ހަބަރު

އަގު ބަދަލު ކުރުން ހުއްޓުވަން ޓެކްސީ ޑްރައިވަރުން ވަގުތީ އަމުރަކަށް އެދިއްޖެ

މާލެ ސަރަހައްދުގައި ޓެކްސީ ބޭނުން ކުރަން އަލަށް ކަނޑައެޅި އަގުތަކަށް އަމަލު ކުރުން ހުއްޓުވަން ޑްރައިވާސް އެސޯސިއޭޝަންއިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ޑްރައިވާސް އެސޯސިއޭޝަންގެ ވަގުތީ ރައީސް އަބުދުﷲ އިބްރާހިމް ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް އަމަލު ކުރުން ހުއްޓުވަން ވަގުތީ އަމުރެއް ހޯދަން މިއަދު ހެނދުނު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޓެކްސީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަގު ހެޔޮ ކުރުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެވޭނެ އަގުތަކެއް ކަނޑައަޅައި އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ދޭން ތިން ފަރާތަކަށް ހަވާލުކޮށްފަ އެވެ.

އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ދޭން ހަވާލުކޮށްފައިވަނީ "އަވަސް ރައިޑް" އާއި "އެއައީ" އަދި ސްރީލަންކާގެ "ޕިކްމީ" އަށެވެ. އަދި މާލެ ސަރަހައްދުގައި ހިދުމަތް ދޭން އަގުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މާލެ އާއި ހުޅުލެއަށް 60 ރުފިޔާ އަދި ހުޅުމާލޭން ހުޅުލެ އަށް 60 ރުފިޔާގެ އިތުރުން މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ އެތެރޭގައި 25 ރުފިޔާ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މި ބަދަލު ގެނައުމުގެ ކުރިން ޓެކްސީ ޑްރައިވަރުންނާ މަޝްވަރާ ވެސް ކޮށްފަ އެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ފޯރަމެއް ވެސް ބާއްވާފައި ވެއެވެ.

ނަމަވެސް، މި ބަދަލާމެދު ހިތްހަމަ ނުޖެހިގެން މިދިޔަ ހޮނިހިރު ދުވަހު ވަނީ ބައެއް ޑްރައިވަރުންގެ ޝަކުވާ ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅާފަ އެވެ. ނަމަވެސް މިނިސްޓްރީން ވަނީ އަގުތަކަށް ބަދަލު ނުގެންނާނެ ކަމަށް ބުނެފަ އެވެ.