ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ އިތުރަށް ފައިސާ ނެގި ހަ ޓެކްސީ ޑްރައިވަރުންނެއް ފުލުހުން ޖޫރިމަނާ ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މި ޓެކްސީ ޑްރައިވަރުން ޖޫރިމަނާ ކުރީ މި މަހުގެ ހަތް ވަނަ ދުވަހުން ނުވަ ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއަ އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އެއްގަމު އުޅަނދުފަހަރުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ހަ ޓެކްސީ ޑްރައިވަރުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
ޓްރާންސްޕޯޓުން ވަނީ މިދިޔަ ހަފްތާގައި މާލޭ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުތައް ކަނޑައަޅައި އިއުލާންކޮށްފަ އެވެ.
އެގޮތުން މާލެ ސަރަހައްދުގައި ހިދުމަތް ދޭން އަގުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މާލެ އާއި ހުޅުލެއަށް 60 ރުފިޔާ އަދި ހުޅުމާލޭން ހުޅުލެ އަށް 60 ރުފިޔާގެ އިތުރުން މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ އެތެރޭގައި 25 ރުފިޔާ އެވެ.
މީގެ އިތުރުން، ޓެކްސީގެ ޑިކީއަށް އަރުވާ ދާގީނާއަކަށް ވެސް ކަނޑައެޅި އަގުތަކަށް ވުރެ އިތުރަށް ފައިސާއެއް ނެގުމަކީ މަނާކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޓެކްސީތަކަށް އަންގާފަ އެވެ.
ބައެއް ޓެކްސީ ޑްރައިވަރުން ވަނީ ޓްރާންސްޕޯޓުން ކަނޑައެޅި އަގުތަކާ އެއްވަރަށް ދަތުރު ކޮށްދޭން ދެކޮޅު ހަދާ އިހްތިޖާޖު ކޮށްފަ އެވެ.