މާލޭގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް ހޮވިއްޖެ އެވެ.
މާލެ ސިޓީ ކައުންސިލްގައި މޭޔަރާއި އެކު 19 ކައުންސިލަރުން ތިއްބަވަ އެވެ.
ކައުންސިލަރުންގެ މެދުގައި މިއަދު ނެގި ވޯޓުގައި ނަރީޝް އަށް 12 ވޯޓު ލިބިވަޑައިގެންފައިވެ އެވެ. ނަރީޝްއާ ވާދަ ކުރެއްވި މައްޗަށް ގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު އަހްމަދު ޒަމީރަށް ލިބިވަޑައިގަތީ ހަތް ވޯޓެވެ.
ޕީޕީއެމްގެ ފަރާތުން ޑެޕިއުޓީ މޭޔަރަކަށް ހޮވާނެ ބޭފުޅަކު ކަނޑައެޅުމަށް މާލޭގެ ޕީޕީއެމްގެ ކައުންސިލަރުންގެ މެދުގައި އިއްޔެ ނެގި ވޯޓު ވެސް ކާމިޔާބު ކުރެއްވީ ނަރީޝް އެވެ.
ޕީޕީއެމްގެ އެތެރޭގައި ބޭއްވި އިންތިހާބުގައި ނަރީޝްއާ ވާދަ ކުރެއްވީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު އާއި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އެވެ. އެތެރޭގެ އިންތިހާބު ނަރީޝް ކާމިޔާބު ކުރެއްވީ ފަސް ވޯޓުންނެވެ. ޝުޖާއު އާއި ނަހުލާ އަށް ލިބިވަޑައިގަތީ ހަތަރު ވޯޓެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތަށް މާލޭގެ ޑެޕިއުޓީ މޭޔަރު މިއަދު ހޮވާފައި ވަނީ ކައުންސިލް މެމްބަރުންގެ ސިއްރު ވޯޓުންނެވެ. ޑެޕިއުޓީ މޭޔަރުންނަށް މުސާރައާއި އެލަވަންސްގެ ގޮތުގައި 35،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.