ހަބަރު

އާ ގަވާއިދާ މެދު ޓެކްސީ ޑްރައިވަރުން ނުރުހިއްޖެ!

Aug 4, 2019
12

މާލެ ސަރަހައްދުގައި ޓެކްސީ ބޭނުން ކުރަން އަލަށް ކަނޑައެޅި އަގުތަކާއި އާ ގަވާއިދާ މެދު ޓެކްސީ ޑްރައިވަރުން ނުރުހުން ފާޅުކޮށް ޝަކުވާ ކުރަން ފަށައިފި އެވެ.

ޓެކްސީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަގު ހެޔޮ ކުރުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެވޭނެ އަގުތަކެއް ކަނޑައަޅައި އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ދޭން ތިން ފަރާތަކަށް ހަވާލުކޮށްފަ އެވެ.

އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ދޭން ހަވާލުކޮށްފައިވަނީ "އަވަސް ރައިޑް" އާއި "އެއައީ" އަދި ސްރީލަންކާގެ "ޕިކްމީ" އަށެވެ. އަދި މާލެ ސަރަހައްދުގައި ހިދުމަތް ދޭން އަގުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މާލެ އާއި ހުޅުލެއަށް 60 ރުފިޔާ އަދި ހުޅުމާލޭން ހުޅުލެ އަށް 60 ރުފިޔާގެ އިތުރުން މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ އެތެރޭގައި 25 ރުފިޔާ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މި ބަދަލު ގެނައުމުގެ ކުރިން ޓެކްސީ ޑްރައިވަރުންނާ މަޝްވަރާ ވެސް ކޮށްފަ އެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ފޯރަމެއް ވެސް ބާއްވާފައިވެ އެވެ.

ނަމަވެސް، މި ބަދަލާމެދު ހިތްހަމަ ނުޖެހިގެން މިއަދު ވަނީ ބައެއް ޑްރައިވަރުންގެ ޝަކުވާ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހަޅާފަ އެވެ. ފައިން ޓެކްސީގެ ވެރިޔާ އަހުމަދު ޝިހާދު ވިދާޅުވީ ޓެކްސީގެ އަގުތައް ކަނޑައަޅާފައިވަނީ އެ މީހުންގެ ބަހެއް ހޯދުމެއް ނެތި ކަމަށެވެ.

"އަގު ތަކާ މެދު ހަގީގަތުގައި ހިތްހަމައެއް ނުޖެހޭ. އަނެއްކާ ހަމައެކަނި އެޕްލިކޭޝަން އިން ހިދުމަތް ދެވޭނެ ގޮތަށް އޮތުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. މީގެ ހައްލަކީ މީޓަރު ޓެކްސީގައި ހަރު ކުރުން. މީޓަރު ހަރުކޮށް އެއަށް ރަނގަޅު އަގެއް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތް،" 1414 ޓެކްސީ ސެންޓަރުގެ ވެރިޔާ، ޝިހާދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޓެކްސީގެ އެޕްލިކޭޝަންގައި ހިދުމަތް ދިނުމުގައި ވެސް ކަންބޮޑުވުން ތަކެއް އެބަހުރި ކަމަށެވެ.

"ބޭރު ބަޔަކު ހިދުމަތް ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. މައްސަލައެއް ނެތް ދިވެހި ބައެއް ނަމަވެސް. އަނެއްކާ ޕްރައިވެޓް މީހުންނަށް ހިދުމަތް ހޯދޭ ގޮތަށް އޮތުމަކީ ވެސް ކަންބޮޑުވާ ކަމެއް. އެ މީހުން އެއްވެސް ގަވާއިދެއް ނެތް. ޓެކްސީ ޑްރައިވަރުން މި ޖެހެނީ ޓްރެއިނިންގްތައް ހަދާ އެތައް ކަމެއް ކުރަން،" ޝިހާދު ވިދާޅުވި އެވެ.

އެހެން ޓެކްސީ ޑްރައިވަރަކު ބުނީ 60ރ. އާއި 75ރ. އަކީ އެކަށީގެންވާ އަގެއް ނޫން ކަމަށެވެ.

"އަންނަ އަހަރު ހުޅުމާލެ ދެވަނަ ފިޔަވަހި ހުޅުވާނެ. އެހެންވީމަ އައިޖީއެމްއެޗު ސަރަހައްދުން ނަގައިގެން މީހަކު ގޮވައިގެން 75ރ. އަށް ދެވަނަ ފިޔަވައްސާ ހަމަ އަށް ދާން ޖެހުމަކީ ވާނެ ކަމެއް ތޯ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.