ވިލިމާލެ

ސިޓީ ކައުންސިލްގެ ބަގީ ދަތުރަކަށް ދެ ރުފިޔާ

Mar 2, 2023

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ފެށުމަށް ތައްޔާރުވެފައިވާ ބަގީ ދަތުރުތަކުގެ އަގުތައް ކަނޑައަޅައިފި އެވެ.

ބަގީ ހިދުމަތުން ނަގާނެ އަގުތައް މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 91 ވަނަ ރަސްމީ އާންމު ޖަލްސާއަށް ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެވެ.

ބަގީ ދަތުރަކަށް ނެގުމަށް ނިންމީ ދެ ރުފިޔާ އެވެ.

ސްކޫލު ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންނާއި އުމުރުން ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންގެ އިތުރުން އެންސްޕާގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބަގީގައި ހިލޭ ދަތުރު ކުރެވޭނެ އެވެ.

އޭގެ އިތުރުން "ޕްރައިވެޓް ހަޔާ" ގެ ގޮތުގައިވެސް ބަގީ ދަތުރު ކުރެވޭއިރު ބަގީ "ޕްރައިވެޓް ހަޔާ" ކުރާނަމަ ނަގާ އަގު ތަފާތެވެ. އެގޮތުން ހަތަރު ސީޓުގެ ބަގީއަކަށް ހަ ރުފިޔާ ނަގާއިރު ހަ ސީޓުގެ ބަގީއަކަށް 10 ރުފިޔާ އަދި 12 ސީޓުގެ ބަގީއަކަށް 15 ރުފިޔާ ނެގުމަށް ވަނީ ނިންމާފަ އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމަށް މާލޭ ސިޓީ ކައުންސިލުން ތައްޔާރުވެފައިވާއިރު އެމްޓީސީސީ އިން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މެދުވެރިކޮށް ވިލިމާލޭގައި ވަނީ ބަހުގެ ހިދުމަތް ފަށާފަ އެވެ.

ވިލިމާލޭގައި އެމްޓީސީސީ އާރްޓިއެލް މެދުވެރިކޮށްދޭ ބަހުގެ ހިދުމަތަށް ނަގަނީ ފަސް ރުފިޔާ އެވެ.

ބަހުގައި ދަތުރުކުރާ އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރުކުރެވެ އެވެ.