މާލޭ ސިޓީ ކައުންސިލް

ވިލިމާލޭގައި މިމަހު 16ގައި ބަގީ ހިދުމަތް ފަށަނީ

Mar 8, 2023

ވިލިމާލޭގައި މިމަހުގެ 16 ވަނަ ދުވަހު ބަގީގެ ހިދުމަތް ފެށުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ ބަގީތައް އަންނަ ބުރާސްފަތި ދުވަހު ވިލިމާލެއަށް ގެންދާނެ ކަމަށެވެ. އަދި އޭގެ އެއް ހަފްތާ ފަހުން މިމަހުގެ 16 ވަނަ ދުވަހު ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ފަށާނެ ކަމަށް ވިދާޅުވި އެެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމަށް މާލެ ސިޓީ ކައުންސިލުން ވަނީ 10 ބަގީ ރާއްޖެ ގެނެސްފަ އެވެ.

މުއިއްޒު ވިދާޅުވީ ބަގީގެ ހިދުމަތް ފެށުމަށްފަހު ކުޑަ އީދު ފެށެންދެން ބަގީ ދަތުރުތައް ކުރިއަށް ގެންދާނީ ހިލޭ ކަމަށެވެ. ނަމަވެސް ޕްރައިވެޓް ހަޔާ -- އަމިއްލަ ބޭނުންތަކަށް ބަގީ ނަގާނަމަ އަގެއް ނެގުމަށް ވަނީ ނިންމާފަ އެވެ.

"ބަގީ ރޫޓުގައި ކުރާ ދަތުރުތައް ފިތުރު އީދު ނިމެންދެން އޮންނާނީ ހިލޭ،" މުއިއްޒު ވިދާޅުވި އެވެ.

ބަގީ ދަތުރުތަކަށް ދެ ރުފިޔާ ނެގުމަށް މާލެ ސިޓީ ކައުންސިލުން ކުރިން ވަނީ ނިންމާފަ އެވެ. ޕްރައިވެޓް ހަޔާގެ ގޮތުގައި ބަގީ ނެގޭނީ ހަތަރު ސީޓްގެ ބަގީއަކަށް 6 ރުފިޔާ، ހަ ސީޓްގެ ބަގީއަކަށް 10 ރުފިޔާ އަދި 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމަށް މާލޭ ސިޓީ ކައުންސިލުން ތައްޔާރުވަމުންދާއިރު އެމްޓީސީސީ އިން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މެދުވެރިކޮށް ވިލިމާލޭގައި ވަނީ ބަހުގެ ހިދުމަތް ފަށާފަ އެވެ. އެމްޓީސީސީ އާރްޓިއެލް ބަހުގެ ހިދުމަތަށް ނަގަނީ ފަސް ރުފިޔާ އެވެ.

ބަހުގައި ދަތުރުކުރާ އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރުކުރެވެ އެވެ