ހަބަރު

ޕްރައިވެޓް ކާރުތަކަށް ޓެކްސީ ކުރެވޭނީ ހުއްދައާއެކު: ޓްރާންސްޕޯޓު

ޕްރައިވެޓް ކާރުތަކަށް ޓެކްސީ ކުރެވޭނީ ހުއްދަ އާއެކު ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އޮތޯރިޓީން ހުއްދަ ދީފައިވާ މޯބައިލް އެޕްލިކޭޝަނެއްގައި ރަޖިސްޓްރީވެ ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހުގައި ނޫނީ ޕްރައިވެޓް ކާރުތަކަށް ޓެކްސީ ނުކުރެވޭނެ ކަމަށެވެ. އަދި، ހުއްދަތަށް ނުނަގާ ޓެކްސީ ކުރުމަކީ މަނާ ކަމެއް ކަމަށް އިއުލާން ކޮށްފައިވެ އެވެ.

އިތުރަށް ބުނެފައިވަނީ، ގަވައިދާ ހިލާފަށް ޕްރައިވެޓް ޓެކްސީ ކުރާ ފަރާތްތައް ޖޫރި މަނާ ކުރާނެ ކަމަށެވެ.

"މިއާ ހިލާފަށް ދަތުރުކުރާ ފަރާތްތައް އެއްގަމު ދަތުރުފަތުރު ގާނޫނު 5/2009ގެ ފަސް ވަނަ މާއްދާގެ ރ ގެ ދަށުން 750 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ވާހަކަ ދަންނަވަން،" އިއުލާނުގައިވެ އެވެ.

ޕްރައިވެޓް ކާރުތަކަށް ޓެކްސީ ކުރުމުގެ ހުއްދަ ދޭން ޓްރާންސްޕޯޓުން ނިންމީ މާލޭ ސަރަހައްދުގައި ރަޖިސްޓްރީ ކޮށްފައިވާ ޓެކްސީތަކުގައި ޓެކްސީ އެޕްލިކޭޝަން ބޭނުންކުރަން ފެށުމަށް ދީފައިވާ ދެ މަސް ދުވަހުގެ މުއްދަތު ބާތިލް ކުރުމަށްފަހު، މާލޭ ސަރަހައްދަށް އަލަށް ރަޖިސްޓްރީ ކުރާ ޓެކްސީ ތަކުގައި ޓެކްސީ އެޕްލިކޭޝަން ހުންނަން ޖެހޭ ގޮތަށް ކަނޑައެޅުމަށް ފަހު އެވެ. އެހެންކަމުން ޕްރައިވެޓް ހަޔާ ތަކުގައި ވެސް ޓެކްސީ އެޕްލިކޭޝަން ހުންނަން ޖެހޭނެ އެވެ.

ޓެކްސީ އެޕްލިކޭޝަންގެ ގޮތުގައި ބޭނުންކުރުމަށް ޓްރާންސްޕޯޓުން ނިންމީ ތިން އެޕްލިކޭޝަނެކެވެ. އެއީ އަވަސް ރައިޑް، އެއައީ އަދި ޕިކްމީ އެވެ.

ޓެކްސީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަގު ހެޔޮ ކުރުމުގެ ގޮތުން ޓްރާންސްޕޯޓުން ވަނީ މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެވޭނެ އަގުތަކެއް ވެސް ކަނޑައަޅާފަ އެވެ. އެ އަގުތަކަކީ މާލެ އާއި ހުޅުލެއަށް 60 ރުފިޔާ އަދި ހުޅުމާލޭން ހުޅުލެ އަށް 60 ރުފިޔާގެ އިތުރުން މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ އެތެރޭގައި 25 ރުފިޔާ އެވެ.

މި އަގުތައް ކަނޑައަޅާފައިވީ ނަމަވެސް، މާލެ ސަރަހައްދުގައި ބޮޑު އަގުގައި ޓެކްސީ ކުރާ ކަމަށް އެ އޮތޯރިޓީ އަށް ޝަކުވާ ލިބޭ ކަމަށްވެސް މިއަދު އިއުލާން ކޮށްފައި ވެ އެވެ. އަދި، އަންގާފައިވާ އަގުތަކަށްވުރެ ބޮޑު އަގުތައް ނަގާނަމަ 750 ރުިފޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި މި މައްސަލައިގައި ޝަކުވާ އެއް އޮތް ނަމަވެސް ހިއްސާ ކުރުމަށް ވަނީ ޓްރާންސްޕޯޓުން އެދިފަ އެވެ.

އެގޮތުން، އުޅަނދުގެ މައުލޫމާތު ދަތުރުގެ ތަފްސީލާއެކު އަދި ފަސިންޖަރުގެ މައުލޫމާތާއި ނަމާއި އެޑްރެސް އަދި އައިޑީކާޑު ނަންބަރުވެސް ޕޮލިހާ ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.

މި އަގުތަކާއި ހިތްހަމަ ނުޖެހެނު ބައެއް ޓެކްސީ ޑްރައިވަރުން މީގެ ކުރިން ވަނީ ޓްރާންސްޕޯޓުން ކަނޑައެޅި އަގުތަކާ އެއްވަރަށް ދަތުރު ކޮށްދޭން ދެކޮޅު ހަދާ އިހްތިޖާޖު ކުރަންވެސް ނިންމާފަ އެވެ. ނަމަވެސް ޓްރާންސްޕޯޓުން އަގުތައް ކަނޑައަޅާފައިވަނީ ޓެކްސީ ޑްރައިވަރުންނާ މަޝްވަރާ ކުރުމަށްފަހު އެވެ.