ޓްރާންސްޕޯޓް އޮތޯރިޓީ

އަންނަ މަހު ޓެކްސީ މީޓަރު ބޭނުން ކުރާނެ: ޓްރާންސްޕޯޓް

އަންނަ ޖުލައި މަހުގެ ތެރޭގައި ޓެކްސީތަކުގައި މީޓަރު ބޭނުން ކުރަން ފަށާނެ ކަމަަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހިދާޔާ ނަސީރު މިއަދު ވިދާޅުވީ، ޓެކްސީތަކުތައި މީޓަރު ބޭނުން ކުރަން ފަށާނީ ޖުލައި މަހު ފަހުކޮޅު ގައި ކަމަށެވެ. ޓެކްސީ ހިދުމަތުގައި ބޭނުން ކުރާނެ އެޕްލިކޭޝަން ހަދަން ހުޅުވާލުމުން ހުށަހެޅި ޕްރޮޕޯޒަލްތައް ބެލުމަށްފަހު ރަނގަޅު ހުށަހެޅުމެއް ހޮވާނެ ކަމަށެވެ.

މީޓަރުގެ ގޮތުގައި ޓެކްސީތަކުން ބޭނުން ކުރަން ޓްރާންސްޕޯޓުން ނިންމާފައީ ވަނީ މޮބައިލް އެޕްލިކޭޝަނެކެވެ.

މިނިސްޓްރީން މިހާރު ވަނީ ޓެކްސީ މީޓަރުގެ އަގުތައް ވެސް ކަނޑައަޅައިފަ އެވެ. ޖެނުއަރީ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެފައިވަނީ، މީޓާ ޓެކްސީގައި ދަތުރު ފަށާނީ 25 ރުފިޔާއިން ކަމަށެވެ. އަދި މީޓާ ހުރި ނަމަވެސް މާލޭގެ ތެރޭގައި ނަމަ ކޮންމެ ދަތުރަކަށް ވެސް ނަގަނީ 25 ރުފިޔާ ކަމަށެވެ.

ނަމަވެސް މި އަގުތަކަށް ބަދަލުތަކެއް އައުން އެކަށީގެންވެ އެވެ. ޑެޕިއުޓީ މިނިސްޓަރު ހިދާޔާ ވިދާޅުވީ، އެޕްލިކޭޝަންގެ މައުލޫމާތުތަކާއެކު އަގުތައް އިއުލާނު ކުރާނީ އަންނަ މަހުގައި ކަމަށެވެ.

ޓެކްސީ ތަކުގައި މީޓަރު ހަރުކުރާނެ ކަމަށް އިއުލާން ކުރީ މިދިޔަ ޖެނުއަރީ މަހު 10 ވަނަ ދުވަހު އެވެ. އެއީ މާލެ އާއި ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ، ސިނަމާލެ ބްރިޖު ހުޅުވުމުން ބްރިޖް ހުރަސްކޮށް ކުރާ ދަތުރުތަކަށް ޓެކްސީ ޑްރައިވަރުން އެކަށީގެން ނުވާ އަގުތައް ނަގަން ފެށުމުންނެވެ.