މޯލްޑިވްސް ޕޮލިސް ސާވިސް

ނުރައްކާތެރިކޮށް ދުއްވާ އުޅަނދު 30 ދުވަހަށް ހިފަހައްޓަނީ

ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ހިފައްޓާ އުޅަނދު 30 ދުވަހަށް ހިފެހެއްޓޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާބެހޭ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

ގަވާއިދުގައި ކުރިން އޮތް ގޮތުން ޓޯކުރާ ވެހިކަލް ހަވާލުކުރަނީ ޖޫރިމަނާ ފައިސާ އާއި ވެހިކަލްއަށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާ ދައްކާ ނިމުމުންނެވެ.

މި ގަވާއިދަށް އިސްލާހު ގެނެސް އަމަލުކުރަން ފެށީ ހޯމަ ދުވަހުން ފެށިގެންނެވެ.

އިސްލާހުގައިވާ ގޮތުން އުޅަނދާ ހަވާލުވުމުގެ ކުރިން އުޅަނދުގެ ވެރިފަރާތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ނުވަތަ އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާއެއް އޮތްނަމަ އެ ޖޫރިމަނާއެއް ބަލައިގަތުމަށް ކަނޑައަޅާފައިވާ އިދާރާއަކަށް ފައިސާ ދެއްކިކަމުގެ ލިޔުން ހުށަހަޅަންޖެހެ އެވެ.

އެފަދަ އިދާރާއަކަށް ޖޫރިމަނާ ފައިސާ ދެއްކުމަށް ވަކި އުސޫލަކަށް އެއްބަސްވެވިގެން ފައިސާ ދައްކަމުންދާނަމަ އެފަދަ އެއްބަސްވުމެއް އޮތްކަން އެނގޭނެ ލިޔުމާއި އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުންދާކަމުގެ ލިޔުމާއި ފުލުހުންގެ ބެލުމުގެ ދަށަށް އެ އުޅަނދެއް ގެނެވުނު ސަބަބާ ގުޅިގެން ދައްކަންޖެހޭ ޖޫރިމަނާ ދެއްކިކަމުގެ ލިޔުންވެސް ހުށަހަޅަންޖެހެ އެވެ.

އިސްލާހުގައިވާ ގޮތުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ހިފަހައްޓާ އުޅަނދު ދޫކުރާނީ 30 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.

ސްޕީޑް ލިމިޓާ ހިލާފަށް ދެ ފަހަރަށްވުރެ ގިނަ ފަހަރު ދުއްވުމުގެ ސަބަބުން ހިފަހައްޓާ އުޅަނދުތަކާއި ލައިސަންސް ނެތި އުޅަނދު ދުއްވުމުން ހިފަހައްޓާ އުޅަނދު ދޫކުރާނީ 15 ދުވަސްފަހުން ކަމަށް ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރުމުން ޓޯކުރާ އުޅަނދު ދޫކުރާނީ އެ އުޅަނދެއް ޓޯކުރާ ވަގުތުން ފެށިގެން 48 ގަޑިއިރު ހަމަވުމުން ކަމަށް އިސްލާހުގައިވެ އެވެ.

ގަވާއިދަށް މި އިސްލާހުތައް ގެނެސްފައި މި ވަނީ މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް މިފަހުން ހިނގާފައިވަނިކޮށެވެ.