ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާތީ އެކަމާ ދެކޮޅަށް ބޭއްވި އިހުތިޖާޖުގައި ބައިވެރިނުވާ ބައެއް ޓެކްސީ ފުލުހުން ޓޯ ކުރި ކަމަށް ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ތުހުމަތުކޮށްފި އެވެ.
ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން އުޅޭތީ އެކަމާ ކަންބޮޑުވުންފާޅުކޮށް މިމަހުގެ 11 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ޓެކްސީ ޑްރައިވަރުން ވަނީ ހުޅުމާލެ ރުއްގަނޑު އެކެއްގައި އިހުތިޖާޖެއް ބާއްވާފަ އެވެ.
ޑްރައިވާސް އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ސުލްހަވެރި އިހުތިޖާޖު އެރޭ 8:30 ގައި ނިންމާލުމަށްފަހު ޓެކްސީ ޑްރައިވަރުން ގެއަށް އަދި ދަތުރުކުރަމުން ދިޔަ މަގުމަތީގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ހައިވޭއާ ދިމާލުން ޓްރެފިކް ވަރަށް ބޮޑަށް ބާރު ބޮޑުވެގެން ދިޔަ ކަމަށެވެ.
މިކަމުގެ ސަބަބުން އާންމުންނަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ.
"އެއްވެސް ހާލެއްގައި ފުލުހުން ތުހުމަތުކުރާ ގޮތަށް އާންމުންނަށް ދަތިކޮށް މަގުތައް ބަންދުކުރުމަކީ މި ޖަމިއްޔާއިން އެއްވެސް ވަރަކަށް ތަރުހީބުދީ ހިތްވަރުދޭނެ ކަމެއް ނޫނެވެ،" ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
މުޒާހަރާ އާއި ގުޅިގެން ތިން ޑްރައިވަރެއް ހައްޔަރުކޮށް ގިނަ އަދަދެއްގެ ޓެކްސީ 30 ދުވަހަށް ޓޯކޮށްފައިވާތީ ޑްރައިވާސް އެސޯސިއޭޝަނުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
ޑްރައިވާސް އެސޯސިއޭޝަނުން ވަނީ އެކަމުގެ ސަބަބުން ޓެކްސީ ދުއްވާ މީހުންނާއި ކާރުގެ ވެރިންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ފާހަގަކޮށްފަ އެވެ. އަދި އިހުތިޖާޖުގައި ބައިވެރިނުވާ ގިނަ އަދަދެއްގެ ކާރުތައް ޓޯކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.