ހަބަރު

ޓެކްސީތަކުގައި އެތެރެ ފެންނަ ބިއްލޫރި ޖަހަން މުއްދަތެއް ދީފި

ޓެކްސީއަށް ބޭނުން ކުރާ ކާރުތަކުގައި އެތެރެ ފެންނަ ބިއްލޫރި ޖަހަން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ޓެކްސީ ކުރާ ފަރާތްތަކަށް އަންގައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އިއުލާނެއް މެދުވެރިކޮށް މިއަދު ބުނީ، ޓެކްސީ ކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގައި ބުނާ ގޮތަށް، ޓެކްސީ ކުރާ އުޅަނދުގެ ބިއްލޫރިގަނޑު ހުންނަން ޖެހޭނީ މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އާދައިގެ ގޮތަކަށް ބަލައިލާއިރު އެ އުޅަނދުގެ އެތެރެ ފެންނަ ގޮތަށް ކަމަށެވެ.

އެ އޮތޯރިޓީއިން މި ގޮތަށް އެންގީ، ގަވާއިދުގައި ބުނާ ގޮތާ ހިލާފަށް ޓެކްސީތަކުގެ އެތެރެ ނުފެންނަ ކަމަށް ފާހަގަ ކުރެވޭތީ އެވެ. ސާފު ބިއްލޫރިއަށް ބަދަލު ކުރުމަށް ޓެކްސީ ކުރާ ފަރާތްތަކަށް އެ އޮތޯރިޓީން ވަނީ މިއަދުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތެއް ވެސް ދީފަ އެވެ.

ކާރުތަކުގައި ކަޅު ބިއްލޫރި ޖަހައިގެން ޓެކްސީ ކުރުން އިތުރު ވެފައިވެ އެވެ.