ވެލާނާގެ

ޕާކްކުރާނެ ޖާގަ ނުލިބޭތީ މުވައްޒަފުން އިހުތިޖާޖުގައި

ސަރުކާރުގެ ގިނަ އޮފީސްތަކާއި އިދާރާތައް ހިންގަމުން އަންނަ ވެލާނާގެ އިމާރާތުގެ ކައިރީގައި ސައިކަލުތައް ޕާކް ކުރެވޭނެ ޕާކިން ޒޯނެއް ނެތުމުން ބައެއް މުވައްޒަފުން މިއަދު އިހުތިޖާޖު ކޮށްފި އެވެ.

ވެލާނާގެ އިމާރާތް ބޭރުގައި މިއަދު އިހުތިޖާޖު ކޮށްފައިވަނީ ވެލާނާގެ އިމާރާތް ކައިރީގައި ކުރިންސުރެ ހުންނަ ޕާކިން ޒޯން މިއަދު ބަންދު ކުރުމުންނެވެ. ވެލާނާގޭގައި މަސައްކަތް ކުރާ މުވައްޒަފުން މިއަދު އޮފީހަށް ދިޔައިރު އެތަން ވަނީ ސަތަރި ދަމާ ބަންދުކޮށްފަ އެވެ.

ވެލާނާގެ ސަރަހައްދުގައި ޕާކްކުރުން މަނާކޮށްފައިވާ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ސައިކަލުތަކެއްގައި މިމަހުގެ 12 ވަނަ ދުވަހު ފުލުހުން ވަނީ ސްޓިކާ ޖަހާފަ އެވެ. އޭގެ ފަހުން އެ ސަރަހައްދުގައި ޕާކް ކުރުން ވަނީ ހުއްޓާލާފަ އެވެ.

އިހުތިޖާޖުގެ ބައިވެރިންގެ ކަންބޮޑުވުމަކީ ޕާކް ކުރާނެ އިތުރު ތަނެއް ނުދައްކާ ޕާކިން ޒޯން ބަންދު ކުރުމެވެ.

"ކޮންތާކުތޯ ޕާކް ކުރަންވީ؟" އިހުތިޖާޖުގެ ބައިވެރިއެއް ގެންގުޅު ބޯޑެއްގައި ލިޔެފައިވެ އެވެ.

އިހްތިޖާޖުގެ ބައިވެރިން ވަނީ ރައްޔިތުންގެ މަޖިލިސް ކައިރިއަށްވެސް އެއްވެ އެމީހުންގެ އަޑު އުފުލާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ މަޖިލިސް ސަރަހައްދުގައި އަންހެނުންތަކެއް އިހުތިޖާޖު ކުރައްމުން ދާތީ އެ ތަނަށް ދިޔުމުން އެއީ ހައްގުތަކެއް ގެއްލިގެން އިހުތިޖާޖު ކުރާ ބައެއްކަން އެނގިވަޑައިގަތް ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެ މީހުންގެ ޝަކުވާ އަކީ ޕާކް ކުރާނެ ތަނެއް ނުދައްކާ ސްޓިކާ ޖެހުމާއި ސައިކަލު ޓޯ ކުރުން ކަމަށެވެ.

"އޭގެ ތެރެއިން ބޭފުޅުން ވިދާޅުވި މިއުޅެނީ ލިބޭ އާމްދަނީއަކުން ފަރު ނުޖެއްސިގެންނޭ. އެކަމަކު ތިމަންނަމެންގެ ސައިކަލުތައް ވީ ޓޯ ޔާޑުގަ އޭ. ސައިކަލުތަކުގަ ޖަހާފަ ހުރި ސްޓިކާތަކަށް ދައްކަން ޖެހޭ އަދަދު އެހާ ބޮޑޭ. ކިހިނެއް ހެއްޔޭ ތިމަންނަމެން މިކަންކަން ކުރަނީ،" ޝިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުން ޕާކް ކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެ ވަޑައިގެންނެވިކަން އިހުތިޖާޖުކުރަމުންދާ މީހުން ފާހަގަކުރި ކަމަށް ޝިޔާމް ވިދާޅުވި އެވެ.