މާލޭ ސަރަހައްދުގައި ދުއްވާ ޓެކްސީތަކުގެ އަގު ކަނޑައެޅުމުގެ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް މިރޭ ބޭއްވި ފޯރަމްގައި ޓެކްސީ ޑްރައިވަރުންނާއި އާންމުންގެ މެދުގައި ތަފާތު ހިޔާލުތަކާއި ޝުއޫރުތަކެއް ފާޅުކޮށްފި އެވެ.
ޓެކްސީ އަގުތަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ދަރުބާރުގޭގައި މިރޭ ޓްރާންސްޕޯޓުން ބޭއްވި ފޯރަމްގައި ގިނައިން ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކާފައި ވަނީ ޓެކްސީ ޑްރައިވަރުންނެވެ. ޓެކްސީގެ ހިދުމަތް ހޯދާ މީހެއްގެ ހައިސިއްޔަތުން ދެތިން މީހަކު ވާހަކަދައްކާފައިވާ އިރު 15 ވަރަކަށް ޓެކްސީ ޑްރައިވަރުން ވަނީ ފޯރަމްގައި ވާހަކަދައްކާފަ އެވެ.
އެގޮތުން ހިޔާލު ފާޅު ކުރި ހުރިހާ ޓެކްސީ ޑްރައިވަރުން ވެސް ވަނީ މާލެ ހުޅުލެ އަދި ހުޅުމާލެއަށް ދަތުރު ކުރާ ނަމަ 100 ރުފިޔާގެ މަގުން އަގު ނަގަން ޖެހޭ ކަމަށް ބުނެފަ އެވެ. ބައެއް ފަރާތްތަކުން ބުނި ގޮތުގައި ބްރިޖާއި ހައިވޭ ހުރަސްކޮށް ހުރާ އެ ދަތުރުތަކަށް 100 ރުފިޔާާ ވެސް މަދެވެ. އޭގެ ގިނަ ސަބަބުތަކެއް ވެސް ޓެކްސީ ޑްރައިވަރުން ބުންޏެވެ.
މާލޭގައި މިދިޔަ 15 ވަރަކަށް އަހަރު ޓެކްސީ ދުއްވާ ޑްރައިވަރަކު ބުނި ގޮތުގައި ކުރިއައި މިހާރާ އަޅާ ބަލާއިރު ކާބޯތަކެއްޗާއި ދިރިއުޅުމުގެ ހަރަދާއި ޕެޓްރޯލަށް ހިނގާ ހަރަދު އެތަށް ގުނަަ އަކުން ވަނީ ބޮޑުވެފަ އެވެ. ނަމަވެސް އެއާ އެއް ހަމައަކަށް ނުވަތަ ދެކޮޅު ޖެހޭ ގޮތަކަށް ޓެކްސީތަކުން ނަގާ އަގުތަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި މިހާރު ދިގު ބްރިޖަކާއި ހައިވޭއެއް ހުރަސް ކުރާއިރު ލިބޭ ފައިސާ މަދު ކުރަން އުޅުމަކީ އިތުރު ގޯހެއް ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު ހަނދާން އެބަހުރި ޓެކްސީ ދަތުރަކަށް 10 ރުފިޔާ ނެގި ޒަމާނެއް، އޭރު 120 ރުފިޔާއަށް އަޑީ ތެޔޮ ހަމެއް ލިބޭ، މިހާރު 25 ރުފިޔާއަށް ދަތުރު ކުރާ އިރު ތެޔޮ އެޅަން 300 އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރަން ޖެހޭ، އެހެންވީމަ އަގުތައް ކަނޑައަޅާއިރު ކޮންމެވެސް ވަރަކަށް ބަލަން ޖެހޭ އަޅުގަނޑުމެން ކުރަން ޖެހޭ ހަރަދުތަކަށް، 100 ރުފިޔާ ނުނަގާ ނަމަ ދަތުރުތައްކޮށްގެން ދެކޮޅެއް ނުޖެހޭނެ،" އޭނާ ބުންޏެވެ.
އެހެން ޑްރައިވަރަކު ބުނީ އަގު ހެޔޮ ކުރަން ނުފެންނަނީ މާލޭގެ މަގުތަކުގެ ހާލަތު އޮތް ގޮތާއި ޓެކްސީ ދުއްވަން ޑްރައިވަރުން ތަހަންމަލު ކުރަން ޖެހޭ ކަންކަމުގެ ސަބަބުން ކަމަށެވެ. އެގޮތުން މެދަކާ ހަމައިން އަނެއް ފަޅިއަށް ދިޔުމަށް ބައެއް ވަގުތުތަކުގައި 40 އަށް ވުރެ ގިނަ މިނެޓު ހިނގާ ކަމަށާއި ނަމަވެސް ނަގަނީ 25 ރުފިޔާގެ މަގުން ކަމަށެވެ. އަދި މަގުތައް އޮތް ގޮތުން ކާރުގެ ބައިބައި ހަލާކުވެ، ބޮޑު ހަރަދެއް އެކަމަށް ވެސް ހިނގާ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން 25 ރުފިޔާ ވެސް މަދު ކަމަށް އޭނާ ބުންޏެވެ.
"ކުރިން އަވަހަށް ހުޅުމާލެ ދާން ކުރާ ހަރަދު ބަލާލަމާ،މާލެއިން ޓެކްސީއަކަށް އަރައިގެން ޓާމިނަލަށް ދާން 25 ރުފިޔާ، ޓާމިނަލުން އަވަސްކޮށްލަން އެކްސްޕެރެސްއަށް 25 ރުފިޔާ، ހުޅުމާލެ ބަސް ލަސްވާނެތީ ހުޅުމާލެ އިން ވެސް ޓެކްސީއަށް ރައިގެން އަނެއްކާ އަނެއް 25 ރުފިޔާ، މިހެން ގޮސް މުޅި ދަތުރު ނިމޭ އިރު މި އޮންނަނީ 100 އަށް ވުރެ ގިނަ ރުފިޔާ ދަތުރަށް ހަރަދު ކުރަން، މިހާރު އެއަށް ވުރެ އަވަހަށް އަދި ފަސޭހައިން ހުޅުމާލެ ދާން 100 ރުފިޔާ ނަގާތީ މައްސަލަތައް ޖައްސާކަށް ނުޖެހޭ، އެއީ ރަނގަޅު އަގެއް،" ޑްރައިވަރަކު ބުންޏެވެ.
ބައެއް ޑްރައިވަރުން ބުނި ގޮތުގައި ޓެކްސީ ދަތުރު 100 ރުފިޔާއަށްކޮށްދޭތީ އެއްވެސް ބަޔަކު މައްސަލައެއް ނުޖައްސަ އެވެ. މިހާތަނަށް ކުރި އެއްވެސް ދަތުރަކުން 100 ރުފިޔާ ނަގައިގެން މައްސަލަ ޖައްސާފައި ނުވާ ކަމަށާއި މައްސަލަ ޖައްސަމުން ދަނީ ޓްރާންސްޕޯޓް މިނިސްޓްރީ އެކަނި ކަމަށް އެ މީހުން ބުންޏެވެ. އަދި ބޮޑަށް ބޭނުމީ 100 އަށް ވުރެ ވެސް ގިނަ ރުފިޔާ ނަގާ ގޮތަށް ގަވައިދު ހެދުން ކަމަށް އެ ޑްރައިވަރުން ބުންޏެވެ.
"އަޅުގަނޑުމެން ދަރިން ސްކޫލަށް ދެއްކުމާއި އެތަށް ހާސް ރުފިޔާ ގޭ ކުއްޔަށް ހަރަދުކޮށްފައި، އަދި ދުވާލުގެ ކެއުމަށް ވަކި ވަރެއް ނަގާފައި، އަދި ޓެކްސީގެ ވެރި މީހާއަށް 300 އެއްހާ ރުފިޔާ ދީފަ 400 ރުފިޔާ ޕެޓްރޯލް އަޅާފައި ދެން ދުވަސް ނިމޭއިރު ކޯއްޗެއް އޮންނާނީ، 100 ރުފިޔާ ނަގާތީ މައްސަލަ ޖައްސާއިރު ވިސްނަން ޖެހޭ އަޅުގަނޑުމެންނަކީ ވެސް ދިވެހި ރައްޔިތުން ކަން، އަޅުގަނޑުމެންގެ ދިރިއުޅުމަށް ވެސް ބަލަން ޖެހޭކަން،" ޑްރައިވަރަކު ބުންޏެވެ.
އާންމުން ބޭނުންވީ މީޓާ ޓެކްސީ
ޓެކްސީތަކުގެ ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން މިރޭގެ ފޯރަމްގައި ހިޔާލު ފާޅު ކުރެއްވީ ވަރަށް މަދު ބައެއްކެވެ. އެހެންކަމުން އެ މީހުންނަށް އިތުރު ވަގުތު ދީގެން ވާހަކަދައްކަން ފުރުސަތު ދިނެވެ. އަދި ޓެކްސީ ހިދުމަތް ބޭނުން ކުރާ މީހެއްގެ ހުރި އިހުސާސްތަކާއި ކަންބޮޑުވުންތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބޭރުކޮށްލި އެވެ.
ހިދުމަތް ހޯދާ މީހެއްގެ ހައިސިއްޔަތުން ވާހަކަދެއްކި ފުރަތަމަ މީހާ ބަންޑުންކޮށްލީ ޓެކްސީ ހިދުމަތާ މެދު އޭނާގެ ހުރި ކަންބޮޑުވުންތަކެވެ. އޭނާ ބުނި ގޮތުގައި ޓެކްސީތަކަށް އަރާއިރު ދުވާ ވަހާއި ޓެކްސީތަކުން އެއް ފަހަރާ އެތަށް ބަޔަކު އަރުވައިގެން ދުއްވަން ހަދައިގެން ދާން ބޭނުންވާ ތަނަަކަށް ގަޑިއަށް ނުދެވެ އެވެ. އަދި ގިނަ ފަހަރަށް ޓެކްސީއަށް އަރުވާނީ ޑްރައިވަރު ބޭނުންވާ ދިމާލަކަށް ދާ މީހުން އެކަނި ކަމަށާއި ކާރުތަކުގެ ފެންވަރު ދަށްކަން ވެސް އޭނާ ފާހަގަ ކުރި އެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ ޓެކްސީތައް މިއަށް ވުރެ ފެންވަރު ރަނގަޅު ވާން ޖެހޭ، މިހާރު ލިބެމުން އަންނަ ހިދުމަތްތަކާ އަޅާ ބަލާފަ 25 ރުފިޔާ ވެސް ބޮޑު، މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ރާއްޖެއިން އެންމެ ބޮޑަށް އަގުތައް މި ނަގަނީ، އެހެންވެ ޓެކްސީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ބްރިޖާއި ހައިވޭ އިން ކުރާ ދަތުރުތަކަށް ވަރަށް ކުޑަ އަގެއް ކަނޑައެޅެން ޖެހޭ،" އޭނާ ބުންޏެވެ.
އެހެން މީހަކު ބުނީ ޓެކްސީ ޑްރައިވަރުން ވެސް ދިރިއުޅުމަށް ކުރާ ކަމަކަށް ވާތީ އެ މީހުންގެ ވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށް އާމްދަނީ ބޭނުންވާނެ ކަން ގަބޫލު ކުރެވޭ ކަމަށެވެ. ނަމަވެސް މި ބަހުސްގައި އެންމެ ރަނގަޅު ގޮތަކަށް ވާނީ ރަނގަޅު ރޭޓެއްގައި މީޓާ ޓެކްސީ ތައާރަފް ކުރުން ކަމަށެވެ. އޭގެ ނަތީޖާއަކަށް އެއްފަހަރާ އެތަށް ބަޔަކު ގޮވައިގެން ދިޔުން ހުއްޓުމާއި މާލެ ތެރޭގައި ވެސް ގިނަ އިރަށް ކުރާ ދަތުރުތަކަށް ޑްރަައިވަރުންނަށް ވެސް ބޭނުންވާ ހައްލެއް ލިބިގެން ދާނެ ކަމަށެވެ. -- މީޓާ ޓެކްސީގެ ހިޔާލު ފާޅު ކުރުމުން ބައެއް ޓެކްސީ ޑްރައިވަރުން ވެސް އަތް ޖެހާ އެކަމަށް ތާއީދު ކުރި އެވެ.
ހިދުމަަތް ހޯދާ ޒުވާނަކު ބުނީ ޓެކްްސީ ހިދުމަތް މިހާރަަށް ވުރެ ފެންވަރު ރަނގަޅު ކުރުމަށް ރެގިއުލޭޓު ކުރެވޭނެ ނިޒާމެއް ތައާރަފް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މީޓާ ޓެކްސީ ތައާރަފްކޮށް، ޑްރައިވަރުން ޔުނިފޯމް ލާން ޖެހޭ ގޮތް ހަދާ، ދުއްވާ މީހާގެ ހުރިހާ މައުލޫމާތެއް ފެންނަ ގޮތަށް ބަހައްޓަން ޖެހޭ ކަމަށެވެ.
"މިތަނުގައި ޓެކްސީ ޑްރައިވަރުން މިނިސްޓަރާއި ޓްރާންސްޕޯޓްގެ އިސް ވެރިން ކުރިމަތީ އަޑުގަދަކޮށްލާއިރު ދެން ވިސްނާލަ އަޅުގަނޑުމެން އާންމު ރައްޔިތުންނަށް ޓެކްސީއަށް އަރާލީމަ އަރުވާލާނެ ވަރު، މިކަން މިއަށް ވުރެ ރަނގަޅަށް ކުރިޔަށް ގެންދަން ޖެހޭ، ހިދުމަތް ރެގިއުލޭޓުކޮށް ތަރައްގީ ކުރަން ޖެހޭ،" އޭނާ ބުންޏެވެ.
ޑްރައިވަރުުންނާއި އާންމުންގެ ހިޔާލު ހޯދުމަށް ފަހު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މިނިސްޓްރީ އިން ހުރިހާ ހިޔާލުތަކެއް ބަލައިގަންނާނެ ކަމަށާއި ޓެކްސީ ޑްރައިވަރުންނަކީ ވެސް އާންމު ރައްޔިތުން ގޮތުގައި ބަލާނެ ކަމަށެވެ. އަދި އަގުތަކާ މެދު ގޮތެއް ކަނޑައަޅާއިރު ހުރިހާ ކަމަކަށް ރިއާޔަތްކޮށް ރަނގަޅު އަގުތަކެއް ކަނޑައަޅުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.