މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން 50،000 ގެއަށް ކޮތަޅު ބަހަނީ

މާލެ ސިޓީގެ 50،000 ގެއަށް ރީޔޫސަބަލް ކޮތަޅު ބެހުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭގެ އިތުރުން ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް 50،000 ގެއަށް ކޮތަޅު ބެހުމަށް ނިންމިކަން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ އެ ކައުންސިލްގެ ޖަލްސާގަ އެވެ.

މޭޔަރު ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ކޮތަޅު ބަހަން ނިންމީ ގިނަ ބައެއްގެ މަޝްވަރާއާއެކު އެވެ.

މާލޭ ސިޓީ ކައުންސިލުން ކޮތަޅު ބެހުމަށް ނިންމާފައި މިވަނީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ފަށާފައި ވަނިކޮށެވެ.

މާލޭ ސިޓީ ކައުންސިލުން ނިންމާފައިވަނީ 25 ކޮތަޅު ހިމެނޭ ރީޔޫސަބަލް ކޮތަޅު ޕެކު ހެދުމަށެވެ. މިކަމަށް ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށާފައިވަނީ އެޕްރީލް 18 ވަނަ ދުވަހުން ފެށިގެންނެވެ.