އަހުމަދު އުޝާމް

ގުޅުން ނެތް ކަމަށް ވިދާޅުވެ އުޝާމްގެ ކަންބޮޑުވުންތައް އޮއްސާލައިފި

މާލެ ސިޓީގެ މޭޔަރާއި ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ވިލިމާލެ ދާއިރާގެ ކައުންސިލަރާއި ބައްދަލުކޮށް މަޝްވަރާ ކުރައްވަން ކުރެއްވި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ބޮޑެތި ކަންބޮޑުވުންތަކާއެކު އުދާސްތައް ބޭރުކޮށްލައްވައިފި އެވެ.

އުޝާމް ކަންބޮޑުވުން ފާޅުކުރެއްވީ ސިޓީ ކައުންސިލުން ވިލިމާލެ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލްވުމުގައެވެ.

ހިޔާލުފާޅުކުރުމަށް ހުޅުވާލި ފުރުސަތުގަައި ވާހަކަ ދައްކަވަމުން އުޝާމް ފުރަތަމަވެސް ވިދާޅުވީ ރޭގެ ބައްދަލްވުމާއި ގުޅިގެން ރަސްމީ އެއްވެސް ދައުވަތެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އަދި ބައްދަލްވުން އޮތްކަން އެނގިވަޑައިގެންނެވީވެސް އާންމުންގެ މީހަކު ފޮނުވި މެސެޖަކުން ކަމަށެވެ. އެކަން އެނގިވަޑައިގަތުމުން މަޝްވަރާ ކޮށްލެއްވުމަށް މޭޔަރު މުއިއްޒުއަށް ފޯނުން މެސެޖެއް ފޮނުއްވި ނަމަވެސް މެސެޖް ބެއްލެވުމަށް ފަހު ޖަވާބުވެސް ނުދެއްވާ ކަމަށް ވިދާޅުވިއެވެ.

އަދި ބައްދަލްވުމަށް ވަޑައިގެން ވާހަކަ ދެއްކެވުމަށް މަސައްކަތް ކުރެއްވުމުން އެކަންވެސް ކާމިޔާބު ނުވި ކަމަށެވެ. އުޝާމް ވިދާޅުވީ އެއްބަޔަކު އަނެއް ބަޔަކާއި ރަހުމަތްތެރިވެ އެކުވެރި ކަމާއެކު ނޫނީ މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

"މި ބައްދަލްވުމަށް އައުމުގެ ކުރީން މި ބައްދަލްވުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްލުމަށް މޭޔަރު މުއިއްޒުއަށް އަޅުގަނޑު މެސެޖެއް ކޮށްލިން. މެސެޖް ކިޔުއްވާފައި ރިޕްލައިއެއް ނުކުރައްވާ. މިތަނަށް އައިސް މޭޔަރު މުއިއްޒުއާ ވާހަކަ ދެއްކުމަށްޓަކައި އަޅުގަނޑު މަސައްކަތް ކުރިން. ކާމިޔާބެއް ނުވި. މިތަނުން ދޮރުން ވަންނަމުން މިތާންގައި ތިއްބެވި ދެތިން ކައުންސިލަރުންނާއި އަޅުގަނޑު ވާހަކަ ދެއްކިން. ހުރި ކަމަށްވެސް ނުހެދި. އަނގައިންވެސް ނުބުނި. ދަންނަވަން މިއުޅެނީ ވާހަކައަކީ އަޅުގަނޑުމެންގެ ސިޔާސީ ފިކުރު އެއްގޮތް ނުވިކަމުގައިވީނަމަވެސް ސިޔާސީ ގޮތުން ހިޔާލުތަފާތުވީނަމަވެސް އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔަކާއި ވާހަކަ ދެއްކެން ޖެހޭނޭ. އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމު ކުރަންޖެހޭނޭ،" އުޝާމް ވިދާޅުވިއެވެ.

އުޝާމްގެ ވާހަކަތަކަށް ރައްދު ދެއްވާ މުއިއްޒު ވިދާޅުވީ ވިލިމާލެ ފެރީގެ ނިޒާމާ ގުޅޭގޮތުން ނޫނީ އުޝާމް މެސެޖެއް ނުކުރައްވާ ކަމަށާ އެ މެސެޖަށް ޖަވާބުވެސް ދެއްވި ކަމަށެވެ.

"އެ ނޫން ކަމެއްގައި ވިލިމާލޭގެ ތަރައްގީއާ ގުޅޭ ކަމެއްގައި އަޅުގަނޑަކާއި ނެތް މަޝްވަރާ ކުރައްވާފައެއް،"

އަދި ރޭގެ ބައްދަލްވުމާއި ގުޅޭގޮތުން ކުރެއްވި މެސެޖަށް ޖަވާބު ނުދެވި އޮތުމަކީ އިހުމާލެއް ނަމަ މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން މަސައްކަތް ކުރާނީ ރައްޔިތުންގެ މަޖިލީހުގެ މާލޭ ތަމްސީލު ކުރައްވާ މެންބަރުންނާއި ގުޅިގެން ކަމަށެވެ. ކުރީ ރޭ ގަލޮޅުގެ ރައްޔިތުންނާއެކު ބައްދަލްވުން ކުރިއަށް ގެންދިޔައިރު އެ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އެކި ކަންކަމުގައި އަބަދުވެސް މަޝްވަރާ ކުރައްވާ ކަމަށް ވިދާޅުވެ މުއިއްޒު ވަނީ މިސާލުވެސް ދައްކަވާފައެވެ.

"އަޅުގަނޑަކަށް ޕާޓީއެއް މުހިންމެއް ނޫން. އަޅުގަނޑަށް މުހިންމީ ރައްޔިތުންނަށް ހިދުމަތް ކުރުން. ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކައުންސިލްގައިވެސް މަސައްކަތް މި ކުރަނީ ޕާޓީއަކަށް ބެލުމެއް ނެތި. ހުރިހާ ކައުންސިލަރުން އެއް ޓީމެއްގެ ގޮތުގައި،"

މެންބަރު އުޝާމް ރޭ ވަނީ ސިޓީ ކައުންސިލުން ވިލިމާލެއާމެދު ގެންގުޅޭ ތަސައްވުރާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އުޝާމް ވިދާޅުވީ އެ އަވަށުގައި ދިހަ ބުރިއަށް އިމާރާތް ކުރުމާއި ގުޅޭގޮތުން އޭނާވެސް ހައުސިން މިނިސްޓްރީއާ މަޝްވަރާ ކުރެއްވި ކަމަށެވެ. ނަމަވެސް އެފަދަ ބޮޑު ނިންމުމެއް އައުމުގެ ކުރީން ވަރަށް ބޮޑަށް ބަލާ ދިރާސާ ކުރަންޖެހޭ ކަަމަށެވެ. އެގޮތުން މާލެއަށް މިހާރުވެފައި އޮތް ގޮތާއި ހުޅުމާލެއަށް ވަމުންދާ ގޮތުން ވިލިމާލޭގެ އާބާދީ ބޮޑުވުމުން ހިދުމަތްތަކަށްވާނެ ގޮތް ދެނެގަނެ އެކަންކަމަށް ހައްލު ހޯދަން ޖެހޭ ކަމަށެވެ.

"އެހެންވީމަ ވިލިމާލެގައި 10 ބުރީގެ އިމާރާތް ކުރުމުގެ ހުއްދަ ދިނުމުގެ ކުރީން އަޅުގަނޑުމެން އެބަޖެހޭ އިލެކްޓްރިކްސިޓީގެ މައްސަލަ ހައްލު ކުރަން އަދި ފެނާ ނަރުދަމާގެ މައްސަލަވެސް ހައްލުކުރަން. އެހެން ކަމުން ޕްލޭނިން މިނިސްޓްރީއަށް ތި ބޭފުޅުން ޕްލޭން ހުށައަޅުއްވާއިރުގައި އެކަންތައްތަކާއި ކޮންމެވެސް ވަރަކަށް ވިސްނަވާލައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،"

އުޝާމް ވިދާޅުވީ ބަޖެޓް ފާސްކުރާ ގޮތާއި ސަރުކާރު ހިންގާ ގޮތް މުއިއްޒުއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި މިހާރު ރާވާފައިވާ ހުރިހާ މަސައްކަތެއްވެެސް ކުރިއަށް ގެންދެވޭނީ ފައިސާ ލިބިގެން ކަމަށްވީއިރު ކައުންސިލުން ބޭނުންވާ މިންވަރަށް ސަރުކާރުގެ ތެރެއިން ފައިސާ ނުލިބޭނެ ކަމަށެވެ.

ޕްލޭނެއް ހަދާއިރު މަޖިލީސްތެރެއިން ބަޖެޓްގައި އެކަންކަން ހިމަނަން މަސައްކަތް ކުރުމަކީ އޭނާގެ ޒިންމާއަކަށްވީއިރު ސިޓީ ކައުންސިލުން އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ހިތާމައާއެކު ދަންނަވަން މިވަރުގެ ބޮޑު ޕްލޭނެއް ތި ބޭފުޅުން ތައްޔާރު ކުރެއްވި އިރުގައި މި ދާއިރާގެ އެމްޕީއެއްގެ ގޮތުގައި އަޅުގަނޑު ހުރިއިރުގައި އެންމެ ކުޑަ މިނުން އަޅުގަނޑު ކައިރީ ހޭވެސް އަހައެއް ނުލާ. އަޅުގަނޑު ހިޔާލެއްވެސް ހޯދާނުލާ. ސަރުކާރުން ސިޓީ ކައުންސިލަށް ބަޖެޓެއް ދޭއިރުގައި ސީލިންއެއް ކަނޑައަޅާފައި އޮންނަކަން ތިބޭފުޅުންނަށް ހަމަ ކަނޑައެޅިގެން އެނގިވަޑައިގަންނަވާނެ. ތިބޭފުޅުން ހުށައަޅުއްވާ ހުރިހާ ކަމަކަށް ބަޖެޓަށް ފައިސާއެއް ލިބިވަޑައިނުގަންނަވާނެ. އެހާލަތުގައި ރައްޔިތުންގެ މަޖިލީހުން އެކަންކަން ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަކީ އެއީ އަޅުގަނޑުގެ ޒިންމާއެއް. އަޅުގަނޑަށް އެ ޒިންމާ އަދާކުރެވޭނީ ތިބޭފުޅުންވެސް އެއްބާރުލުން ދެއްވައިގެން،" އުޝާމް ވިދާޅުވިއެވެ.