު އުޅަނދެއް ވިލިމާލޭގައި ދުއްވުމަކީ މަނާ ކަމެކެވެ. ވިލިމާލޭގައި ދުއްވަން ހުއްދަ ދީފައިވާ ބެޓަރީ ސައިކަލްތައް ވެސް މިފަހުން އެ އަވަށުގައި ވަރަށް ބޮޑަށް އިތުރުވެ ބައެއް އާންމުން އެކަމާ ޝަކުވާ ކުރެ އެވެ.