މޯލްޑިވްސް ޕޮލިސް ސާވިސް

ވީޑިއޯ ފެންނަނީ އުސޫލާ އެއްގޮތަށް ނައްތާލި އުޅަނދުތަކެއް: ޕޮލިސް

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ އުސޫލާ އެއްގޮތަށް ނައްތާލާފައިވާ އުޅަނދުތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.

ސޯޝަލްމީޑިއާގައި އާންމުވެގެން އުޅޭ ވީޑިއޯގައި ފެންނަނީ މާލެގެ މޭރީބްރައުންގެ އުތުރުން އޮންނަ ހުސް ބިމުގައި ހަދާފައިވާ ޓޯޔާޑުގައި ފުލުހުން ސައިކަލުތަކެއް ނައްތާލުމަށް ޕިކަޕެއްގައި ގެންގޮސް، އެތަނަށް އެ ސައިކަލްތައް ޖެހުނު ގޮތަކަށް އުކާލާ މަންޒަރެވެ.

ވީޑިއޯ އާންމުވުމާ އެކު އާންމުންގެ އެތައް ބައެއްގެ ފާޑުކިޔުން ފުލުހުންނަށް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.

ފުލުހުން މިރޭ ބުނީ ވީޑިއޯގައި ފެންނަނީ އުޅަނދުތައް ނައްތާލުމަށް އޮންނަ އުސޫލުގެ ތެރެއިން އިއްޔެ ނައްތާލާފައިވާ އުޅަނދުތަކެއް ކަމަށެވެ.

ނައްތާލި ކަމަށް ފުލުހުން ބުނާ އުޅަނދުތައް:

  • ދެ ފުރޮޅުލީ - 247 އުޅަނދު
  • ބައިސިކަލް - 223
  • ހަތަރު ފުރޮޅުލީ - 29 އުޅަނދު
  • އެމްބިއުލާންސް - 1

ފުލުހުން ބުނީ އިއްޔެ ނައްތާލި އުޅަނދުތަކަކީ މާލެ އާއި ހުޅުމާލެ އިން އެކި ދުވަސްތަކުގައި ޓޯކޮށްފައިވާ އުޅަނދުތަކެއް ކަމަށެވެ.

ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލޭ ގޮތަށް އަދި މުޖުތަމައުގެ އެއްބައިވަންތަކަން ގެއްލޭ ގޮތަށް މައުލޫމާތު ނުފެތުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.