ޓެކްސީގެ ހިދުމަތް

ޓެކްސީ ޑްރައިވަރަކު އަނެއްކާވެސް ހައްޔަރުކޮށްފި

ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާތީ އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި ކުރި މުޒާހަރާއާ ގުޅިގެން އަނެއްކާވެސް އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

މުޒާހަރާއާއި ގުޅިގެން އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މއ. ނަހީދީ މަންޒިލް، މިސްބާހް ޝަރީފް (31 އ) އެވެ.

މިސްބާހް އަކީ ޑްރައިވާސް އެސޯސިއޭޝަންގެ އޮގަނައިޒިން ސެކްރެޓަރީ އެވެ.

ޓެކްސީ މުޒާހަރާ ކުރިއަށް ގެންދިޔައީ މި މަހުގެ 11 ވަނަ ދުވަހު ހަވީރުން ފެށިގެން އެރޭ ދަންވަރާ ހަމައަށް ހުޅުމާލޭ ގައެވެ.

މުޒާހަރާ ކުރިއަށް ގެންދިޔަ ރޭ ތިން ޓެކްސީ ޑްރައިވަރުން ކުރިން ހައްޔަރުކޮށްފައިވެ އެވެ. އޭގެތެރެއިން ދެ މީހުންގެ ބަންދަށް ކޯޓުން ފަސް ދުވަސް ދިން އިރު ޝަރުތުތަކަކާ އެކު ތިންވަނަ މީހާ ވަނީ ދޫކޮށްލާފަ އެވެ.

މިސްބާހް އާއި އަދި ކުރިން ހައްޔަރުކުރި ތިން ޑްރައިވަރުންނަށްވެސް އާންމު ދަތުރުފަތުރަށް ހުރަސް އަޅައި މަގު ބަންދުކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތެވެ.

މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ 22 އުޅަނދުވެސް ޓޯ ކޮށްފަ އެވެ.

ޓެކްސީ ޑްރައިވަރުންގެ މުޒާހަރާގައި ވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަގުތުން ވަގުތަށް އިސްތިއުފާ ދިނުމަށް ގޮވާލާފަ އެވެ.

ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި ސަރުކާރުން ޓެކްސީގެ ހިދުމަތް ދޭން ފަށައިފިނަމަ އެ މީހުންގެ އާމްދަނީ އެއްކޮށް ހުއްޓި، އެތައް އާއިލާއެއް ބިކަވުމުގެ ފުރުސަތު އެބައޮތެވެ.