ޓެކްސީގެ ހިދުމަތް

ޓެކްސީ ޑްރައިވަރުން ތަމްރީންކުރަން މިއަހަރުގެ ފުރަތަމަ ޕްރޮގްރާމު ހިންގައިފި

ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުން އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ފުލުހުން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުތަކުގެ ތެރެއިން މިއަހަރު ފުރަތަމަ ބުރު ނިންމާލައިފި އެވެ.

ތާޖުއްދީން ސްކޫލުގެ ހޯލުގައި މިދިޔަ ބުދަ ދުވަހާއި މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެ އެވެ.

އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގުތުންވެސް މައުލޫމާތު ދީފައިވެ އެވެ. އަދި އެފަދަ ހާލަތްތަކުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

މަގުމަތި ބަލަހައްޓާ ފުލުހުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޓެކްސީގެ ހިދުމަތާ އަލަށް ގުޅޭ 543 މީހުން ބައިވެރިވެފައިވެ އެވެ.

ޓެކްސީ ޑްރައިވަރުންގެ ތަމްރީނު ޕްރޮގްރާމުގެ ހަތަރު ބުރެއް ކޮންމެ އަހަރަކުވެސް ފުލުހުން ކުރިއަށް ގެންދެ އެވެ.

މި ތަމްރީނަކީ ޓެކްސީ ޑްރައިވަރުން ޓެކްސީ ކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަކުރުމަށް ގަވާއިދުގައި ކަނޑައަޅާފައިވާ ތަމްރީނެކެވެ.